މާދަމާ ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ނުވަ ޓީމުގެ ތެރެއިން އަށް ކްލަބަކަށް ލައިސަންސް ލިބިފައިވާއިރު، ލައިސަންސް ނެގުމަށް ފ. ނިލަންދޫ އަށް އިތުރު ފުރުސަތެއް ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
13 ޖޫން 2019
މާދަމާ ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ނުވަ ޓީމުގެ ތެރެއިން އަށް ކްލަބަކަށް ލައިސަންސް ލިބިފައިވާއިރު، ލައިސަންސް ނެގުމަށް ފ. ނިލަންދޫ އަށް އިތުރު ފުރުސަތެއް ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އޭއެފްސީން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖޭގެ ކްލަބްތައް ފެއްތުމުގެ ގޮތުން ލޯކަލް ކްލަބް ލައިސަންސިން ސިސްޓަމެއް އުފައްދައި އެފްއޭއެމުން މި އަހަރު ފެށުނީއްސުރެން އަންނަނީ ކްލަބްތަކަށް ލައިސަންސް ހޯދައިދޭން ކުރަން ޖެހޭ ކަންތައްތައް ފަހިކޮށްދެމުންނެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ ޕްރިމިއާ ލީގުގައި ކުޅެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭނެ ފެންވަރުގެ ޓީމުތައް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ލޯކަލް ލައިސަންސަކީ ވެސް އޭއެފްސީ ލެވެލްގެ ލައިސަންސަކަށް ވަނީ ހަމަޖައްސަައިފަ އެވެ.
ލައިސަންސް ލިބިގެން މި ފަހަރުގެ ޕްރިމިއާ ލީގުގެ ޖާގަ މިހާތަނަށް ޔަގީންކޮށްފައިވާ އަށް ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބް، މާޒިޔާ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ޔުނައިޓެޑް ވިކްޓަރީ، ދަ ގްރާންޑޭ، އީގަލްސް އަދި ފޯކައިދޫ އެވެ. ލޯކަލް ކްލަބް ލައިސަންސިން ފުރިހަމަކުރާ ކްލަބްތަކަށް އޭއެފްސީގެ ލައިސަންސް ހޯދުމަށް ފަސޭހަވާނެ އެވެ. އަދި އަންނަ މަހު އޭއެފްސީ ކްލަބް ލައިސަންސް ޓީމެއް ރާއްޖޭ އައިސް ކްލަބްތަކުގެ ލައިސަންސިން ކަންތައް އޯޑިޓްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭއެފްސީ ކްލަބް ލައިސަންސް ލިބޭނެ ޓީމުތައް އެނގޭނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
މިއަދު ހަވީރު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ނިލަންދޫ އަށް ލީގުގައި ބައިވެރިވެވޭނީ މިރޭ 12 ޖެހުމުގެ ކުރިން ލޯކަލް ލައިސަންސް އަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ހަމަކޮށް އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް އެ ކްލަބަކަށް ދީފައިވާ ހާއްސަ ލޮގިން އަކުން ހުރިހާ ލިޔެކިއުންތަކެއް އަޕްލޯޑް ކުރުމުން ކަމަށެވެ.
"މި މަހު 8 އަށް އެ ޑެޑްލައިން ދެން 11 އަށް އަނެއް ޑެޑްލައިން ދެމުން މި އައީ. އެންމެ ފަހު ފުރުސަތަކަށް މި އޮތީ މިރޭ 12 ޖެހުމާ ހަމައަށް. އެ ވަގުތަށް ނިލަންދޫން އެބަޖެހޭ ހުރިހާ ލިޔެކިއުމެއް އަޕްލޯޑްކުރަން. މި ފުރުސަތު ވެސް ދޭން ނިންމީ ނިލަންދޫން އެކަން ކުރެވޭނެކަމުގެ ޔަގީންކަން ދޭތީ. މިއީ ކުރަން އުނދަގޫ ކަމެއް ވެސް ނޫން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކްލަބް ލައިސަންސިން މެނޭޖަރު ޝިބާ(ވ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރު ލީގުގައި ނިލަންދޫ ވާދަކުރީ ޖަމިއްޔަތުން ޝަބާބު ނިލަންދޫގެ ނަމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދީފައިވާ ވަގުތީ ހުއްދައަކާ އެކު އެވެ. އެކަމަކު އަލުން މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅެން ނިލަންދޫ އިން އާ ކްލަބެއް ރަޖިސްޓްރީކޮށް ހުރިހާ ކަމެއް ފުރިހަަމަކުރަމުން އަންނައިރު، އެކި ކަހަލަ ހުރަސްތަކެއް އެބަހުއްޓެވެ.
ނިލަންދޫގެ އޮފިޝަލަކު މިއަދު "މިހާރަ"ށް ބުނީ ލައިސަންސް ލިބޭ ވަރަށް ކަންތައްތައް ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދީފައިވާ މުއްދަތަށް އެކަން ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މި ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ނިލަންދޫގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފުރަތަމަ ޑިވިޝަނުގައި ކުރިން އެކި ޓީމުތަކުން ފެނުނު އަހުމަދު މުޖުތަބާ (ފެސްކޯ) އެވެ.
އެފްއޭއެމުން ނެރުނު ޝެޑިއުލްގައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ނިލަންދޫ އާއި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ދަ ގްރާންޑޭ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ޖާގަ ގެއްލުނީ ކްލަބް ލައިސަންސް ނެތުމުންނެވެ. އެކަމުގައި އެފްއޭއެމަށާއި ކްލަބްތަކަށް ގިނަ ފާޑުކިއުން އަމާޒުވި އެވެ. ކްލަބް ލައިސަންސިން ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ކްލަބް ވެލެންސިއާގެ ކުރީގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ކްލަބް ލައިސަންސިން މެނޭޖަރަކަށް ހަމަޖައްސައިފަ އެވެ.
ޝިބާ ވިދާޅުވީ މަގާމާ ހަވާލުވެ ފާއިތުވި ހަ ވަރަކަށް މަސް ދުވަހު ހުރިހާ ކްލަބްތަކާ އެކު ވަކިވަކިން ވެސް މަޝްވަރާކުރެވުނު ކަމަށާއި އަދި ކްލަބް ލައިސަންސިން ސިސްޓަމަށް ކްލަބްތައް އަހުލުވެރިކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ.
އޭނާ ވިދާޅުވީ ކްލަބްތަކަށް ދަތިތަކެއް ހުރި ކަންކަން ފުރިހަމަކުރުމުގެ ގޮތުން މެޑިކަލް އޮފިސަރުންނާއި ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ކުޅުންތެރިންގެ މެޑިކަލް ޓެސްޓްތައް ހެދުމަށާއި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކުރުމުގައި އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އޭއެފްސީ ކަޕަށް ރާއްޖޭގެ ކްލަބްތައް ގެންގޮސްދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށްވާއިރު، ކުރެވުނު މަސައްކަތުގެ ނަތީޖާ އަކަށްވާނީ އަލުން ރާއްޖެ އަށް އެ މުބާރާތުން ފުރުސަތު ލިބުންކަން ޝިބާ ފާހަގަކުރި އެވެ.
"އަޅުގަނޑު ދަންނަވާނީ މިދިޔަ ހަ މަސް ދުވަހު ވަރަށް ކާމިޔާބު މަސައްކަތެއް މި ކުރެވުނީ ކްލަބްތަކާ އެކު. އެކި ކަހަލަ ވޯކްޝޮޕްތަކާ އެކި ކަންކަން ބޭއްވިއްޖެ. މި ސަރަހައްދުގެ ފުޓްބޯޅަ ޗާޓުން ރާއްޖެ ގެއްލިފައި އޮތީ. އެ ޗާޓަށް އަލުން ކްލަބްތައް ގެންގޮސްދިނުން ބޭނުމަކީ. އިރާދަކުރެއްވިއްޔާ އެކަންވާނެ،" ޝިބާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލުމުން މީޑިއާގައި ކްލަބްތަކަށް ވެސް ބަދުބަސްތަކެއް ބުނެވިފައިވާ ކަމަށާއި އެކަމަކު މިހާރު އެކަމަށް ހައްލެއް ލިބި ކުރެވުނު މަސައްކަތަށް ފަހު މިހާރު އެނގިގެންދިޔައީ ރާއްޖޭގައި ވެސް އޭއެފްސީ ފެންވަރުގެ ކްލަބްތަކެއް ހުރިކަން ކަމަށެވެ.
ދިވެހި ލީގު: ތިން ވަނަ ބުރުގައި އަށް ޓީމު ކުޅޭނެ
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު 8 ގައި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހު؟
ޝަރުތަކާ އެކު ނިލަންދޫ އަށް ލީގުން ފުރުސަތު ދީފި
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް މި ފަހަރު ދިރާގު
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
ދިވެހި ޕްރިމިއާ ލީގު ފަށާނީ ރޯދައިގެ ފަހުން؟
ދިވެހި ލީގު އެފްއޭމުން ނެރެ ޕްރައިވެޓައިޒްކުރަންވީ!
ގޯލްޑް ކަޕްގެ ހިނިތުންވުމާއެކު، ދޫނުދީ ފޯރި ދިރުވަންވީ
ދިވެހި ލީގު: މާލެ 10، އަތޮޅުތައް 0