Roadha Mihaaru
ގާނޫނާ ހިލާފު ކަމެއް މައުމޫން ނުކުރައްވާނެ: ޕީޕީއެމް

ގާނޫނާ ހިލާފު ކަމެއް މައުމޫން ނުކުރައްވާނެ: ޕީޕީއެމް

07 ސެޕްޓެމްބަރ 2016

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިވަޑައިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިވަޑައިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން މިއަދު ދީފި އެވެ.

ޕީޕީއެމުން ނެރުނު ކުރު ބަޔާނެއްގައި ބުނީ "މައުމޫން އަބަދުވެސް އަމަލުކުރައްވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް މައުމޫން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެ ޕާޓީން ދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމުން މި ބަޔާން ނެރެފައި މިވަނީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ނަޝީދު ވިދާޅުވީ މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށެވެ. މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެމަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ".

ނަޝީދު މިހެން ވިދާޅުވުމާ އެކު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން މަސައްކަތްކުރަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ.

ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި މައުމޫން ބައިވެރިކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ހުރިހާ އެންމެން ވެސް ގާނޫނުއަސާސީއާ އެއްގޮތަށް އަމަލްތައް ބަހައްޓަން އެކަނި މައުމޫން ގޮވާލެއްވުމުން ރައީސް ޔާމީން ފެކްޝަންގެ މެމްބަރުންގެ ފާޑުކިއުން ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފަ އެވެ.