Roadha Mihaaru
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"

މައުމޫން، ޖަލުގައި 50 ދުވަސް: "ނާތަހުޒީބު އަމަލެއް؟"

27 މާޗް 2018

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 50 ދުވަސް ވީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 50 ދުވަސް ވީ އެވެ.

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ އެކު، ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ގަބޫލުކުރައްވަނީ މި ގޮތަށެވެ: މައުމޫން، ގޮޅީގައި އޮންނަވަން ޖެހިވަޑައިގަތީ، ގާނޫނާ ޚިލާފަށް ސަރުކާރުގެ ވައްޓާލަން އުޅުއްވުމުންނެވެ.

އެކަމަކު އެހެން މީހުންގެ ނަޒަރުގައި، ހުޅުވިފައިވާ ޑިމޮކްރަސީއެއްގައި ދިމާވާނެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން މައުމޫނާ މެދު އެގޮތަށް ކަންތައްކުރުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ.

ހުކުމުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެކެއްގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް "ބަޣާވާތް" ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.

ކުރީގެ ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި.

ކުރީގެ ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި.

އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ކަމުގައި ދެކޭ ގޮތް ތަފާތެވެ.

އެ މީހުން ދެކޭ ގޮތުގައި، މައުމޫނަށް ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެކެވެ. އުމުރުފުޅުން 80 އަށް ވުރެ މަތިވެފައިވާ އަދި ދައުލަތުގެ އެންމެ މަތީ ޝަރަފާއި ލަގަބު އަރުވާފައިވާ މައުމޫން ޖަލު ގޮޅީގައި ބާއްވަން ޖެހޭ ވަރުގެ ކުށެއް އެމަނިކުފާނު ނުކުރައްވާ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މައުމޫންގެ ކުށަކީ، އިދިކޮޅުން ބުނާ ގޮތުގައި، ސަރުކާރާ މެދު ނުރުހުންވެވަޑައިގަތުމެވެ. މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ބަސް ވިދާޅުވަމުން ގެންދެވުމެވެ. އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްޕުޅު ފެއްޓެވުމެވެ. ރައްޔިތުންނަށް ފާގަތި ދުވަސްތަކަކަށް ވިސްނައި، ގައުމުގެ މިސްރާބު ބަދަލުކޮށްލައްވަން މަސައްކަތްޕުޅު ކުރެއްވުމެވެ.

އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވީ ޑިމޮކްރަސީ އާއި އިސްލާހަށް ކުރެއްވި މަސައްކަތުގެ ބަދަލެއްގެ ގޮތުން މައުމޫން ޖަލަށް ލުމަކީ މި ސަރުކާރުގެ "ނާތަހުޒީބު އަމަލެކެ"ވެ.

މައުމޫން ޖަލު ބަންދުގައި ގެންގުޅޭތީ ކަންބޮޑުވުންފާޅުކުރައްވައި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓުވީޓެއް.

ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުމަކީ، ހުކުމެއް ނެތި ޖަލު ބަންދުގައި މައުމޫން ގެންގުޅުމެވެ. ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެކަމުގެ ކިތާބީ ހެކި ހުރި ކަމަށް ބުނުމަށް ފަހު، އެމަނިކުފާނުގެ މައްޗަށް ފުރަތަމަ އުފުލީ ހެކި ނައްތައިލުމުގެ ދައުވާ އެވެ. އެކަމަކު އެންމެ ފަހުން، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ހައްޔަރުކޮށް، މައުމޫނާ ދޭތެރޭގައި އަމަލުކުރާ ގޮތާ މެދު ވެސް ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އަށް ގަޑިއިރު ބޭންދެވުމަށް ފަހު، އެމަނިކުފާނު އަނބުރާ ފޮނުވާލުމަކީ ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި މައްސަލައެކެވެ.

މައުމޫންގެ ތާރީހަށް ބަލާއިރު ޖަލަކީ އާ ތަނެއް ނޫނެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް 50 ދުވަހު ކުޑަގޮޅީގައި ހޭދަކުރައްވައިފަ އެވެ. އެހެންކަމުން، މައުމޫނަށް ތާއީދުކުރާ ބައެއް މީހުން ބުނަނީ، ޖަލަށް ލައިގެން މައުމޫންގެ ހިތްވަރުފުޅު ބަލިކަށިނުވާނެ ކަމަށެވެ.