Roadha Mihaaru
ރުއްގަހަށް ހާއްސަ ނާސަރީތަކެއް. ހައްލަކަށް ވެދާނެ

ރުއްގަހަށް ހާއްސަ ނާސަަރީތަކެއް. ހައްލަކަށް ވެދާނެ

18 ޖޫން 2019

ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ފެހިކުރުމަށް ރުކާއި ގަސް ގެންދިއުމުގެ ސަބަބުން އެތައް ރަށެއް މިހާރު ވެސް އެވަނީ ހަނަފަސްކޮށްލައިފަ އެވެ. ރުކަކަށް 500ރ. ނުވަތަ 800ރ. ގެ ރޭޓުން ކޮންމެ ރަށަކުން އެތައް ސަތޭކަ ރުކެއް ގަނެލަނީ އެވެ. އާ ރިސޯޓްތަކަށް ރުކުގެ ޑިމާންޑް ބޮޑުވެފައިވާއިރު ތިމާވެއްޓަށް އޭގެ ސަބަބުން އެތައް ގެއްލުމެއް ދަނީ ލިބެމުންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ފެހިކުރުމަށް ރުކާއި ގަސް ގެންދިއުމުގެ ސަބަބުން އެތައް ރަށެއް މިހާރު ވެސް އެވަނީ ހަނަފަސްކޮށްލައިފަ އެވެ. ރުކަކަށް 500ރ. ނުވަތަ 800ރ. ގެ ރޭޓުން ކޮންމެ ރަށަކުން އެތައް ސަތޭކަ ރުކެއް ގަނެލަނީ އެވެ. އާ ރިސޯޓްތަކަށް ރުކުގެ ޑިމާންޑް ބޮޑުވެފައިވާއިރު ތިމާވެއްޓަށް އޭގެ ސަބަބުން އެތައް ގެއްލުމެއް ދަނީ ލިބެމުންނެވެ.

ރުކަކީ ރަށުގެ ވެލިގަނޑު ހިފަހައްޓައިދިނުމާއި ރަށް ގިރުން ކުޑަކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ވަސީލަތެކެވެ. އެހެންކަމުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރުކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ހަމަ އެހެންމެ ރާއްޖެއަކީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ އިގްތިސާދެއް އޮތް ގައުމަކަށް ވާއިރު އާ ރިސޯޓްތައް ހެދުން ވެސް ވަނީ މުހިންމު ކަމަކަށް ވެފަ އެވެ.

ކ. ކާށިދޫން ނެގި ރުއްތަކެއް އުޅަނދަކަށް ބަރުކުރަނީ: އެއްފަހަރާ ގިނަ އަދަދަކަށް ރުއް ނަގާ މައްސަލަ ބޮޑު

ކ. ކާށިދޫން ނެގި ރުއްތަކެއް އުޅަނދަކަށް ބަރުކުރަނީ: އެއްފަހަރާ ގިނަ އަދަދަކަށް ރުއް ނަގާ މައްސަލަ ބޮޑު

އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓްތަކުގައި އިންދާނެ ރުއްގަސް ރާއްޖެއަކުން ނުލިބެ އެވެ. ރުއް ވިއްކުމުގެ ވިޔަފާރި ފުޅާވެފައިވާއިރު ވަގަށް ވެސް އެ ވިޔަފާރި ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީހުންގެ ރުއްގަސް އެކަންޏެއް ނޫން ފަޅުރަށްރަށަށް އަރާ ނާޖާއިޒު ގޮތުގައި ރުއް ގެންދާކަމުގެ ޝަކުވާ ވެސް އެބަ ލިބޭ،" ޑރ. ހުސެން ވިދާޅުވި އެވެ.

އެ ހުރިހާ ސަބަބުތަކާ ހުރެ އެއީ މިހާރު ކޮންމެހެން ހައްލު ކުރަން ޖެހިފައިވާ މައްސަލައެކެވެ. އަދި ރުއްގަސް ނަގައިގެން އެއް ތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ގަވައިދުން ވެސް އެގޮތަށް ރިސޯޓްތަކަށް ރުއް ގެންދިއުން ހުއްދައެއް ނުކުރެ އެވެ. ދެން ޖެހެނީ ރާއްޖެ އިން ބޭރުން ރުއް އެތެރެކުރާށެވެ.

ފެހިކަން ގަދަ ލ. ބަރެސްދޫ: ރުއް ވިއްކަން ހާއްސަ ނާސަރީތަކެއް އުފައްދަން ވަނީ ނިންމާފައި -- ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ/ ދި އެޑިޝަން

ފެހިކަން ގަދަ ލ. ބަރެސްދޫ: ރުއް ވިއްކަން ހާއްސަ ނާސަރީތަކެއް އުފައްދަން ވަނީ ނިންމާފައި -- ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ/ ދި އެޑިޝަން

ރުއްގަސް ނެގުމާ ބެހޭ ގޮތުން މިހާރު އަމަލުކުރާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ކަނޑާ ނުވަތަ އުފުރާ ނަމަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި އެއްފަހަރާ 200 ރުކަށް ވުރެ ގިނައިން ނަގާ ނަމަ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ.

އެ ގަވައިދަށް އަމަލު ނުކުރާ މައްސަލަ ބޮޑެވެ. މި ސަރުކާރުން ނިންމާފައިވަނީ އެ ގަވައިދު އިސްލާހު ކުރުމަށެވެ. އެގޮތުން ގަވައިދަށް ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ފޯރަމެއް ވެސް ވަނީ ބާއްވައިފަ އެވެ. އާ ގަވައިދުން ރުއްގަސް ނެގުމުގެ މައްސަލައަށް ހައްލު ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ވިޔަފާރީގެ ގޮތުގައި ރުއްގަސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން ނާސަރީތައް ހެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނާސަރީގެ ގޮތުގައި ރުއްގަސް ހައްދަން ބޭނުންވާ މީހުންނަށް ބިން ދޫކޮށްގެން އެކަން ކުރުން. އަޅުގަނޑުމެން މި ގެންނަ ގަވައިދުގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ހަމަޖެހިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އަދި އެންވަޔަރަމެންޓް މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ. ފަޅުރަށްތައް ގިނަ ރާއްޖޭގައި އެއީ ކުރެވޭނެ ކަމެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ދެކެ އެވެ. އަދި އެއީ ރަނގަޅު ވިޔަފާރިއަކަށް ވާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ. އޭރުން ރާއްޖެއިން ބޭރުން ރުއްގަސް އެތެރެކުރުން ހުއްޓުމަކަށް ގެނެވިދާނެ އެވެ.

ރާއްޖޭގެ ރަށެއްގައި ހެދެމުން ދާ ރުއްތަކެއް: ރުކާއި ގަހަށް ހާއްސަ ނާސަރީތަކެއް ބޭނުންވޭ

ރާއްޖޭގެ ރަށެއްގައި ހެދެމުން ދާ ރުއްތަކެއް: ރުކާއި ގަހަށް ހާއްސަ ނާސަރީތަކެއް ބޭނުންވޭ

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި ރުކަކީ މިހާރު ރާއްޖޭގައި ޑިމާންޑް އޮތް ވިޔަފާރިއަކަށް ވާއިރު ވަކި ނާސަރީތަކެއް ހަދައިގެން އެ ވިޔަފާރި ފުޅާކުރެވިދާނެ އެވެ.

އެކަން ކުރުމަށް މިހާރު ދަނޑުވެރިކަމަށް ބިން ދޫކުރާ އުސޫލުން ބިން ދޫކޮށްގެން ނުވަތަ ފަޅުރަށްތައް ދީގެން ވެސް ރުއްގަސް ހައްދައި، ވިޔަފާރީގެ ގޮތުގައި ވިއްކަން ބޭނުންކުރެވިދާނެ ކަމަށް ޑރ. އިބްރާހިމް ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގައި ދަނޑުވެރިކަން މިކުރަނީ ވަރަށް އަވަހަށް ލިބޭ ތަކެއްޗަށް އަމާޒުކޮށްގެން. ރުއް ވިއްކާކަމުގައި ވާ ނަމަ އެ ބޭނުންވާ ވަރަށް ބޮޑުވާން ހަތަރު ވަރަކަށް އަހަރު އެބަ ނަގާ. އެހެންވެ ހާއްސަ ނާސަރީތަކެއް ހެދުން ރަނގަޅު،" ތިމާވެށީގެ ދާއިރާއިން ޕީ.އެޗްޑީ ހާސިލް ކުރައްވާފައިވާ އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖޭގެ ނާޒުކު ރަށްތައް ހަނަފަސްކުރާ މައްސަލައަށް މިއީ ރަނގަޅު ހައްލެއް ކަމަށް ބެލެވެ އެވެ. އޭރުން ރިސޯޓްތަކަށް ގެންދަން ނާސަރީތަކުން ރުއްގަސް ގަނެވޭނެ އެވެ.