Roadha Mihaaru

ގައިދީ ދޫވުމުން އިސްވެރިއަކަށް އެޅި ފިޔަވަޅު ރިވިއުކުރަން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓު ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ދިން ލަފާ އަލުން މުރާޖައާ ކުރަން ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު އަންގަވައިފި އެވެ.

ގައިދީ ދޫވުމުން އެޅި ފިޔަވަޅު ރިވިއުކުރަން އަންގައިފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

19 ޖޫން 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓު ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ދިން ލަފާ އަލުން މުރާޖައާ ކުރަން ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު އަންގަވައިފި އެވެ.

ޖަލުން ދޫވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އެއީ، ރައީސަށް މާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ.

ކަރެކްޝަނަލް ސާވިސަސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ބެލުމަށް ފަހު އެންގީ ގައިދީ ދޫވުމުގައި ޒިންމާ އުފުލަންޖެހޭ ދެ މީހެއްގެ މަގާމު ދަށްކުރުމަށެވެ. އެ ނިންމުން އަލުން ބަލައިދޭން މުނާޒު އެދިވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.

ކަރެކްޝަންސުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ.

ކުށްވެރިޔާ ދޫވާނީ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުންނެވެ.

މިކަމުގައި މުނާޒާއި ތޮލާލްގެ ވެސް މަސްލަހަތު ހިމެނޭތީ، ތަހުގީގުގައި ދެ މީހުންގެ ވެސް ދައުރެއް ނޯންނާނެ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް މާފު ނުދެވޭ ކުށްތަކުގައި ހިމެނޭ ނުވަ ގައިދީއަކު ދޫވި ކަމުގެ އަޑު ފެތުރުނެވެ. ކަރެކްޝަންސް އިން އެކަން ދޮގުކުރިޔަސް ހޯމް މިނިސްޓްރީން ބުނެފައިވަނީ އެކަން ސާފުވާނީ ގައިދީ ދޫވި މައްސަލައިގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށެވެ.

ގައިދީ ދޫވި އިރު ޖަލުތައް ހިންގާ ގޮތުން ގިނަ މައްސަލަތަކެއް، ޖަލު އޮޑިޓް ކުރަން ހެދި ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެކަން އިސްލާހު ކުރަން ވެސް ކަމާބެހޭ އިދާރާތަކަށް ވަނީ ލަފާ ދީފަ އެވެ.