Roadha Mihaaru
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި

ޔާމީން ވެއްދީ ޚާއްސަ ޔުނިޓުގެ ފެންވަރު ރަނގަޅު ކޮށްފައި: އިމްރާން

26 ޖެނުއަރީ 2020

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގު ކުރައްވައިފި އެވެ.

މާފުށީ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލު ކުރެއްވުމަށް ފަހު، އަދުރޭ ވިދާޅުވީ ރަނގަޅަށް ފަރިއްކުޅުއްވުމުގެ ފުރުސަތު ނުދޭތީ އެމަނިކުފާނު ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށެވެ. ޔާމީން ހުންނެވި ހާލުކޮޅު ފެނިފައި ހިތްދަތިވި ކަމަށް ވެސް ވިދާޅުވި އެވެ.

އަދުރޭގެ އެ ވާހަކަތަކާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޔާމީން އޮންނެވީ އެމަނިކުފާނުގެ ވެރިކަމުގައި، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ބަންދުކުރި ތަނުގައި ކަމަށެވެ. އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައިވާ ކަމުގެ ޔަގީންކަން، ޔާމީންގެ ސަރުކާރުގައި ޓެރަރިޒަމްގެ ހުކުމް އިއްވައި ޖަލުގައި ބަންދކުރި އިމްރާން ދެއްވި އެވެ.

ނަޝީދާއި މައުމޫންގެ އިތުރުން ވެސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހުކުމް އިއްވި ސިޔާސީ ބޭފުޅުން އެތަނުގައި ބޭތިއްބި އެވެ. ފަހުން، އެ ޔުނިޓް މަރާމާތުކޮށް، ޖާގަ އިތުރުކުރި އެވެ.

ޔާމީންގެ ސަރުކާރުން އެ ޔުނިޓް ހެދީ، ޖަލަށް ހުކުމް ކުރާ ސިޔާސީ ބޭފުޅުންނަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމަށެވެ.

އިމްރާންގެ ޓުވީޓް: އިމްރާން ވިދާޅުވީ ޔާމީން ހުންނެވި ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައިވާ ކަމަށް.

އަދުރޭ ވިދާޅުވެފައިވާ ގޮތުގައި ޔާމީން ވަނީ، އެތައް ހައްގަކުން މަހްރޫމްކޮށްފަ އެވެ.

"ވިދާޅުވީ ފެންވެރުމުގެ ކަންކަން ވަރަށް ދައްޗޭ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހި ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްތުގައި އަޑުގަދަ ކުރަނިއްޔޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމާ އެ ވާހަކަ އަޑުއަހާކަށް އަޅުގަނޑަށް އިތުރަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު،" ސިޔާސީ ގޮތުން ޔާމީނާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ މި ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ހޯމް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނުގައި ވެސް ބުންޏެވެ.

އެ ބަޔާނުގައި ބުނީ ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކަށަވަރުކޮށްދޭން ޖެހޭ އެންމެހައި އަސާސީ ހައްގުތަކާއި އިނާޔަތްތަކެއް އަންނަނީ ފޯރުކޮށްދެމުން ކަަމަށެވެ. މީޑިއާގައި އާއްމު ކޮށްފައިވާ އެއްވެސް ޝަކުވާއެއް ޔާމީންގެ ފަރާތްޕުޅުން އަދި އެމަނިކުފާނުގެ ވަކީލުގެ ފަރާތުން ވެސް ހުށަހަޅާފައި ނުވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ހޯމް މިނިސްޓްރީގެ ބަޔާން

ބަޔާނުގައި ބުނީ ޑިސެމްބަރު، 30، 2019 ގައި ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަންސް ސާވިސް އަދި ޖަލުތަކުގެ މިހާރުގެ ވެރިޔާ އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި ކުރިއަށް ގެންދެވި އިންސްޕެކްޝަންސްގައި ވެސް ޔާމީނާ ބައްދަލުކުރައްވައި ހާލު ބެއްލެވި ކަަމަށެވެ. އެކަމަކު މީޑިއާގައި މިހާރު ދައްކާފައިވާ އެއްވެސް ވާހަކައެއް ގައިދީ ވިދާޅުނުވާ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުންޏެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިފަ އެވެ.