Roadha Mihaaru
ޗެލްސީ އަކީ މާޒީ، ޔުވެންޓަސް ވަރަށް ހާއްސަ: ސާރީ

ޗެލްސީ އަކީ މާޒީ، ޔުވެންޓަސް ވަރަށް ހާއްސަ: ސާރީ

21 ޖޫން 2019

ޓިއުރިން (ޖޫން 21) - ޗެލްސީ އަކީ މިހާރު އޭނާގެ މާޒީ ކަމަށާއި ޔުވެންޓަސްއާ ހަވާލުވީ އެއީ ހާއްސަ ކްލަބަކަށްވެފައި އެ ޓީމުން އޭނާ ބޭނުންވާކަން ސާބިތުކޮށްދިނުމުން ކަމަށް ޔުވެންޓަސްއާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ޖޫން 21) - ޗެލްސީ އަކީ މިހާރު އޭނާގެ މާޒީ ކަމަށާއި ޔުވެންޓަސްއާ ހަވާލުވީ އެއީ ހާއްސަ ކްލަބަކަށްވެފައި އެ ޓީމުން އޭނާ ބޭނުންވާކަން ސާބިތުކޮށްދިނުމުން ކަމަށް ޔުވެންޓަސްއާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޔުވެންޓަސްގެ ކޯޗެއްގެ ގޮތުގައި އިއްޔެ ސާރީ މީޑިއާ އަށް ތައާރަފްކުރިއިރު، އޭނާ ވަނީ އެ ޓީމާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޗެލްސީއާ މިދިޔަ އަހަރުގެ ޖުލައި މަހު ތިން އަހަރުގެ އެެއްބަސްވުމެއްގައި ސޮއިކޮށް އެ ޓީމަށް މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ސާރީ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ޗެލްސީއާ އެކު ސާރީ ހަދާފައި އޮތް ކޮންޓްރެކްޓް އުވާލަން ޔުވެންޓަސް އިން ވަނީ ފަސް މިލިއަން ޕައުންޑް ދައްކައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސާރީ އެ ޓީމު ދޫކޮށްލީ ކްލަބްގެ މެނޭޖްމަންޓުން އޭނާ ބޭނުންވާ ބައެއް ކަންތައްތަކަށް އެއްބަސްނުވުމުންނެވެ. އެކަމަކު ސާރީ އެކަން ދޮގުކުރެ އެވެ. އޭނާ ބުނީ ޔުވެންޓަސްގެ ފަރާތުން ލިބުނު ހުށަހެޅުން މާ ފުރިހަމަ ކަމަށާއި އެނބުރި އުފަން ގައުމުގައި އަލުން މަސައްކަތްކުރަން ބޭނުންވީ ކަމަށެވެ.

"ޕްރިމިއާ ލީގުގެ ތަޖުރިބާ އަކީ އާދަޔާހިލާފު އިހުސާސްތަކެއް ކުރެވުނު ކަމެއް. ޗެލްސީ އަކީ މިހާރު މާޒީ. އަހަރެންގެ ފުރަތަމަ ޓްރޮފީ ލިބުނީ އެ ޓީމުގައި. އެކަމަކު މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އަހަރެން ބޭނުންވީ އެނބުރި އިޓަލީ އަށް އަންނަން. ޔުވެންޓަސް އިން އަހަރެން ބޭނުންވިކަން ހާމަކުރީ އަހަރެން އުއްމީދުކުރި ވަރަށް ވުރެން ފުރިހަމަކޮށް. މި ކްލަބް ހާއްސަ،" ސާރީ ބުންޏެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ފަހުން ނަޕޯލީއާ ހަވާލުވެ، ތިން އަހަރު ޔުވެންޓަސްއާ ވާދަކުރި އެވެ.

"އަހަރެން އެބަޖެހޭ ޔުވެންޓަސް ސަޕޯޓަރުންގެ ރުހުން ހޯދަން މި ޓީމުގައި ކާމިޔާބީ ހޯދަން. އެއީ އަހަރެން ވާދަވެރި ނަޕޯލީގައި ހުރީމަ ސަޕޯޓަރުންގެ ނުރުހުން ހުންނާނެ. ތިން އަހަރު އަހަރެން ނަޕޯލީއާ އެކު އުއްމީދުކުރީ މި ޓީމު (ޔުވެންޓަސް) ބަލިކުރެވޭނެ ގޮތެއްވޭތޯ. އަހަންނަށް އެކަމެއް ނުވި. މިހާރު އަމާޒަކީ މި ޓީމަށް ހުރިހާ ކާމިޔާބެއް ހޯދައިދިނުން،" ސާރީ ބުންޏެވެ.

މިިދިޔަ ސީޒަނުގައި ޗެލްސީގައި ހުރިިއިރު އެޑެން ހަޒާޑަށްޓަކައި ސާރީގެ ބައެއް ޓެކްޓިކްސްތައް ބަދަލުކުރަން ޖެހުނުކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޔުވެންޓަސްއާ ހަވާލުވެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޯޗުކޮށްދިނުމަކީ ހާއްސަ އުފަލަކަށްވާނެ ކަމަށް ސާރީ ވަނީ ބުނެފަ އެވެ.

ޔުވެންޓަސްގެ ކޯޗުކަމުގައި އެންމެ ފަހުން ހުރި މަސިމޯ އަލެގްރީ އަށް ވަޒީފާ ގެއްލުނު އެންމެ ބޮޑު ސަބަބަކީ ޔުވެންޓަސް އިން އެންމެ ބޮޑަށް ޓާގެޓްކުރި ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުންނެވެ. އިޓަލީގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ފަހަރު ހޯދި ޔުވެންޓަސްގައި ސާރީ އަށް ވެސް އޮންނާނެ އެންމެ ބޮޑު ޓާގެޓަކީ 1996 ވަނަ އަހަރަށް ފަހު ކްލަބަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމެވެ.

ޔުވެންޓަސް އިން އަންނަނީ ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓޮޓެންހަމްގެ ފުލްބެކް ކިއެރަން ޓްރިޕިއޭ އާއި ޕީއެސްޖީގެ އެޑްރިއަން ރަބިއޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ.