Roadha Mihaaru
ޔުވެންޓަސްގެ ކޯޗުކަން ޕިރްލޯ އަށް

ޔުވެންޓަސްގެ ކޯޗުކަން ޕިރްލޯ އަށް

09 އޯގަސްޓް 2020

ޓިއުރިން (އޮގަސްޓް 9) – ޔުވެންޓަސްގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް އެ ޓީމާއި އިޓަލީގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ހަމަޖައްސައިފި އެވެ.

ޓިއުރިން (އޮގަސްޓް 9) – ޔުވެންޓަސްގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް އެ ޓީމާއި އިޓަލީގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ހަމަޖައްސައިފި އެވެ.

އުމުރުން 41 އަހަރުގެ ޕިރްލޯގެ ކިބައިގައި ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އެކަމަކު އެ މަސައްކަތް ނުފެށެނީސް ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެވެ.

ޔުވެންޓަސް އިން އެންމެ ސީޒަނަކަށް ފަހު ސާރީ ވަކިކުރީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން ހުކުރު ދުވަހުގެރޭ ކެޓުމުންނެވެ. ސާރީ އެ ޓީމަށް މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ނަމަވެސް އެއް ފެންވަރެއްގައި ފޯމް ދެމެހެއްޓިފައިނުވާތީ އޭރު ވެސް އޭނާގެ ކުރިމަގާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުން ބަލިވިއިރު ލީގު ހޯދީ ވެސް ކުޑަ ފަރަގަކުންނެވެ. ނަޕޯލީގެ ކުރީގެ ކޯޗު އެނބުރި އިޓަލީ އަށް އައީ ޗެލްސީ އަށް އެއް ސީޒަން ކޯޗުކޮށްދީ ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު އެވެ

އިޓާލިއަން ލީގު މިދިޔަ 10 ސީޒަނުގައި ހޯދި ނަމަވެސް، 1996 ގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަކީ އެ ކްލަބުގެ ވެރިންގެ އެންމެ ބޮޑު ޓާގެޓެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިން ކޯޗިން އަށް ވަދެ ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނައިރު ބައެއް ކޯޗުން އަންނަނީ މަޑުމަޑުން ކުރިއެރުން ހޯދަމުންނެވެ. އެކަމަކު ޕެޕް ގާޑިއޯލާ، ޒައިނުއްދީން ޒިދާން، ފްރޭންކް ލަމްޕާޑް، ޖެނާރޫ ގަޓޫސޯ ފަދަ ކޯޗުން ސީނިއާ ޓީމުތަކާ ހަވާލުވީ ޔޫތު ޓީމުތަކުގައި ތަޖުރިބާ ހޯދުމަށް ފަހު އެވެ.

އެހެންވިޔަސް އިޓަލީ އާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕިރްލޯ އަކީ އޭނާ ކުޅުނު ދުވަސްވަރު އެތައް ބަޔެއްގެ ތާއީދާއި އިހުތިރާމް ހޯދި ކުޅުންތެރިޔެކެވެ. ޑިފެންސް ލައިން ކުރިމަތިން، ޑިފެންސިވް މިޑްފީލްޑަރުގެ މަގާމުގައި ހުރެ އެޓޭކްތައް ރާވާ މަގާމެއް ކަމަށްވާ ޑީޕް-ލައިން ޕްލޭމޭކިން ރޯލް އުފެއްދި ޕިރްލޯ އަކީ ދަނޑުމަތީގައި ވިސްނުންތޫނު، މަޑުމައިތިރި އަދި ހަމަޖެހިލައިގެން ކުޅޭ ކުޅުންތެރިޔެކެވެ. އެއީ ކޯޗެއްގެ ގޮތުގައި އޭނާ އަށް ކާމިޔާބު ހޯދިދާނެ ފަދަ ސިފަތައް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޓަ މިލާނުން ފާހަގަވި ޕިރްލޯ އެންމެ މޮޅަށް ކުޅުނީ 2001-2011 އަށް އޭސީ މިލާނުގަ އެވެ. އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރި އެވެ. ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އޭނާ އަކީ ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޔުވެންޓަސް އިން މިހާރުގެ ކާމިޔާބީގެ ސިލްސިލާ ފެށިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.

ޔުވެންޓަސްގެ ބަދަލު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަކީ ޕިރްލޯ އަށް ވުރެ ދޮށި އަދި ޕިރްލޯ އާ އެކު ޔުވެންޓަސް އާއި އިޓަލީގައި ކާމިޔާބު ހޯދި ކުޅުންތެރިޔެކެވެ. އެގޮތުން 2006 ގެ ވޯލްޑް ކަޕް އިޓަލީ ނެގިއިރު ދެ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ.