Roadha Mihaaru
ޖަލުގައި ކުރި އަނިޔާތަކުގެ މައުލޫމާތު ކޮމިޓީން ހޯދަނީ

ޖަލުގައި ކުރި އަނިޔާތަކުގެ މައުލޫމާތު ހޯދަން ކޮމިޓީން ނިންމައިފި

22 ޖޫން 2019

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދުގައި ހިންގި ލާއިންސާނީ އަނިޔާތަކުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދުގައި ހިންގި ލާއިންސާނީ އަނިޔާތަކުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ނިންމައިފި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު (ފިއްޓެ) "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުގެ ރިޕޯޓުތައް ހޯދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރިޕޯޓެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެ ރިޕޯޓުތައް ހޯދާފައި ކޮމިޓީން ބެލުމަށް ފަހު ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކޮށްގެން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައި،" ޒިޔާދު ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާ ކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. ޖަލުތަކާ ގުޅޭ އޮޑިޓް ރިޕޯޓެއް އެކުލަވާލާފައިވާ އިރު، އޭގައި ހުރި ކަންކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރު އައުމުގެ ބޭނުމަކީ އަނިޔާވެރިކަން ނައްތާލުން،" އިންތި ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކޮމިޓީގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކޮމިޓީގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި އަނިޔާ ލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަމުގައި ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި ބޯ ބާލުވައި އަނިޔާކުރި ކަމަށް ވެ އެވެ. ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ދޮގު ކުރެ އެވެ. އެކަމަކު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކުރުމުން ގައިދީންނަށް އަނިޔާވި ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދު ޖަލު އޮފިސަރުން ހިންގި ލާއިންސާނީ އަނިޔާ ސަރުކާރުން ބަލައިނުގަންނަ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަނިޔާކުރި އޮފިސަރުންނާ މެދު އެ ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.

ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ ކަމަށް ކޮމިޓީއެއް ވެސް ހޯމް މިނިސްޓްރީން އެކުލަވާލި އެވެ.