Roadha Mihaaru
ޑްރަގާ ދެކޮޅު ހަނގުރާމަ ކާމިޔާބުކުރާނަން: އިމްރާން

މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން: އިމްރާން

27 ފެބުރުއަރީ 2022

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެތުރިފައި އޮތް މަސްތުވާތަކެތީގެ ވަބާ ހުއްޓުވަން މި ސަރުކާރުން ފަށާފައިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ކ. މާފުށިން އިފްރާޒް އަލީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެތުރިފައި އޮތް މަސްތުވާތަކެތީގެ ވަބާ ހުއްޓުވަން މި ސަރުކާރުން ފަށާފައިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށި ޖަލުގައި ފުރަތަމަ ފަހަރަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ގައިދީންނަށް ހާއްސަކޮށްގެން ފެށި ޕްރޮގްރާމަކީ ޑްރަގާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުހިއްމު އެއް ކަންތައް ކަމަށެވެ. ކޮވިޑާ އެކު ކުރިމަތިވި ދަތިތަކާ އެކު ވެސް އެ ޕްރޮގްރާމް ފެށުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރު މި އޮތީ ވަރަށް ސާބިތުކަމާ އެކު، ވަރަށް ކެރިގެން މި [މަސްތުވާތަކެތީގެ] މައްސަލަ އަށް ހައްލެއް ގެންނަން މަސައްކަތް ފަށާފައި. އެކަމަށްޓަކައި ރައީސް އަމިއްލަފުޅަށް ޓާސްކް ފޯސްއެއް އުފައްދަވައިގެން އެބަ މަސައްކަތްކުރައްވާ. -- އިމްރާން

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ބަލިމަޑުކަން ކަމަށާއި މިކަމުން އަރައިގަނެވޭނީ ވަށައިޖެހޭ ނިޒާމެއް ގާއިމްކުރެވިގެންނެވެ. ސަރުކާރާ އެކު މުއައްސަސާތަކާއި ޖަމިއްޔާތަކާއި ބައިވެރިވާން ޖެހޭ އާއިލާތައް ގުޅި އެއްބާރުލުން ދޭން މިނިސްޓަރު އެދިވަޑައިގަތެވެ.

އިމްރާން ވިދާޅުވި ގޮތުގައި މިއަދު ފެށި ޕްރޮގްރާމަކީ ވަށާ ޖެހޭ ނިޒާމްގެ ދެކޮޅު ބައްދަލުކޮށްލުމަށް ގާތްކޮށްދޭނެ ޕްރޮގްރާމަކަށް ވާނެ އެވެ. މި ޕްރޮގްރާމްގެ ހެޔޮ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ ކޮންމެ އާއިލާއަކަށް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު.-- ފޮޓޯ: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު.-- ފޮޓޯ: ހޯމް މިނިސްޓްރީ

"މި ޕްރޮގްރާމާ އެކު ޖަލުގައި ކަސްތޮޅުއެޅުވި، ބިކަވެ، ނިކަމެތިވެ، މާޔޫސްވެ، ގޮތްހުސްވެފައިވާ އާއިލާތަކާ އެކު އުފާވެރި ހަޔާތެއް ލިބިދާނެ ކަމަށް ތަސައްވަރު ވެސް ނުކުރާ އެތައް ޒުވާނުންނެއްގެ ކުރިމަގު އުޖާލާކޮށް، އިރާދަކުރެއްވިއްޔާ އަލިކޮށްދޭނަން،" އިމްރާން ވިދާޅުވި އެވެ.

"ޖަލުން ނިކުމެ ވަފާދާރު، ޒިންމާދާރު އަމިއްލަ މަސައްކަތެއްކޮށްގެން ދިރިއުޅެވޭނެ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެ މަގު މި ޒުވާނުންނަށް މި ޕްރޮގްރާމުން ކޮށައިދޭނެ."

އިމްރާން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް ފެށިޔަސް، މިއަދު ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީ ވަރަށް ބޮޑަށް ފުޅާވެ، އެ ވިޔަފާރިން ބަޔަކު މީހުން މުއްސަނދިވެ، ބާރުގަދަވަމުން ދިއުމަކީ އެކަން ހުއްޓުވަން މަސައްކަތްކުރާ ހުރިހާ އިދާރާއަކަށް ވެސް އޮތް ގޮންޖެހުމެކެވެ. އެހެންވެ، އެކަމަށް ވަރަށް ރަނގަޅަށް ފާރަވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރު މި އޮތީ ވަރަށް ސާބިތުކަމާ އެކު، ވަރަށް ކެރިގެން މި [މަސްތުވާތަކެތީގެ] މައްސަލަ އަށް ހައްލެއް ގެންނަން މަސައްކަތް ފަށައިފައި. އެކަމަށްޓަކައި ރައީސް އަމިއްލަފުޅަށް ޓާސްކް ފޯސްއެއް އުފައްދަވައިގެން އެބަ މަސައްކަތްކުރައްވާ،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މާތްﷲގެ ރަހުމްތަފުޅާ އެކު، މިއަދު މަސްތުވާކެއްޗާ ދެކޮޅަށް ފަށާފައިވާ މިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން."

ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ޑްރަގްގެ ވިޔަފާރީ ފުޅާވެފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑްރަގް ނެޓްވޯކުތައް ހޯދައި، އެ ވިޔަފާރީ ކުރާ ވަރަށް ގިނަ މީހުން މިފަހުން ހައްޔަރު ކޮށްފައި ވެސް ވެ އެވެ.

ފުލުހުން އެންމެފަހުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިން ޓްރެންޑް ބަދަލުވެ ބައެއް ބާވަތްތައް އެތެރެކުރާ ވަރު ވަނީ 300 ޕަސެންޓަށް މަތިވެފަ އެވެ. އަދި މަސްތުވާތަކެތީގެ ވަކިހިއްޕާނުލާ ރަށެއް ވެސް ރާއްޖެއަކު ނެތެވެ.