Roadha Mihaaru
އީސަގެ ދެ ގޯލުން ޓީސީން ޔޫވީ ބަލިކޮށްފި

އީސަގެ ދެ ގޯލުން ޓީސީން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފި

25 ޖޫން 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު އިސްމާއިލް އީސާ ޖެހި ދެ ގޯލުން 2-0 އިން ޔުނައިޓެޑް ވިކްޓްރީ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު އިސްމާއިލް އީސާ ޖެހި ދެ ގޯލުން 2-0 އިން ޔުނައިޓެޑް ވިކްޓްރީ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ޓީސީން ވަނީ މިއަދުގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ސީޒަނުގައި ފުރަތަމަ ފަހަރަށް އިޝާން އިބްރާހިމް (ސައްޓު) އަށް ފުރުސަތު ދީފަ އެވެ. އަދި ވިކްޓްރީ ކޮޅަށް ދެ ގޯލު ޖެހި އިބްރާހިމް ސަފްރާޒް (ޝަފްލޭ) ވެސް ވަނީ ހިމަނައިފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑް ވިކްޓްރީ މި މެޗަށް ނުކުތީ އެ ޓީމުގެ ހަތަރު ވަނަ ބިދޭސީ ކުޅުންތެރިޔާ ވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެއީ ޔޫކްރޭނުގެ ފޯވާޑް ސިލިޗް ކީރްލޯ އެވެ. އެކަމަކު މިދިޔަ ދެ މެޗުގައި ކުޅުނު އިސްމާއިލް ޝަފީއު (އިއްސެ) ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގަން ޓީސީގެ ސައްޓު އަށް ހުސް ފުރުސަތެއް ލިބުނެވެ. އަކުރަމް އަބްދުލް ގަނީ (އަކޫ) އޭރިއާތެރެއިން ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ފޮނުވާލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ 10 މިނިޓަށް ފަހު ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާބޭރުން ސިލިޗް ޖެހި ބޯޅަ ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ޓީސީ އަށް ލީޑުނަގައިދޭން ގާތްގާތުގައި ދެ ފުރުސަތު ލިބުނެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޓީސީގެ މިސްރު ވިންގް މުސްތަފާ ކަހުރަބާ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން އޭރިއާ ތެރެއިން އީސަ ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ލީޑުނަގަން ތަނަވަސްކުރި ފުރުސަތުތައް ކީޕަރު އިމްރާން ވަނީ ހުއްޓުވައިފަ އެވެ. އެންމެ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލީ ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) އާއި ސިލިޗް އެވެ.

ޓީސީގެ ކަހުރަބާ (ވ) ޔޫވީގެ ހައިޝަމް ކައިރިން ބޯޅަ ކޮންޓްރޯލްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ކަހުރަބާ (ވ) ޔޫވީގެ ހައިޝަމް ކައިރިން ބޯޅަ ކޮންޓްރޯލްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ރަނގަޅު ދެ ފުރުސަތެއް ނަގާލި އެވެ. އޭރިއާ ތެރެއިން ސައްޓު އާއި އިބްރާހިމް އަތީގް (އިއްބެ) އަށް ލިބުނު ބޯޅަތައް އެ ކުޅުންތެރިން ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް ވަނީ މަތަކޮށްފަ އެވެ.

ޓީސީން ލީޑުނެގީ މެޗުގެ 70 ވަނަ މިނިޓްގައި އީސަ ޖެހި ގޯލުންނެވެ. ހިލޭ ޖެހުމަކުން އަކޫ ނަަގައިދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އީސަ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ފަހު މިނިޓްގައި ޓީސީގެ ލީޑުފުޅާކޮށްދިން ލަނޑު އީސަ ކާމިޔާބުކުރީ އިއްބެ ދިން ބޯޅައަކުންނެވެ. ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އީސަ ވަނީ ގޯލުގެ ދުރު ކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެ ޓީމުގެ ގޯލްކީޕަރު ޓޮޕްލަކްގެ ފަރާތުން މި މެޗުގައި ވެސް ގޯހެއް ފެނިގެންދިޔަ ކަމަށާއި ޖެހިޖެހިގެން ދެ މެޗުގައި މި ގޮތަށް ދިމާވުމުން ކަންބޮޑުވާ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޔުނައިޓެޑް ވިކްޓްރީ ގޯލްކީޕަރު ޓޮޕްލަކްގެ ފަރާތުން ރަނގަޅު ކުޅުމަކަށް އުއްމީދުކުރާ ކަމަށާއި އެކަމަށް ހައްލެއް ހޯދަން އެހީތެރިއަކަށް ހުރި ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) އަކީ އެކަން ކުރެވޭނެ ކޯޗެއް ކަމަށެވެ.

"މި މެޗުގެ ނަތީޖާ އަކީ ސްކޯ ބޯޑުން އެ ފެންނަ ގޮތެއް ނޫން ހަގީގަތުގައި. އެ އަށް ވުރެ ރަނގަޅަށް ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗެއް މިއީ. ދިވެހި ކީޕަރުންނަށް ފުރުސަތު ދެވޭތޯ އެ އިތުބާރުގައި މި އުޅެނީ. އެކަމަކު ކޮންމެ އަހަރަކު މި ގޮތަށް ޓީމު ގުރުބާނެއް ނުކުރެވޭނެ. މި ގޮތަށް މި ވާހަކަ ބުނަން ވެސް ބޭނުމެއް ނޫން. އެކަމަކު ހައްލެއް އެބަ ހޯދަންޖެހޭ،" ނަޒީހު ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މިއީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ހޯދި މޮޅެއް ކަމަށާއި ގާތްގާތުގައި މެޗުތައް ކުޅޭއިރު ވަރުބަލިކޮށް ތިބެ ވެސް މޮޅުވެވޭތީ އުފާކުރާކަމަށެވެ. އަދި ކުރިއަށް އޮތް ގްރީން ސްޓްރީޓްސް މެޗުގެ ކުރިން ޓީސީ އަށް މި މޮޅު ލިބުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށް އާތީ ބުންޏެވެ.