Roadha Mihaaru
48 ގަޑިއިރު ތެރޭ ލުތުފީ ގެނެވޭތޯ މަސައްކަތް ކުރަނީ

ދެ ދުވަސް ތެރޭ ލުތުފީ ގެނެވޭތޯ މި އަންނަނީ މަސައްކަތް ކުރަމުން: ޕޮލިސް ކޮމިޝަނަރު

25 ޖޫން 2019

އަށް އަހަރު ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންނާ ހަވާލުވި ހާޖަރާގޭ އަބްދުﷲ ލުތުފީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަށް އަހަރު ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންނާ ހަވާލުވި ހާޖަރާގޭ އަބްދުﷲ ލުތުފީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިރި، ލުތުފީ އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު" އަށް ވިދާޅުވީ އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން އައީ ކުރަމުން ކަމަށެވެ. އެކަމަކު އދ.ގެ ސިސްޓަމްގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން ދިއުމާ އެކު އޭނާ ރާއްޖެ ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަަށް ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތުމުން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ހޯދަންވެގެން އިންޓަޕޮލް އިން ރެޑް ނޯޓިސް ނެރެފައިވާ ލުތުފީއަކީ ހުކުމެއްގައި ހުރެފައި ބޭސްފަރުވާ އަށް 2010 ގައި ފޮނުވުމުން ފިލައިގެން އުޅޭ މީހެއް ކަން ފާހަގަކުރައްވައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ހާލަތުގައި އޭނާ ލަންކާ އިން ގެނެވެން އޮތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

އެއާއެކު ލުތުފީ އެމްބަސީ އަށް ދިޔައީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ވަގުތުގައި ކަމަށް ވުމުން، ކަމާބެހޭ އިދާރާތަކުން ހަމަޖައްސަން ޖެހުނު ކަންކަމަށް ވެސް ވަގުތު ނެގި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. ލުތުފީ ރާއްޖެ ގެނައުމަށް ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެ ނޫން ވެސް އިދާރާތަކުގެ ހުއްދަ ހޯދައި އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ހަވާލުވި ދުވަހުން ފެށިގެން ލުތުފީ ގެނައުމުގެ މަސައްކަތް ކުރަމުން އައީ. ލަންކާގެ ކަމާބެހޭ އިދާރާތަކުގެ ކްލިއަރެންސް ހަމަ ލިބުމާ އޭނާ ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ފުލުހުން ހަވާލުކުރާނަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުން މި އަންނަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ރާއްޖެ ގެނެވޭތޯ."

ޕޮލިސް ކޮމިޝަނަރު ހަމީދު: ލުތުފީ ވަގުތުން ރާއްޖެ ގެނައުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕޮލިސް ކޮމިޝަނަރު ހަމީދު: ލުތުފީ ވަގުތުން ރާއްޖެ ގެނައުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހަމީދު ވިދާޅުވި ގޮތުގައި ލުތުފީ ގެނައުމުގެ ކަންކަން ހަމަޖައްސަން ފުލުހުންގެ ޚާއްސަ ޓީމެއް ވެސް ލަންކާގައި އެބަތިއްބެވެ. އެ ހުރިހާ ކަމެއް ހަމަޖެހުމާ އެކު ފުލުހުންގެ ޓީމުން އޭނާ މާލެ ގެންނާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

އަސްލު ނަން އޮޅުވާލައިގެން ލަންކާގައި ދިރިއުޅުނު ލުތުފީ އެންމެ ފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް މިދިޔައީ އެޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރު މީހުން ބަލާފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓްކުރަން، އެ ގައުމުން މަސައްކަތް ފެށުމުންނެވެ. އޭނާ އަށް އިތުރު ގޮތެއް ނެތީ އެވެ.

ލުތުފީ އަށް ކުރިމަތިވީ، ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ.

ސްރީ ލަންކާއިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި އަށް ސިފައިން ހިމެނެ އެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަމުން އައީ 25 އަހަރެވެ. ލުތުފީ ނުފިލައި ހުރި ނަމަ އޭނާގެ ޖަލުގެ ހުކުމް 2014 ގައި ހަމަވީހެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ލުތުފީއާ އެކު ޓެރަރިސްޓުން ގޮވައިގެން މާލެ އެރި މަޝްހޫރު އަނެއް ބާގީ ސަގަރު އަހުމަދު ނާސިރު ވަނީ 25 އަހަރު ހަމަކޮށް މިނިވަންވެފަ އެވެ.