Roadha Mihaaru
ޝުމްބާ ރާއްޖެ ގެނައި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

ގަދަކަމުން ރާއްޖެ އަށް ގެނައި މައްސަލަ ތަހުގީގުކޮށްދޭން ޝުމްބާ އެދިއްޖެ

07 ޖުލައި 2019

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ އަށް ގެނައި މައްސަލަ ތަހުގީގުކޮށް، ކުރީ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދޭން އޭނާ އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ އަށް ގެނައި މައްސަލަ ތަހުގީގުކޮށް، ކުރީ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދޭން އޭނާ އެދިއްޖެ އެވެ.

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަޝްރަފް ފޮނުވި ސިޓީގައި އެދިފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި ރާއްޖެއިން ލަންކާ އަށް އޭރު ކަނޑައަޅާފައި ހުރި ސަފީރު ޒާހިޔާ ޒަރީރުގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކޮށްދިނުމަށެވެ. އޭގެ އިތުރުން އޭރުގެ ކަމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް، އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޑިފެންސް އެޓޭޗް އަހުމަދު ގިޔާސްގެ މައްޗަށް ވެސް ތަހުގީގު ހިންގައި ދައުވާކޮށްދޭން އަޝްރަފްގެ ސިޓީގައި އެދިފައި ވެ އެވެ.

ސިޓީގައި އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި ލަންކާގައި ހުއްޓައި 2015 ވަނަ އަހަރު އޭރުގެ ސަރުކާރުން އޭނާ ރާއްޖެއަށް ގެނައީ ރަހީނުކޮށްގެންނެވެ.

ޝުމްބާގެ ޓްވީޓް

ސީޕީ އަށް އަޝްރަފް މިފަދަ ސިޓީއެއް ފޮނުވީ އޭނާ ރާއްޖެ އަށް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ފަހުންނެވެ.

ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ އަށް ގެނައުމާ ބެހޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަޝްރަފް އޭރު ރާއްޖެ އަށް ގެނައީ ލަންކާ ސަރުކާރުގެ ހުއްދަ ނެތިކަން އެ ގައުމުން އެންގި ކަމަށެވެ.

"މީގެ ކުރިން ދިވެއްސަކު، އެނގިވަޑައިގަންނަވާނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް އަޝްރަފް، ޝުމްބާ ސިލޯނުގައި ހުއްޓައި ސަރުކާރުން ވަނީ ޖަހައިގަނެގެން މިކޮޅަށް ގެނެސްފައި،" ރައީސް ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

ލަންކާގައި ޝުމްބާ ދިރިއުޅެމުން ދިޔަ ގެއަށް ހަތިޔާރާ އެކު ވަދެ އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިން މައުލޫމާތުތަކެއްގެ މައްޗަށް ލަންކާގެ ފުލުހުން ޝުމްބާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ނޭނގި އެވެ. މި މައްސަލައިގައި، ލަންކާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ.

އެ މައްސަލައިގައި، ލަންކާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ.