Roadha Mihaaru
ލުތުފީގެ މައްސަލަ މިދަނީ ކިހިނެއް؟

ލުތުފީގެ މައްސަލަ މިދަނީ ކިހިނެއް؟

30 ޖޫން 2019

"އަބްދުﷲ ލުތުފީ މިތާ އުޅެނީ ފިލައިގެނެއް ނޫން. އޭނާ އުޅެނީ މިނިވަންކަމާ އެކު. އޭނާއާ ބައްދަލު ކުރަން ބޭނުންތަ؟" މިއީ ލަންކާގެ ބޮޑު ނޫހެއްގެ އެޑިޓަރަކު 2013 ގައި ބުނި ވާހަކައެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"އަބްދުﷲ ލުތުފީ މިތާ އުޅެނީ ފިލައިގެނެއް ނޫން. އޭނާ އުޅެނީ މިނިވަންކަމާ އެކު. އޭނާއާ ބައްދަލު ކުރަން ބޭނުންތަ؟" މިއީ ލަންކާގެ ބޮޑު ނޫހެއްގެ އެޑިޓަރަކު 2013 ގައި ބުނި ވާހަކައެކެވެ.

"ހިނގާ އަހަރެމެންނާ އެކީ، މިހާރުވެސް ބައްދަލު ވެދާނެ."

ސާކްގެ ނޫސްވެރިންގެ ސެމިނާރެއްގައި ބައިވެރިވާން ދިވެހި ނޫސްވެރިން ކުރި އެ ދަތުރުގައި ލަންކާގެ އެޑިޓަރަކު އެހެން ބުނި އިރު ކައިރީގައި ދިވެހި ސަރުކާރުގެ އޮފިޝަލަކު ވެސް ހުއްޓެވެ.

މިއިން އެނގެނީ 2010ގައި އެމްޑީޕީގެ ސަރުކާރުން ބޭސްކުރުމުގެ ނަމުގައި ލުތުފީ ބޭރަށް ފޮނުވި ފަހުން އެ ސަރުކާރުން ވެސް އަދި ފަހުން އައި ރައީސް މުހައްމަދު ވަހީދު ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އޭނާ ގެންނަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމެވެ.

ރާއްޖޭގެ އެންމެ ބޮޑު ބާޣީގެ ވާހަކަ އަނެއްކާވެސް މިވަނީ ގައުމީ ބޮޑު ސުރުހީއަށް އަރައިފަ އެވެ. އެކަމަކު އާ ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ފާޑުކިއުން ވެސް އަމާޒުވި ސަބަބުތަކަކާ އެކުގަ އެވެ. ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށަށް އޭނާ އަމިއްލައަށް ދިޔަތާ ދެ މަސް ވަނީ އެވެ. އެކަމަކު ސަރުކާރުން އެކަން ސިއްރުކުރި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވެފައި ވަނީ އެ ދުވަހުން ފެށިގެން ލުތުފީއާ ދިވެހި ފުލުހުން ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އައީ ކުރަމުން ކަމަށެވެ.

ފުރަތަމަ ވެސް ގޯސް އުސޫލުތަކެއް!

ދިވެހި ސަރުކާރުން ލުތުފީގެ މައްސަލައިގައި ރަނގަޅަށް އަމަލުކުރި ނަމަ ހަގީގަތުގައި އޭނާ ހުންނާނީ އެމްބަސީއަކު ނޫނެވެ. ރާއްޖޭގައި އިއްވާފައިވާ ހުކުމުގެ އިތުރުން ލުތުފީ އަކީ ސްރީ ލަންކާގައި ވެސް ކުށުގެ ބޮޑު ތުހުމަތެއް އޮތް މީހެކެވެ. އެއީ ނުވަ އަހަރު ދުވަހު އެގައުމުގައި ފިލައިގެން އުޅުމުގެ ކުށެވެ. އެހެންވީމާ ރާއްޖޭގެ އެމްބަސީން އޭނާ ފުރަތަމަ ވެސް ހަވާލުކުރަން ޖެހޭނީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އެވެ.

އެމްބަސީގައި އޭނާ ހުރުމުގެ އެއް ސަބަބެއް ކަމަށް ސަރުކާރުން މިބުނަނީ ހިމާޔަތް ހޯދަން އެދި އދ. އަށް ހުށަހަޅާފައިވާ ލިޔުންތަކެއް އޭނާގެ އަތުގައި ހުރުމެވެ. އެކަމަކު މީހަކު އދ.ގެ ހިމާޔަތަށް ހަމައެކަނި އެދުމަކުން މެމްބަރު ގައުމުތަކުން އޭނާއަށް ހިމާޔަތް ދޭކަށް ލާޒިމެއް ނުކުރެ އެވެ. އެފަދަ ހިމާޔަތެއް ދޭން ޖެހޭ ހާލަތެއްގައި ވެސް، ލުތުފީ ހުރީ ލަންކާގައި ކަމުން އެކަން ހަވާލުވާނީ ލަންކާ ސަރުކާރާ އެވެ. ރާއްޖޭގެ އެމްބަސީއަކާ ނޫނެވެ.

ޑިޕްލޮމެޓިކް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި 19 މީހެއްގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ކުށްވެރިޔަކަށް ހިމާޔަތް ދޭން އދ. އަކުން މަސައްކަތެއް ނުކުރާނެ އެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކުން ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް، އެ ތަޖުރިބާކާރުން ބުނެ އެވެ.

ލުތުފީ ޝަރީއަތަށް ހާޒިރުކުރަނީ: ނަޝީދުގެ ވެރިކަމުގައި 2010 ގައި ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވައިލުމުން މިދިޔަ ނުވަ އަހަރު ވަންދެން އޭނާ އުޅުނީ އެ ގައުމުގައި ފިލައިގެން.

ލުތުފީ ޝަރީއަތަށް ހާޒިރުކުރަނީ: ނަޝީދުގެ ވެރިކަމުގައި 2010 ގައި ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވައިލުމުން މިދިޔަ ނުވަ އަހަރު ވަންދެން އޭނާ އުޅުނީ އެ ގައުމުގައި ފިލައިގެން.

ލުތުފީ ގެންނަން ސަރުކާރުން ރަނގަޅު އުސޫލުގެ ތެރެއިން ދިޔަ ނަމަ ފުރަތަމަ ވެސް ލަންކާ ފުލުހުންނާ އޭނާ ހަވާލުކުރަން ޖެހޭ ކަމަށް، އެ ދާއިރާގެ މައުލޫމާތު ހުރި ބައެއް މީހުން ގަބޫލުކުރެ އެވެ. އެނޫން ގޮތަކަށް އަމަލު ކުރުމުން އެކަމުގައި ނުބައި ސިފައެއް މިވަނީ ޖެހިފަ އެވެ.

ލަންކާގެ ބައެއް ނޫސްތަކުން އެކަން ސިފަކޮށްފައި ވަނީ " ރާއްޖޭގެ އެމްބަސީއަށް ލިބިފައި އޮތް ޑިޕްލޮމެޓިކް އިމިއުނިޓީ ބޭނުންކޮށްގެން ޓެރަރިސްޓަކަށް ހިމާޔަތް ދިނުން" ކަމަށެވެ. ހަގީގަތަކީ ވެސް އެ އެވެ.

"އަސްލުގައި ތިޔަކަން އޮތީ ތިޔަހެން ކަަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަނީ. ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް ފެއްތޭނީ ލަންކާ ސަރުކާރާ އޭނާ ހަވާލުކޮށްގެން،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.

"އެކަމަކު ލުތުފީ ގެނައުމުގެ ކަންތައްތައް ފޮރިން މިނިސްޓްރީއަށް ވުރެ ބޮޑަށް ކުރިއަށް ގެންދަނީ ފުލުހުންގެ އިދާރާއިން."

ލުތުފީ ރާއްޖެ ގެންނަން އެބަ އުޅޭތަ؟

ލަންކާ ފުލުހުން ބުނެފައި ވަނީ ލުތުފީއާ ބެހޭ އެއްވެސް މައުލޫމާތެއް އެމީހުންނަށް ނޭނގޭ ކަމަށެވެ. މިހާ ހިސާބުން ގިނަ ސުވާލުތަކެއް އެބަ އުފެދެ އެވެ. ލަންކާ ސަރުކާރަށް އެއީ ކާކުކަން ނާންގައި އޭނާ ސައްހަ ގޮތުގައި ރާއްޖެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ އެމްބަސީ ނުވަތަ ޑިޕްލޮމެޓިކް ހިމާޔަތް ލިބިފައިވާ އެހެން ތަނެއްގައި ނަމަވެސް އެވަރުގެ ކުށްވެރިޔަކު ގެންގުޅުމުން ރާއްޖެ ބަދުނާމު ނުވާނެ ހެއްޔެވެ؟

ރާއްޖޭގެ ޑިޕްލޮމެޓިކް ދާއިރާގައި މަސއްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ދިވެހި އެމްބަސީގައި ލުތުފީ ބަހައްޓައި، އޭނާގެ މައުލޫމާތު ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ސިއްރުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އޭނާ ނުގެނެވިގެން އުޅެނީ ނިންމަން ޖެހޭ ކަންކަން ނުނިމިގެންނޭ ބުނާ ވާހަކަ ގަބޫލުކުރައްވަން އުނދަގޫ ކަމަށް ވެސް ވިދާޅުވި އެވެ.

ލުތުފީގެ އެހާރާއ މިހާރުގެ ދެ ފޮޓޯ

ލުތުފީގެ އެހާރާއ މިހާރުގެ ދެ ފޮޓޯ

"އެތައް ބަޔަކު މަރާ، ޓެރަރިޒަމް ހިންގި މީހަކަށް ލަންކާ އިން ވެސް ހިމާޔަތެއް ނުދޭނެ. އދ. އިން ވެސް ހިމާޔަތެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.

"މީގައި އެ އުޅެނީ އެހެން މައްސަލައެއް. އޭނާ ގެންނަން ބޭނުން ނޫން ކަން މިހާތަނަށް އަޅުގަނޑަށް ލަފާކުރެވެނީ. ގެންނަން ބޭނުން ނަމަ އެކަން ނުކުރެވިއެއް ނުހުންނާނެ."

އެކަމަކު ސަރުކާރުންނާއި ފުލުހުން ބުނަނީ ލުތުފީ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ވާހަކަ އެވެ. އެގޮތަށް ވާހަކަ ދައްކާއިރު 2010 ގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުން ބުނާ ގޮތުން ރާއްޖޭގައި ކުށެއް ސާބިތުވެ ޖަލުގައި ހުންނަން ޖެހޭ މީހަކު، ލަންކާގައި އުޅޭ ނަމަ އޭނާ ރާއްޖެއާ ހަވާލުކުރަން ޖެހެ އެވެ.

ލުތުފީއަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއްކޮށް، ބޮޑު ހުކުމެއް އައިސްފައި ހުރި މީހެކެވެ. އެހެންކަމުން އޭނާ ރާއްޖެ ފޮނުވާލަން ލަންކާ ސަރުކާރުން ހުރަސްތަކެއް ކުރިމަތިކުރުވާނެ ކަމަކަށް، ޑިޕްލޮމެޓިކް ދާއިރާގެ ބައެއް މީހުން ނުދެކެ އެވެ.

ލުތުފީއަކީ ޖަލުގައި ހުންނަން ޖެހޭ މީހެކެވެ. އޭނާއަކީ ރާއްޖެ ދުށް އެންމެ ލޭ އޮހޮރުވުން ބޮޑު ހަމަލާގެ މޭސްތިރި އެވެ. އެހެންކަމުން ރާއްޖޭގެ އެމްބަސީ ނުވަތަ ޑިޕްލޮމެޓިކް ހިމާޔަތް ލިބޭ އެހެން ތަނެއްގައި އޭނާ ބަހައްޓައިގެން އިތުރު ދުވަސްތަކެއް ހޭދަކުރުމުގެ ބޭނުމެއް ނެތެވެ. ވަގުތުން ވަގުތަށް އޭނާގެ މައްސަލަ ހައްލުކުރެވޭ ވަރަށް ލުތުފީއަކީ ނުރައްކާތެރި ކުށްވެރިއެކެވެ.