Roadha Mihaaru
އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި: ސިރިސޭނާ

އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި: ސިރިސޭނާ

04 ޖުލައި 2019

ކޮލަމްބޯ (ޖުލައި 4) - މަސްތުވާތަކެތި ހުއްޓުވުމުގެ ކެމްޕޭން ފެއްޓެވި ފަހުން އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 4) - މަސްތުވާތަކެތި ހުއްޓުވުމުގެ ކެމްޕޭން ފެއްޓެވި ފަހުން އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން ވިދާޅުވީ އަމިއްލަ ހަށިކޮޅަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ބުނެ އިންޓަލިޖެންސް އެޖެންސީތަކުން ވެސް އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ.

ސިރިސޭނާ އަށް ނުރައްކާ ބޮޑުވެފައި ވަނީ ޑްރަގުގެ ކުށްވެރިންނަށް މަރުގެ އަދަބު ދޭން ނިންމެވުމުންނެވެ. ހަތަރު ކުށްވެރިއަކަށް މަރުގެ އަދަބު ދިނުމުގެ ލިޔުމުގައި ސިރިސޭނާ ވަނީ މިދިޔަ ހަފުތާގައި ސޮއި ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުންނާއި ގައުމުގެ އެތެރޭން ސިރިސޭނާ އަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އާއި ޕާލަމެންޓުގެ ގިނަ މެންބަރުން ވެސް އެކަމާ ދެކޮޅު ހައްދަވާ ކަމަށް ރަނިލް ވިދާޅުވި އެވެ.

ލަންކާގައި މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ވަނީ 10 ޕެޓިޝަން ހުށަހަޅައިފަ އެވެ.

ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގެ އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.

ސިރިސޭނާގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ރައީސް ބޭނުންފުޅު ވަނީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ، މީގެ 43 އަހަރު ކުރިން، 1976 ވަނަ އަހަރު އެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.