Roadha Mihaaru
ރައީސް، ސިންގަޕޫރުގެ ވެރިންނާ ބައްދަލުކުރައްވައިފި

ރައީސް، ސިންގަޕޫރުގެ ވެރިންނާ ބައްދަލުކުރައްވައިފި

01 ޖުލައި 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުުގޫބާއި ބޮޑުވަޒީރު ލީ ހައިސެން ލޯންގްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުުގޫބާއި ބޮޑުވަޒީރު ލީ ހައިސެން ލޯންގްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިިހާރު ކުރަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ދެ ބޭފުޅުންނާ ބައްދަލުކުރެއްވީ އެ ގައުމުގެ ރައީސްގެ ރަސްމީ ގެކޮޅު، އިސްޓާނާގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގައި ހުރި އާއްމު މައްސަލަތަކާއި އެކަންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތަކާއި ޓެރަރިޒަމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަަސައްކަތްކުރުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ސިންގަޕޫރުގެ ބޮޓަނިކަލް ގާޑަންގައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ސިންގަޕޫރުގެ ބޮޓަނިކަލް ގާޑަންގައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ރާއްޖޭގެ ހިންގުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ދެ އަހަރު ވަންދެން ފަންނީ އެހީތެރިކަން ދޭން ނިންމުމުން ސިންގަޕޫރުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން ފެނާއި ކުނި މެނޭޖްކުރުމާއި އުމްރާނީ ތަރައްގީ އާއި ގެދޮރުގެ މައްސަލަތަކަށް އެހީތެރިވެދޭން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވި އެވެ.

އެއީ އިންސާނީ ވަސީލަތާއި ހިންގުމުގެ ދާއިރާ ހަރުދަނާވެގެންދާނެ ކަމެއްކަން ރައީސް އޮފީހުން ފާހަގަކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިންގަޕޫރުގެ ރައީސާއި އެ ގައުމުގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.