Roadha Mihaaru
ތަރައްގީގެ ނަމުގައި ތަރިކަ ނެތިކޮށްލަން ޔާމީން އުޅުއްވި

ތަރައްގީގެ ނަމުގައި ތަރިކަ ނެތިކޮށްލަން ޔާމީން އުޅުއްވި: ހަސަން

02 ޖުލައި 2019

ރާއްޖެ، ސިންގަޕޫރަށް ހެދުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ޓާގެޓްކޮށްގެން ތަރިކަ އާއި ސަގާފަތް ނެތިކޮށްލަން އެތައް މަސައްކަތެއް ކުރެއްވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ، ސިންގަޕޫރަށް ހެދުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ޓާގެޓްކޮށްގެން ތަރިކަ އާއި ސަގާފަތް ނެތިކޮށްލަން އެތައް މަސައްކަތެއް ކުރެއްވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ވަކި މަޝްރޫއެއް ގޮތަށް ރޭވިގެން ގައުމުގެ ތަރިކަ ހަލާކުކޮށްލަން މަސައްކަތް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނަސީބަކީ އެ ސަރުކާރު ބަދަލު ކުރެވުނުކަން. އެ ސަރުކާރު ބަދަލުކޮށް އެ ކަންކަމަށް ހުއްޓުމަށް ގެނައުމަށް ކުރެވުނު މަސައްކަތް އެއީ އަޅުގަނޑުމެންނަށް ލިބޭ އުފުލަކީ. މި ބިލަކީ ކޮންމެހެން ވެސް އޮންނަން ޖެހޭ ބިލެއް،" ހަސަން ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލްގައި ސަގާފީ ތަރިކައިގެ ބިލްގައި އެ ތަކެތި ގިންތިކޮށް ދަފްތަރު ކުރާނެ އުސޫލެއް ކަނޑައަޅަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ. ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް އެކިއެކި ފަރާތްތަކަށް އޮތް ޒިންމާތައް ވަނީ ބަޔާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މީގެއިތުރުން ހެރިޓޭޖް ޓްރަސްޓް ފަންޑެއް އެކުލަވާލައި އެ ފަންޑު ބަލަހައްޓާނެ ގޮތާއި ފަންޑުން ކުރާނެ މަސައްކަތްތައް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އަދި ސަގާފީ ތަރިކައިގެ ބިލްގައި އިހުމާލުވާ މީހުންނަށް އަޅާނެ ފިޔަވަޅުތައް ވެސް އަހުމަދު އަބްދުﷲގެ ބިލްގައި ވަނީ ބުނެފަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ޔާމީން ވެރިކަމަށް އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަކު، ބިލް އޮތީ އެފަދަ ބޭފުޅަކަށް ތަރިކަ އާއި ސަގާފަތް ހަލާކު ނުކޮށްލެވޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަގާފީ ތަރިކައިގެ ބިލްގައި މުހިންމު ތަންތަން ހިމާޔަތް ކުރަން ވާނެ ކަމަށް ބުނެފައިވާ އިރު، ކުރީގެ ސަރުކާރާ ހިލާފަށް މި ސަރުކާރު އޮތީ ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި އާދަކާދަތަކާއި އާސާރުތައް ހިމާޔަތް ކުރަން ތައްޔާރަށް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަގާފީ ތަރަކަ އާއި އާދަކާދަތައް އެ ހުރި ގޮތަށް ފެންނާނެ ހެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ. މަޖިލިހުން މިކަން ކުރާނެ ކަމާ މެދު ކުޑަ ވެސް ޝައްކެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކަ އާއި ދުވަސްވީ ބިނާތަކާއި އާސާރުތައް ހިމެނޭ ތަންތަނާއި ތާރީހާ ގުޅިފައިވާ ތަކެއްޗަކީ އެ ރަށެއްގައި އެންމެ މުހިންމު ސިފަތައް ކަމަށްވާތީ މިފަދަ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމުގައި ދައުލަތާއި އަމިއްލަ ފަރުދުންގެ ގާނޫނީ ޒިންމާ ކަނޑައެޅުމުގެ އިތުރުން ރާއްޖޭގެ ތަރިކައިގެ ލިސްޓެއް އެކުލަވާލައި ހަރުދަނާ އުސޫލަކުން ބެލެހެއްޓުމުގެ އިންތިޒާމު 100 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދުވެފައިވެ އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ރާއްޖޭގައި ތަރިކައިގެ ގޮތުގެ ގޮތުގައި ފާހަގަވާ ގިނަ ވަސީލަތްތައް ހުރީ މާލޭގައި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުން ގެނެސް، މާލެ އަށް "ޖަމާކޮށްފައިވާ" ވަސީލަތްތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް.

ކަޅުވަކަރު މިސްކިތް.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އާސާރުތައް އާސާރަށް ވަނީ އެ ހުންނަ ތަނެއްގައި ހުރީމަ. އުތީމުގައި އެ ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރު ގެނެސް އަޅުގަނޑުމެން ހުޅުމާލޭގައި ބެހެއްޓީމަ އަޅުގަނޑަށް ހީވެ މާ ގިނަ މީހުންނަށް ފެންނާނެއޭ. އެކަމަކު، އޭރުން އާސަރަކަށް ނުވޭ،" ޒިޔާދު ވިދާޅުވި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އާސާރުތައް ހިމާޔަތް ކުރެވޭނެ ގޮތެއް ހޯދިފައި ނުވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ސަލްޓަންޕާކުގައި ހުރި ކަޅުވަކަރު މިސްކިތް އެހެން ތަނަކަށް ބަދަލު ކުރަން އުޅުމުންނެވެ. އެތަނަށް ބޮޑު ބަދަލުތަކެއް ގެނެސް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް، "ރަސްރަނި ބަގީޗާ"ގެ ނަން ވަނީ ދީފަ އެވެ. މިސްކިތް ހުރި ތަނުގައި ވަނީ އައިސް ސްކޭޓްކުރާ ތަނެއް ހަދައިފަ އެވެ. ކަޅުވަކަރު މިސްކިތް ރޫޅާލައި، ގދ. ތިނަދު އަށް ގެންދަން ނިންމި ނަމަވެސް ސަރުކާރުން ފަހުން އެކަމާ ގުޅޭ މައުލޫމާތު އާއްމުންނާ ހިއްސާއެއް ނުކުރެ އެވެ.

މި ސަރުކާރުގެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫންގެ ރަސްމީ ފުރަތަމަ ދުވަހުގެ މަސައްކަތުގެ ދަށުން އޭނާ އެންމެ ފުރަތަމަ ވެސް ހޯއްދެވީ ކަޅުވަކަރު މިސްކިތެވެ. ދިވެހިންގެ މުހިއްމު ތަރިކައިގެ ބައިތައް ބަހައްޓާފައި ހުރީ ނެޝެނަލް މިއުޒިއަމްގަ އެވެ.

މި ސަރުކާރުން އެ މިސްކިތް ބަހައްޓަން ނިންމާފައި ވަނީ އިސްލާމީ މަރުކަޒުގެ ކުރިމަތީގަ އެވެ.