Roadha Mihaaru
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

13 ފެބުރުއަރީ 2018

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އެވެ. މި ޝަކުވާތައް ކުރިއަސް، ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ޔަގީންކަން ދެއްވީ، ޝަރުއީ ނިޒާމް ހިނގަނީ މިނިވަންކޮށް ކަމަށެވެ. ކޯޓުތަކުން ހުކުމެއް ނުވަތަ އަމުރެއް އަތުވެއްޖެ ނަމަ އެއަށް ތަބާއަވެވަޑައިގަންނަވާނެ ކަމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އެވެ. މި ޝަކުވާތައް ކުރިއަސް، ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ޔަގީންކަން ދެއްވީ، ޝަރުއީ ނިޒާމް ހިނގަނީ މިނިވަންކޮށް ކަމަށެވެ. ކޯޓުތަކުން ހުކުމެއް ނުވަތަ އަމުރެއް އަތުވެއްޖެ ނަމަ އެއަށް ތަބާއަވެވަޑައިގަންނަވާނެ ކަމެވެ.

ކޯޓުތަކަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާއިރު، ޑިމޮކްރަސީގައި އޮންނަނީ ކޯޓުތަކުން ގޮތެއް ނިންމުމުން އެކަން ގަބޫލުކުރުން ކަމަށް ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ. އެކަމަކު، މި މަހު 1 ގައި، ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ރައީސް ޔާމީނަށް ލިބިވަޑައިގަތީ ކުއްލި ސިހުމެކެވެ. ކޯޓުތަކާ ގުޅޭ ގޮތުން އެހާތަނަށް ވިދާޅުވި ބަސްފުޅާއި އަމަލުފުޅު ދިމައެއް ނުވި އެވެ. އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރީ ރައީސް ޔާމީނަށް ގަބޫލުކުރެއްވޭ ފަދަ ހުކުމަކަށް ނުވި އެވެ؛ އެ ހުކުމާ އެކު ކަން ވެގެން ދިޔަ ގޮތް މި ގައުމުގައި މިއޮތީ ފެންނާށެވެ.

އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރާ މެދު ސުވާލު އުފައްދާނެ ޖާގަ ގާނޫނުއަސާސީގައި ދީފައި ނުވިއަސް އެ އަމުރު ސަރުކާރުން ތަންފީޒެއް ނުކުރި އެވެ. ގާނޫނުއަސާސީގެ ތަރުތީބު ގެއްލި ދައުލަތް ހިންގުން ހުއްޓިދާނެ ކަމުގެ ބަހަނާތަކާ އެކުގަ އެވެ.

ކޯޓު އަމުރު ތަންފީޒު ނުކުރެއްވީ ކީއްވެކަން ރައްޔިތުންނަށް ހާމަކޮށްދޭން ރައީސް ވިދާޅުވި ސަބަބުތައް

ކޯޓު އަމުރު ތަންފީޒު ނުކުރެއްވީ ކީއްވެކަން ރައްޔިތުންނަށް ހާމަކޮށްދޭން ރައީސް ވިދާޅުވި ސަބަބުތައް

އެއަށް ފަހު ދެން ފެނިގެން ދިޔައީ، އިިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލުތަކެކެވެ. ސަރުކާރުން ބޭނުންވާ ވަކި ކަންތައްތަކެއް ހާސިލްކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްގުތަކެއް ހިފެހެއްޓީ އެވެ. ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލައިގެން ސަލާމަތީ ޚިދުމަތްތަކުން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ އެވެ. މި ދެ ބޭފުޅުންނާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކުރީ އެވެ. މި އެންމެންނަށް ވެސް ރައީސް ކުރައްވަނީ "ބަޣާވަތުގެ" ތުހުމަތެވެ.

ވެރިކަން ވައްޓާލަން "ބަޣާވާތެއް" ގެންނަވަން އުޅުއްވީ މި ބޭފުޅުން އިސްކޮށް ތިއްބަވައިގެން ކަމަށް ސަރުކާރުން ތުހުމަތުކުރޭ.

ވެރިކަން ވައްޓާލަން "ބަޣާވާތެއް" ގެންނަވަން އުޅުއްވީ މި ބޭފުޅުން އިސްކޮށް ތިއްބަވައިގެން ކަމަށް ސަރުކާރުން ތުހުމަތުކުރޭ.

ދެ ބާރުން ވެސް ކުރީ "ބަޣާވާތް"؟

ސުޕްރީމް ކޯޓު އެކަންޏެއް ނޫނެވެ؛ އެމަނިކުފާނުގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހުން ގެއްލުމުން ވެސް މެމްބަރުންނަށް ކުރެއްވީ "ބަޣާވާތު"ގެ ތުހުމަތެވެ. މެމްބަރުންނަށް ރިޝްވަތު ދީގެންނާއި މެމްބަރުން ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމެވެ.

ރައްޔިތުންގެ މަޖިލީހާ މެދު މި ތުހުމަތު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނިގުޅައިގަނެ، ހިތުހުރި ގޮތަކަށް ބިލްތައް ފާސްކުރުން ހުއްޓުވަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތާ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ގުޅިވަޑައިގަތުމުންނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން 12 މެމްބަރަކު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތެވެ. ނަތީޖާއަކަށް ވީ، ސުޕްރީމް ކޯޓުން ހުކުމެއް ނެރެ، ޕީޕީއެމުން ބޭނުންވާ ގޮތަކަށް އެ ހުކުމް މާނަކޮށްގެން އިލެކްޝަންސް ކޮމިޝަން ލައްވައި މި މެމްބަރުންގެ ގޮނޑި ގެއްލުވާލުމެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ މެޖޯރިޓީ ގެއްލުމުން ނުވަތަ އެމަނިކުފާނާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ކުރާ ކޮންމެ ކަމެއް ވެސް ސިފަކުރައްވަނީ "ބަޣާވާތެއް"ގެ ގޮތުގައި ކަަމަށެވެ.

އެއާ އެކު ރިޔާޒް ކުރިމަތި ކުރެއްވީ ސުވާލުތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޕީޕީއެމް މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްވީ "އަޅުގަނޑުގެ ފައިސާ ކަަމަށް" ރައީސް ވިދާޅުވުން މައްސަލައަކަށް ނުވަނީ ހެއްޔެވެ؟ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވަނީ ވަކި މަންފާއެއް ހޯދަން ނުވަތަ ވަކި ނަތީޖާއެއް ނެރެން ނޫންތޯ ވެސް ރިޔާޒް ސުވާލު އުފެއްދެވި އެވެ.

"ކާކުތޯ ރައީސް ޔާމީނަށް ކަމުދަނީ؟ ކޮން މުއައްސަސާއެއްތޯ ކަމުދަނީ؟ ސަރުކާރުން މި ހިންގަނީ ސިޔާސީ ބޭފުޅުން ފްރޭމްކުރުމާއި ނުހައްގުން ހުކުމް އިއްވުމާއި ގާނޫނަކަށް ބެލުމެއް ނެތި ބޭނުންވާ ކަމެއް ކުރުން. އެމަނިކުފާނު ބޭނުންފުޅު ނުވާ ގޮތަކަށް އެއްވެސް މީހަކު އަދި މުއައްސަސާއަކުން ކަމެއް ކޮށްފިއްޔާ އެ ވަނީ ބަޣާވާތަކަށް. ހުކުމާ އެކު ފަނޑިޔާރުން ވެސް އެމަނިކުފާނަށް ކަމަކު ނުދޭ،" ރިޔާޒް ވިދާޅުވި އެވެ.

"ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރުންތަކެއްގެ ގޮނޑި ގާނޫނުއަސާސީއާ ޚިލާފަށް ގެއްލުވާލައިގެން މަޖިލީހަށް ނުވަދެވޭ ގޮތް ހަދައިގެން އުޅޭތާ ހަ މަހަށް ވުރެ ގިނަ ވެއްޖެ. ގާނޫނާ ޚިލާފު އެ އަމަލު ނުވޭ ބަޣާވާތަކަށް،؟"

"މިލިޓަރީ ވެރިކަމެއް"

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މި ސަރުކާރުން "ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ވެރިކަމުގެ ސައްހަކަން ގެއްލުވާލައިފި" އެވެ. އެ މީހުން ދެކޭ ގޮތުގައި، ތިން ބާރު ވަކިކޮށްފައި އޮތް ނިޒާމުގައި ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ ބާރު ނަންގަވައިގެން ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވަނީ މިލިޓަރީ ވެރިކަމެކެވެ. އެމަނިކުފާނަށް މިހާރު ވެރިކަން ދަމަހައްޓައިދެނީ، ސިފައިންނާއި ފުލުހުން ކަމަށާއި ސުޕްރީމް ކޯޓުގެ ތެރެއަށް ސިފައިންނާއި ފުލުހުން ފޮނުވައިގެން ހިންގި އަމަލުތައް ވެސް ގާނޫނުއަސާސީއާ ޚިލާފު ކަމަށް އިދިކޮޅުން ބުނެ އެވެ.

މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން: ޖަލްސާތައް ފަށާނެ ދުވަހެއް ނޭނގޭ.

މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން: ޖަލްސާތައް ފަށާނެ ދުވަހެއް ނޭނގޭ.

އެ މީހުންގެ ކަންބޮޑުވުމަކީ ނެތް ހާލަތެއް އުފަން ކުރުވައިގެން ކޯޓުތަކުގެ ބާރު ރައީސް ނެންގެވުމެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީސް ހުއްޓުވާފައި ބޭއްވުމެވެ. އިދިކޮޅަށް އަޣުލަބިއްޔަތު ލިބުމުން މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ނަގަން ވެސް ސަރުކާރުން ބޭނުންކުރީ ސިފައިންނާއި ފުލުހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތު ފަހަނާޅައި ހިނގައްޖެ އެވެ. އެއީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީސް ނުފަށައި ލަސްކުރަނީ ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައި އޮތުމުންނެވެ. މަޖިލީހުގެ ޖަލްސާ ފަށާނީ، އިދިކޮޅު ގިނަ މެމްބަރުންތަކެއް ޖަލަށް ލައިގެން، ސަރުކާރު ފަޅި އަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމުން ކަމަށް މެމްބަރުން ތުހުމަތު ކުރެ އެވެ.

"މެމްބަރު އިލްހާމް އާއި ސިނާން އާއި މުސްތޮފާ ފަދަ ބޭފުޅުންތަކެއް ޖަލަށް ލައިގެން މަޖިލީހުގެ ކޮންޓްރޯލް ނަގަން ސަރުކާރުގެ ވިސްނުން ހުރީ. މިހާރު އެ ފެންނަނީ އެ މަންޒަރު. މެމްބަރުން ފަހަތުން ދުވެ، އެ ވަރު ނުވެގެން އަނބިދަރިން ވެސް ހައްޔަރުކުރަމުން އެދަނީ،" އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުން ބެހިގެންވާ ގޮތް.

މަޖިލިސް މެމްބަރުން ބެހިގެންވާ ގޮތް.

ރިޔާޒް ވިދާޅުވި ގޮތުގައި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ގާނޫނާ ޚިލާފު ވެރިކަމެއް ދަމަހައްޓަން ފުލުހުންނާއި ސިފައިން ހިންގާ އަމަލުތައް ބެލޭނެ ދުވަހެއް އަންނާނެ އެވެ. އޭގެ ކުރިން، ހުވަޔާ އެއްގޮތަށް ސަލާމަތީ ޚިދުމަތްތަކުން ގާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ގާނޫނާ ޚިލާފަށް މި ކުރައްވާ ކަންކަން ނިމި މިކަންކަން ބެލޭނެ ދުވަހެއް އަންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ގާނޫނު ނަގަހައްޓަވާ ވެރިއެއް"

އިދިކޮޅު ޕާޓީތަކުން ރައީސް ޔާމީނާއި ސަރުކާރުގެ އަމަލުތަކާ ގުޅޭ ގޮތުން ކުރާ ހުރިހާ ތުހުމަތެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ދޮގުކުރައްވަ އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެ ފަނޑިޔާރަކަށް ރިޝްވަތު ދީގެން ގެންނަން އުޅުނީ "މާސިންގާ ބަޣާވާތެއް" ކަމަށް ނިހާން ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ނިހާން ސުވާލު އުފެއްދެވީ ހުކުމާ ދޭތެރޭގަ އެވެ. އެ ހުކުމަކީ "ސަރުކާރު ވައްޓާލަން ރޭވި ނުރައްކާތެރި ބަޣާވާތެއް ކަން ދުވާލުގެ އަލި ފެންނަ ފަދައިން އެނގޭ"އިރު އެ ތަންފީޒުކޮށް ދައުލަތް ހުއްޓުވާލަން ޖާގަ ދޭންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވަން ބޭއްވި ހަފުލާގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވަން ބޭއްވި ހަފުލާގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެ ބަޣާވާތް ސަރުކާރުން ހުއްޓުވާލީ. ސިފައިން ނެރެގެން ވެސް ފުލުހުން ނެރެގެން ވެސް ހުއްޓުވާނެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އާރުލާ ވެރިއެއް ހުރި ނަމަ ހަމަ މިގޮތަށް ކަންކަން ކުރާނެ. އެހެންވީމާ ރައީސް ޔާމީންގެ ނިންމެވުމަކީ ދިވެހި ދައުލަތް ނަގައި ދެމެހެއްޓުން،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމަކީ "ބޯޅައެއްހެން ތަޅަން އޮތް ތަނެއް ނޫނެ"ވެ. މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ވިއަސް ފަސް އަހަރުގެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ވެރިކަން ކުރާ ރައީސަށް އޮންނަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"އެ ސަބަބާ ހުރެ އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަން ދިފާއުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

ވެރިކަމުގެ މެދުތެރެއިން ސަރުކާރު ބަދަލުވުމުން ދެން ކުރިމަތިވާ ހާލަތު ވެސް ފެނިފައިވާ ކަމަށާއި ކޮންމެ ދުވަހަކީ ސަރުކާރަށް ޖެއްސުންކުރާ ނުވަތަ ވައްޓާލަން ޖެހޭ ދުވަހަކަށް ވެގެން ނުވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ދިވެހި ދައުލަތް ނަގަހައްޓައި ދެމެހެއްޓުމުގެ ޒިންމާ އޮތީ، ނިހާން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ އަތްމަތީގައެއް ނޫނެވެ. ހުރިހާ ބާރުތަކުގެ ތެރެއިން ވެސް ދައުލަތުގެ އެންމެ އިސް ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު، ގާނޫނުއަސާސީގައި އޮންނަނީ، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވަން ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެއީ ލިޔެވިފައި އޮތް ރަނގަޅު ގޮތް. އެކަމަކު އެހެންތޯ ސުޕްރީމް ކޯޓުން އަމަލުކުރީ؟ ކުއްލިއަކަށް މާސިންގާ ބޮޑު ބަޣާވާތެއް ގެންނަން މިއުޅުނީ،" އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ކޮންމެ ގުނަނެއް މެދުވެރިކޮށްގެން ނަމަވެސް ސަރުކާރު ވައްޓާލުމަކީ ބަޣާވާތެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ބޭނުންވީ ރައީސް ނޭވޭލެވޭވަރު ކުރިޔަ ނުދީ ދައުލަތް ހިންގުން ހުއްޓުމަކަށް ގެންނަން ކަމަށް ވިދާޅުވި އެވެ.

"ވައުދުތައް ހަގީގަތަކަށް ހެދުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ އެ އޮތީ ފެންނަން. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންތައްތަކެއް ފުރިހަމަ ނުވުމުން، މަޖިލީހުގެ މެމްބަރުން ގެނެވުނު ގޮތަކަށް ހޯދައިގެން ސަރުކާރު ވައްޓާލާކަށް ނުޖެހޭ. އެއީ އެއް ނަމްބަރު ބަޣާވާތެއް،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ބަޣާވާތްފުޅަކަށް ނުވެ ހިނގައިދާނެ. އެއީ އިއްޒަތްތެރި ބަޣާވާތެއް. އަޅުގަނޑު ހަމަ ތާއީދު ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅާ، ފަހުން ގެންނަން އުޅުނީ އިއްޒަތާއި ކަރާމާތް ލިބިފައިވާ އަދި ލިބެމުންދާ ބޭފުޅުންތަކެއް ގެނައި ބަޣާވާތެއް."

ނިހާން ވިދާޅުވި ގޮތުގައި ސަރުކާރު ކޮޅުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތްއިރު ވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ޖެއްސުންކުރަމުންނެވެ. ޖަލްސާތައް ނުފަށާ ލަސްކުރަނީ އަޣުލަބިއްޔަތު ލިބެންދެން ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް ނުފަށާ ލަސްވަނީ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުން ނަމަ، އިދިކޮޅު ސިޔާސީ ލީޑަރުންނާ އެމަނިކުފާނުގެ ތަފާތަކީ "ގާނޫނު ނެގެހެއްޓެވުމެ"ވެ. އެކަމަކު، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކުރައްވަން ނިންމަވައި އަމަލުކުރައްވާ ގޮތުން، އެ ބަސްފުޅާ މެދު ބަހުސްކުރާނެ ޖާގަ އެމަނިކުފާނު މިއޮތީ އުފަންކުރުވައިފަ އެވެ.