ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ކުރީގެ ސަރުކާރުން މަސައްކަތް ކުރިޔަސް، އޭނާ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
08 ޖުލައި 2019
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ކުރީގެ ސަރުކާރުން މަސައްކަތް ކުރިޔަސް، އޭނާ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ލުތުފީ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރޭތޯ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ސްރީ ލަންކާގައި ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު ފުލުހުންނަށް 2014 ގައި ލިބުނު ކަމަށެވެ. އަދި ލުތުފީ ގެނައުމުގެ އެންމެ ފަހު "ސްޓޭޖާ" ހަމައަށް އޭރު ދިޔަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ނަމަވެސް އޭރުގެ ހޯމް މިނިސްޓަރުގެ އެޕްރޫވަލް އެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" އިމްރާން ވިދާޅުވި އެވެ.
އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓު.
އޭނާ ވިދާޅުވީ ލުތުުފީ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށެވެ.
އިމްރާންގެ ވާހަކަތައް، ފޭސްބުކް ޕޯސްޓެއްގައި އުމަރު ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ލުތުފީ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ވަޒީރަކީ އޭނާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގައި އެކަން އެގޮތަށް ދިޔަ ކަމަށް ވިޔަސް، ލުތުފީ ރާއްޖެ ގެންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށެވެ. އަދި ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ލިބުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ.
"އަޅުގަނޑުމެން ވަރަށް ބޭނުން ކަމެއް ލުތުފީ އަނބުރާ ރާއްޖެ ގެނައުމަކީ އަދި ހުކުމް ތަންފީޒު ކުރުމަކީ. މި ސަރުކާރުން އެ ކަމަށް އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާންދިނީ މިދިޔަ މެއި 1 ގަ އެވެ. އޭގެ ފަހުން ދެ މަސް ވި އިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމުނުކޮށް ތިއްބައި އެކަން ފަޅާއަރުވާލެއްވީ އުމަރެވެ.
ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގަ އެވެ. އެކަމަކު އޭނާ ފިލައިގެން ގޮސް މިހާތަނަށް ދިރިއުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މެރުމަށް ހައި ކޯޓުން ނިންމި އެވެ. އެކަމަކު، މައުމޫން ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ. ލުތުފީ ފިލި އިރު އޭނާ ވަނީ ޖަލުގައި 21 އަހަރު ހޭދަކޮށްފަ އެވެ.
ލުތުފީއާ އެކު އެ ހަމަލާގައި އިސްކޮށް ބައިވެރިވި ސަގަރު އަހުމަދު ނާސިރު ވަނީ، 25 އަހަރު ހަމަކޮށް، މިނިވަންވެފަ އެވެ.
ނަޝީދު އެންމެ ފަހުން އިމްރާންގެ ދިފާއުގައި!
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!
ނޮވެމްބަރު ތިނަކާ ގުޅިގެން އުމަރުގެ ތައުރީފް މައުމޫނަށް
އުމަރުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދީފި
މިނިސްޓަރު އިމްރާން ހާމަކުރެއްވީ ހަގީގަތް: ފުލުހުން
ލުތުފީ ގެންނަން މަދުވަނީ ޑިފެންސްގެ ލިޔުމެއް:އިމްރާން
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ލުތުފީ ރާއްޖެ ގެނެސް ކުށަށް އަދަބު ދޭން ޖެހޭ:އަސްލަމް
ލުތުފީގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، މާފުދޭން ޖެހޭ