Roadha Mihaaru
މިނިސްޓަރު އިމްރާން ހާމަކުރެއްވީ ހަގީގަތް: ފުލުހުން

މިނިސްޓަރު އިމްރާން ހާމަކުރެއްވީ ރެކޯޑުތަކުގައި ހުރި ހަގީގަތް: ފުލުހުން

10 ޖުލައި 2019

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ފުލުހުން މިރޭ ދިފާއުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ފުލުހުން މިރޭ ދިފާއުކޮށްފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމުގައި ހުރުމަށް ފަހު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ލުތުފީ އުޅޭ ތަނަކާއި އޭނާ ހޯދަން ކުރާ މަސައްކަތާ ބެހޭ ގޮތުން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ ކުރީ ސަރުކާރުގައި ވެސް ލުތުފީ ހައްޔަރުކޮށް މާލެ ގެނެވެން އޮތް ކަމަށެވެ. އެކަމަކު ފުލުހުންނަށް އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ހުއްދަ ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އަމިއްލަ އަށް ހަވާލުވުމުން ވެސް އޭނާ ރާއްޖެ ގެނައުން ލަސްވާތީ ސަރުކާރަށް ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އިއްޔެ ވަނީ އޭނާ ގެނެސްފަ އެވެ.

މަޖިލީހުގައި އިމްރާން ވިދާޅުވީ ލަންކާ އިން ލުތުުފީ ލޮކޭޓްކޮށް އުމަރަށް އެންގުމުން، އެއީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު ލުތުފީ އަތުޖެހި މިދިޔަ ސަރުކާރުން ނުގެނައީ ކަމަށް އިމްރާން ދެއްކެވި ވާހަކަތައް ގަބޫލު ނުކުރައްވައި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހްމަދު އަރީފާއި ހުސެއިން ވަހީދުގެ އިތުރުން އަބްދުﷲ ރިޔާޒް ވެސް ބުރަވެވަޑައިގަތީ އުމަރުގެ ކޮޅަށެވެ.

މިނިސްޓަރު އިމްރާން އިތުރުފުޅު ހެއްދެވީ ކަމަށް ބުނާ ވާހަކަތައް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ދޮގުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި އިމްރާން ވާހަކަ ދެއްކެވީ ފުލުސް އޮފީހުގައި ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ފުލުހުން އޭނާ އަށް އެރުވި މައުލޫމާތުތަކަށް ބިނާކުރައްވަ އެވެ. ބޭސްފަރުވާ އަށް ލުތުފީ 2010 ގައި ފޮނުވާލުމާ އެކު އޭނާ ފިލުމުން އަނބުރާ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނަރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތާ ގުޅޭ ގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިނގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

"އަދި އެ މަސައްކަތުގައި ނިންމުނު ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތު ވެސް މި ސާވިސްގައި ޚިދުމަތް ކުރަމުންދާތީ އެ މަސައްކަތާ ގުޅޭ ގޮތުން އިތުބާރު ހިފޭ ފަދަ މައުލޫމާތު މިވަގުތު ވެސް މި ސާވިސްގައި ހުރި ކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ."

ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާންދިނީ މިދިޔަ މެއި 1 ގަ އެވެ. ދެ މަސް ފަހުން ރޭ އޭނާ ރާއްޖެ ގެނެސް މިހާރު ހުރީ މާލޭ ޖަލުގަ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.