ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރައްވައި ކަމަށާއި އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
09 ޖުލައި 2019
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރައްވައި ކަމަށާއި އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. އެފަދަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.
މީގެއިތުރުން އެ މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ.ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް މަޖިލިހުގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިކަމާ އެކު އަޅާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ. އަދި ގާނޫނުގައި ކަންކަން ފުރިހަމަ ކުރަން ހުރި ނަމަ، އެކަން ކުރުމަށް ތާއީދު ކުރައްވާ އިރު، ބިލް އޮތީ ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމެވެ. އެއީ އެ މީހުންނަށް މާލީ މަންފާއެއް ދިނުން ނުވަތަ ފައިސާ ދިނުން ވެސް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
"މި މަޖިލިހުން ކުރަންވީ ކަމަކީ ސަރުކާރުން ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ހޯދައި، ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތެއް މަޖިލިހުން ކުރުން،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި މެނިފެސްޓޯގެ އެކްޝަން ޕްލޭނެއް އެކުލަވާލައި، އޭގައި ކުރާނެ ހަރަދުތައް ކަނޑައަޅާފައިވާ އިރު، ބިލްގައި ބުނާ ކަންކަން ކުރުމަކީ ދައުލަތަށް ބުރަވާނެ ކަމެކެވެ. އަދި މި އަހަރަށް އަމާޒުކޮށް ބަޖެޓެއް ހިނގަމުން ދަނިކޮށް ފައިސާ ދޭން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަން ކުރައްވާ ނާޒިމް، ސަރުކާރު ކޯލިޝަންގެ ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރާ މަޝްވަރާ ނުކުރައްވާ މަޖިލިހަށް ބިލް ހުށަހެޅުއްވުމުން އެ ބިލަށް ތާއީދު ނުކުރެއްވޭ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީން ބިލްތައް މަޖިލިހަށް ހުށަހަޅާ އިރު، ސަރުކާރާ އެކީގައި މަޝްވަރާ ކުރާނެ ކަމަށް އެމްޑީޕީން ކުރިން ގަބޫލު ކުރި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"އެމްޑީޕީން ބިލްތައް ހުށަހަޅާ އިރު، އެ ކުރާ ގޮތަށް ސަރުކާރާ މަޝްވަރާ ކުރަން ޖެހޭނެ. އެހެން ނޫނީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ނިޔަތާ ދޭތެރޭގައި ރައްޔިތުން ސުވާލު ކުރާނެ. މިއަދު ފެނިގެން ދިޔައީ ފިނޭންސް މިނިސްޓަރާ މަޝްވަރާ ނުކުރާ ކަން،" ހަސަން ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ސަރުކާރާ މަޝްވަރާ ނުކޮށް، މިފަދަ ބިލްތައް ހުށަހެޅުމުގެ ނަތީޖާއަކަށް ވާނީ ސަރުކާރަށް ނޭދެވޭ ބުރައެއް އުފުލުމަށް މަޖިލިހުން ބަހެއް ބުނަން ޖެއްސުން ކަމަށް ހަސަން ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހިދުމަތްތައް ފުޅާކުރަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ވެސް އިނާޔަތާއި އާލާތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެފަދަ މީހުންނަށް ތައުލީމީ ފަހި ސިޔާސަތުތަކެއް މިހާރަށް ވުރެ ފުރިހަމަވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ލޯބިވޭ (ނުކުޅެދުންތެރިކަން ހުންނަ) އެމީހުން ދެކެ. އެކަމަކު މިކަން ކުރެވޭނީ ސަރުކާރަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފައިސާއަކީ އެ މީހުންނަށް އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރަން ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި
ކޯލިޝަން އޮތަސް ބިލް ހުށަހަޅަނީ މަޝްވަރާނުކޮށް: ނާޒިމް
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑު ކުރަން މަޖިލިހަށް
ބޯޓުތައް ފުން ކުރާނެ އިދާރާއެއް އުފައްދަން ގަރާރެއް
ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ހަތް ފަނޑިޔާރުން ލައިފި ނަމަ ހަރަދު 7.9 މިލިއަނަށް
އިދިކޮޅު މެމްބަރުން ބޭނުންވަނީ އިނާޔަތް ބޮޑުކުރަން