Roadha Mihaaru
"ކަރަންޓްގެ އަގު މުރާޖައާކޮށް ނިމޭނެ ދުވަހެއް ނޭނގެ"

ކަރަންޓް އަގު މުރާޖައާ ކުރުން ކުރިއަށް، ނިމޭނެ ދުވަހެއް ނޭނގެ

29 މެއި 2016

ކަރަންޓް އަގަށް ބަދަލު ގެންނަން ކަމާގުޅޭ އިދާރާތަކުން މުރާޖައާކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކަރަންޓް އަގަށް ބަދަލު ގެންނަން ކަމާގުޅޭ އިދާރާތަކުން މުރާޖައާކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެންމެ ފަހުން ކަރަންޓްގެ އަގަށް ބަދަލު ގެނައީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ގެނައި ބަދަލާ ގުޅިގެން ކަރަންޓްގެ އަގު ބޮޑު ކަމަށް ޝަކުވާކުރުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ވިދާޅުވީ ކަރަންޓްގެ އަގުތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުރާޖައާކޮށް، ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ގެނެސް ދެއްވާނެ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވި ފަހުން މަހެއްހާ ދުވަސްވިއިރު ވެސް އެ ބަދަލު ގެނެސްފައި ނުވާތީ، އެކަމާ ގުޅޭގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކަރަންޓްގެ އަގާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ސްޓެލްކޯ އަށް ފައިދާވަމުން އަންނައިރު، ކަރަންޓްގެ އަގަށް ބަދަލު ނުގެންނަނީ ކީއްވެތޯ ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަ އެވެ.

ކަރަންޓްގެ އަގާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މޫސާ ވަޖުދީ ވިދާޅުވީ ކަރަންޓްގެ ކަންކަން ދިރާސާކުރަމުން އަންނަނީ އެ މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އާއި ފެނަކަ އާއި ސްޓެލްކޯ އަދި ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް "ގެއްލުމެއް ނުވެ ފައިދާވާނެ ގޮތަށް" އެކަން ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރަންޓްގެ އަގަށް ރައީސް އެ ވިދާޅުވި ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ވަޖުދީ ވިދާޅުވި އެވެ.

ވަޖުދީ ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އެ މަސައްކަތް ކުރަމުން އައި ނަމަވެސް ނިމޭނެ ދުވަހެއް ސީދާ ދަންނަވަން ދަތި ކަމަށެވެ.

ކަރަންޓްގެ އަގަށް އެންމެ ފަހުން ގެނައި ބަދަލާ ގުޅިގެން 400 ޔުނިޓުން ދަށުގެ މީހުންނަށް އަގު ހެޔޮވެފައިވާއިރު 400 ޔުނިޓުން ފެށިގެން މައްޗަށް އަގު ބޮޑުވެފައިވާ ކަމަށް ޝަކުވާ ކުރި އެވެ.