Roadha Mihaaru
އިތުރު 1500 އަށް ވުރެގިނަ ކުންފުނި އުވާލަނީ

އިތުރު 1500 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިއުލާންކޮށްފި

14 ޖުލައި 2019

އަހަރީ ފީ ނުދައްކައިގެން އިތުރު 1،597 ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަހަރީ ފީ ނުދައްކައިގެން އިތުރު 1،597 ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އުވާލަން ނިންމާފައިވާ ހުރިހާ ކުންފުނިތަކަކީ ވެސް ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ، އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތައް ކަމަށެވެ. އަދި މި ކުންފުނިތަކަކީ 2002 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އުވާލާ ކުންފުނިތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފަ އެވެ. މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު 4 އޮގަސްޓުގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އަށް އަންގަން ވާނެ އެވެ.

މީގެ އިތުރުން މި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ މައްޗަށް ދައުވާއެއް ނުވަތަ ދަރަންޏެއް އޮތް ނަމަ އެކަން ވެސް މި މުއްދަތުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އަށް އަންގަން ޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް 523 ކުންފުނި އުވާލަން އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތައް އިތުރަށް ހިންގުމަށް ދައްކަން ޖެހޭ ހުރިހާ ފީއެއް ދައްކާ އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.