Roadha Mihaaru
މުދާ ގެނެސް ގެންދިއުމަށް އެހީވާން ހާބަރުގައި ސެންޓަރެއް

ރަށްރަށުން މުދާ ގެނެސް ގެންދިއުމަށް އެހީވާން ނޯތު ހާބަރުގައި ސެންޓަރެއް

23 އެޕްރީލް 2020

ބޯޓުތަކުން ގެންނަ މުދާ ބާލައި އުފުލުމަށް ހާއްސަ ސެންޓަރެއް ނޯތު ހާބަރު ސަރަހައްދުގައި އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޯޓުތަކުން ގެންނަ މުދާ ބާލައި އުފުލުމަށް ހާއްސަ ސެންޓަރެއް ނޯތު ހާބަރު ސަރަހައްދުގައި އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި ދުވަސްވަރު އަތޮޅުތަކުން މުދާ ގެނައުމުގަ އާއި މާލެއިން މުދާ ފޮނުވުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ގާއިމްކުރި މި ސެންޓަރުގެ ސަބަބުން އެ ކަންކަމަށް ހައްލު ލިބި އަތޮޅުތަކުން ތަކެތި ގެނައުމުގައި ފަސޭހަވާނެ ކަމަށެވެ.

ވިސާމް ވިދާޅުވީ އަތޮޅުތަކުން އަންނަ ބޯޓުތަކުން ކައުންސިލްތައް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނީ މިނިސްޓްރީގެ ސެންޓަރުން ކަމަށެވެ. އަދި ދަތުރުކުރެވޭނީ މި ހުއްދަ ލިބިގެން ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ. ހުއްދަ ހޯދުމަށް ގުޅާނީ 3039604 އަށެވެ.

"ފުލުހުންނާއި މިނިސްޓްރީ އާއި އެމްޕީއެލުން ދޭންޖެހޭ ކްލިއަރެންސް ދީގެން މާލެއަށް ލަފާ ދޯނިތަކުން މުދާ ބާލައި އެ ފޯރުކޮށްދިނުމުގެ ލޮޖިސްޓިކަލް އެރޭންޖްމަންޓެއް ހަމަޖެހިފަ މިހާރު މި އޮތީ. އެހެންކަމުން އަޅުގަނޑު ޔަގީންކަން ދެން ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތަކަށް މުދާ ފޯރުކޯށްދިނުމާއި އަތޮޅުތެރެއިން ގެންނަ މުދާ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަން،" ވިސާމް ވިދާޅުވި އެވެ.

އަތޮޅުތަކުން ގެންނަ މުދަލުގެ ތެރެއިން ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމުގައި ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ "އިކްރޮނެޓް" މެދުވެރިކޮށް މި ތަކެތި ފިހާރަތަކަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު މާލެ ލޮކްޑައުން ކުރުމުން މުދާ ގެނައުމާއި މާލެ ތެރޭގައި މުދާ އުފުލައި އާންމުންނަށް ހަމަ އަށް ފޯރުކޮށްދިނުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.