Roadha Mihaaru
"ބާސެލޯނާ އަށް ބަދަލުވުމުގައި އޮޅުވާލުމެއް ނޯންނާނެ"

ބާސެލޯނާ އަށް ބަދަލުވުމުގައި އޮޅުވާލުމެއް ނޯންނާނެ: ގްރީޒްމަން

16 ޖުލައި 2019

ބާސެލޯނާ (ޖުލައި 16) - ބާސެލޯނާ އަށް ސޮއިކުރީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް އެއްވެސް ކަމެއް އޮޅުވާލައިގެން ނޫނީ ކުށެއް ކޮށްގެން ނޫން ކަމަށް ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ޖުލައި 16) - ބާސެލޯނާ އަށް ސޮއިކުރީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް އެއްވެސް ކަމެއް އޮޅުވާލައިގެން ނޫނީ ކުށެއް ކޮށްގެން ނޫން ކަމަށް ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން އިއްޔެ ބާސެލޯނާ އަށް ބަދަލުވީ އޭނާ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 135 މިލިއަން ޑޮލަރު ބާސެލޯނާ އިން ދެއްކުމުންނެވެ. އެކަމަކު އެތުލެޓިކޯ އިން ވަނީ އެ ޓްރާންސްފާގެ ކަންތައްތަކުގައި ގްރީޒްމަން އާއި ބާސެލޯނާ އިން ކަންތައްތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅަން ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ބާސެލޯނާ އަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު ފަރިތަކުރަމުން އަންނަ ގްރީޒްމަން ފްރާންސް މީޑިއާގައި ބުނީ އެތުލެޓިކޯ އިން ކަންތައް ކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އެ ކްލަބަށް އޭނާ ކޮށްދިން ހިދުމަތުގެ ބަދަލު އެ ޓީމުން ރަނގަޅު ގޮތުގައި ނުދެކޭ ކަމަށެވެ.

"ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށް އަހަރެން އަމިއްލަ އަށް ގޮސް އެތުލެޓިކޯގެ ވެރިންނަށް ހިއްސާކުރީ. އެހެންވީމަ މިއީ ހުޅުވާލެވިގެން ކުރެވިފައި އޮތް ކަމެއް. މަކަރެއް ނަހަދަން. ބާސެލޯނާއާ ގުޅުނީ ކުށެއް ކޮށްފައެއް ނޫން،" ގްރީޒްމަން ބުންޏެވެ.

އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ބާސެލޯނާ އަށް ނޫނެކޭ ބުނެ އޭރު ގްރީޒްމަން އެތުލެޓިކޯއާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި މަހު ފަށައިގެން ކަމަށެވެ. އެކަމަކު ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު މާޗް މަހު މަޝްވަރާކޮށް އެ ޓީމާ ގުޅެން ނިންމާފައިވާކަން އެތުލެޓިކޯ އަށް އެންގީ މިދިޔަ މެއި މަހު ކަމަށެވެ.

އަދި ބާސެލޯނާ އިން އޭރު ގްރީޒްމަންއާ އެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ މުއްދަތަށް ބަލާނަަމަ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ ފީ 225 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އެހެން ކަމުން ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

"އެތުލެޓިކޯ އިން ދެކެނީ އަހަރެން ފުރަތަމަ ބާސެލޯނާއާ މަޝްވަރާކުރީ ގޯސް ވަގުތެއްގައި ކަމަށް. އެކަމަކު ހަގީގަތަކީ ރަސްމީ ސިފައެއްގައި ހުރިހާ ކަމެއް ނިމިގެން މިދިޔައީ އެކަން ކުރަންޖެހޭ ތާރީހުގައިކަން. މީގެ އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ގޮސްފައި އޮތްނަމަ ލަލީގާގެ ފަރާތުން އަހަރެން ބާސެލޯނާ އަށް ބަދަލުވާން މަގުފަހި ނުކޮށްދޭނެ،" ގްރީޒްމަން ބުންޏެވެ.

"މިހާރު އަހަރެންގެ ފޯކަސް އަކީ ބާސެލޯނާއާ އެކު ކާމިޔާބީތަކެއް ހޯދުން. އަހަންނަށް އެތުލެޓިކޯއާ އެކު ނުލިބެނީ ޗެމްޕިއަންސް ލީގު. ބާސެލޯނާއާ އެކު އެކަން ހާސިލްކުރަން ބޭނުން."

މި މައްސަލައިގައި މި ވަގުތު މީޑިއާގައި ވާހަކަ ނުދައްކަން އެތުލެޓިކޯ އިން ވަނީ ނިންމައިފަ އެވެ.

ގްރީޒްމަން ބާސެލޯނާއާ އެކު ސޮއިކުރި އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ އެހެން ކްލަބަކަށް ގެންދަން ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ ފީ 902 މިލިއަން ޑޮލަރަށް އަރާނެ އެވެ.