Roadha Mihaaru
އިތުރު ފުރުސަތެއް ނުދީ ކެމަރޫނުން ސީޑޯފް ވަކިކޮށްފި

ކެމަރޫންގައި ސީފޯޑަށް އިތުރު ފުރުސަތެއް ނެތް؛ ކޯޗުކަމުން ވަކިކޮށްފި

17 ޖުލައި 2019

ޕެރިސް، ފްރާންސް (ޖުލައި 17) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ނަތީޖާ ދަށްވުމުން، އިތުރު ފުރުސަތެއް ނުދީ ކެމަރޫންގެ ކޯޗުކަމުން ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް ކްލަރެންސް ސީޑޯފް ވަކިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް، ފްރާންސް (ޖުލައި 17) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ނަތީޖާ ދަށްވުމުން، އިތުރު ފުރުސަތެއް ނުދީ ކެމަރޫންގެ ކޯޗުކަމުން ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް ކްލަރެންސް ސީޑޯފް ވަކިކޮށްފި އެވެ.

ސީޑޯފްގެ އިތުރުން ކެމަރޫންގެ އެސިސްޓަންޓް ކޯޗަކަށް ގެނައި ކުރީގެ މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވަޓް ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ކެމަރޫންގެ ކޯޗުކަމާ ހަވާލުވި ސީޑޯފްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ވާދަވެރި ނުވަ މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ.

ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުން ސީޑޯފް މަގާމުން ދުރުކުރަން ނިންމީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި އެފްރިކަން ކަޕަށް ނުކުމެ މުބާރާތަށް ކަނޑައެޅި ޓާގެޓަށް ވާސިލްނުވެވުމުންނެވެ. ސީޑޯފަށް ދިން ޓާގެޓަކީ އެންމެ ކުޑަމިނުން އެ ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ. ކެމަރޫން ކެޓީ ދެ ވަނަ ބުރުގައި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ނައިޖީރިއާ އަތުންނެވެ.

އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން ކްލައިވަޓް (ކ) އާއި ސީޑޯފް.-- ފޮޓޯ: އޭއެފްޕީ

އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން ކްލައިވަޓް (ކ) އާއި ސީޑޯފް.-- ފޮޓޯ: އޭއެފްޕީ

އެފްރިކަން ކަޕްގެ ނަތީޖާތަށް ދަށްވުމުގައި ކުޅުންތެރިންނަށް މުބާރާތުގެ ކުރިން ދިމާވި ކަންތައްތަކުގެ ސަބަބުން ކުރި ގޯސް އަސަރު ހިމެނޭކަމަށް، މުބާރާތަށް ފަހު ސީޑޯފް ފާހަގަކުރި އެވެ. އޭނާ އެ އިޝާރާތްކުރީ ކެމަރޫންގެ ކުޅުންތެރިންނަށް ބޯނަސް ނުދޭ މައްސަލައިގައި، މުބާރާތަށް ފުރަން އެ ޓީމުގެ ކުޅުންތެރިން ދެކޮޅު ހަދާފައިވާތީ އެކަމަށެވެ. އަދި އޭގެ ސަބަބުން ޓީމު ތެރޭގައި ރަނގަޅު ރޫހެއް ނެތުމުގެ މައްސަލަ ދިމާވި އެވެ.

ސީޑޯފް ވަނީ ޓީމާ އެކު ކުރިއަށްދާން އޭނާ އަށް އިތުރު ފުރުސަތެއް ދޭން ފެޑެރޭޝަނުގެ ކިބައިން އެދިފަ އެވެ. ނަމަވެސް ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުގެ ހިންގާ ބޯޑުން ނިންމީ އެހެން ކޯޗަކާ ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރާށެވެ.

ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުން ހުރީ 2021 ވަނަ އަހަރު އެ ގައުމުގައި ބާއްވާ އެފްރިކަން ކަޕަށާއި 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިން އަށް ދުރު ރާސްތާ ޕްލޭނަކާ އެކު ތައްޔާރުވުމަށް ތަޖުރިބާކާރު ކޯޗެއް ގެންނާށެވެ.

ކުޅުމަށް ބަލާއިރު ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލި ނަމަވެސް ސީޑޯފަށް ކޯޗިންގައި އަދި އެންމެ ރަނގަޅު މަސައްކަތެއް ނުކުރެވެ އެވެ. ހެޑް ކޯޗެއްގެ ގޮތުގައި 2014 ވަނަ އަހަރު އޭނާގެ ކުރީގެ ކްލަބް އޭސީ މިލާނުން މަސައްކަތް ފެށި ސީޑޯފަށް ވަނީ ޗައިނާގެ ޝެންޒެން އާއި ސްޕެއިނުގެ ޑިޕޯޓިވޯގައި ކޯޗުކަން ވެސް ކޮށްފަ އެވެ. އޭގެއިން އެއްވެސް ޓީމެއްގައި އޭނާ އަށް އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެވިފައިނުވެ އެވެ.