Roadha Mihaaru
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ

މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ

18 ޖުލައި 2019

ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން، ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން، ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

ގަވައިދުގައި މިހާރު އޮތް ގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް 16 ގެ ނިޔަލަށެވެ. ފަހު ދައުރު ހިނގާނީ އޮގަސްޓު މަހުގެ 27 އިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ވަނީ ތިން ދައުރުގެ މައްޗަށެވެ. ތިން ދައުރުގައި މަސައްކަތް ކުރާނެ ދުވަސްތައް ކަނޑައެޅުމުގެ ބާރު އޮތީ މެމްބަރުންނަށެވެ.

ގަވައިދުގައި މިހާރު އޮންނަ ގޮތުން އަހަރެއްގެ މައްޗަށް ހަތަރު މަސް ޗުއްޓީގެ ގޮތުގައި މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ޖަލްސާތައް އާންމުކޮށް އޮންނާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެކަމަކު، މުހިންމު ކަންކަން ފާސްކޮށްލުމަށް އެހެން ބައެއް ދުވަސްތަކުގައި ވެސް ޖަލްސާތައް ބާއްވަ އެވެ.

ގަވައިދު ދިރާސާކުރާ ކޮމިޓީން ވަނީ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ގެނެސްފަ އެވެ. ފުރަތަމަ ދައުރަށް ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި މެއި މަސް އެއްކޮށް މެމްބަރުންނަށް ޗުއްޓީގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އެވެ.

އެއަށް ފަހު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުގަ އެވެ. އަދި އެ ދައުރުގެ ޖަލްސާތައް އޮގަސްޓްގެ ނިޔަލަށް ދެމިގެން ގޮސް، ސެޕްޓެމްބަރު މަސް އެއްކޮށް މެމްބަރުންނަށް ޗުއްޓީ ލިބިވަޑައިގަންނަވާނެ އެވެ. ފަހު ދައުރުގެ މަސައްކަތް ކުރާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހުގަ އެވެ. އަދި ޑިސެމްބަރާއި ޖެނުއަރީ މަހު ހުރިހާ މެމްބަރުންނަށް އަނެއްކާ ވެސް ޗުއްޓީ ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލިހުގެ ދައުރު ބެހިގެންދާ ގޮތަށް ބަދަލު ގެނައި ނަމަވެސް، ޖަލްސާތައް ކުރިއަށް ގެންދާ ދުވަސްތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ގަވައިދު ދިރާސާ ކުރާ ކޮމިޓީން ނިންމާފައެއް ނުވެ އެވެ.

މަޖިލިހުގެ ދައުރަށް ބަދަލު ގެނައީ މިދިޔަ އަހަރު ޕީޕީއެމުން ކޮންޓްރޯލް ކުރަމުން ދިޔަ މަޖިލިހުގަ އެވެ.