Roadha Mihaaru
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!

47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!

05 ސެޕްޓެމްބަރ 2019

ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އަށް ފަހު، 19 ވަނަ މަޖިލިހުގެ 87 މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގައި ބޭއްވި 47 ޖަލްސާ އަށް ފަހު، 19 ވަނަ މަޖިލިހުގެ 87 މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރީ ތިން މަޖިލިހެކެވެ. އެއީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިސް އަދި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހެވެ.

ވޭތުވެދިޔަ 10 އަހަރުގެ މަޖިލިހުގެ ތާރީޚަށް ބަލާ އިރު، 18 ވަނަ މަޖިލިހުގައި އެންމެ ދައުރެއްގެ ތެރޭގައި ބޭއްވުނީ ތިރީހަކަށް ޖަލްސާ އެވެ. އަދި 17 ވަނަ މަޖިލިހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ޖަލްސާ ބޭއްވުނީ ފުރަތަމަ ދައުރުގަ އެވެ. ފުރަތަމަ ދައުރުގައި 42 ޖަލްސާ ބޭއްވި އެވެ. އެހެންވެ، ފުރަތަމަ ދައުރުގައި އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރިކޯޑު ލިބޭނީ 19 ވަނަ ރައްޔިތުންގެ މަޖިލިހަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި 19 ވަނަ މަޖިލިހަކީ މީގެ ކުރިން ހިނގާފައިވާ މަޖިލިސްތަކާ ބަލާ އިރު، މާ ހިންގުންތެރި، މަސައްކަތުގެ ރޭޓް ރަނގަޅު، ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރި މަޖިލިހެކެވެ. ހާއްސަކޮށް، ގިނަ އަދަދެއްގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅައި ފާސްކުރުން ހިމެނެ އެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ރެއާއި ދުވާލު ކުރިއަށް ގެންދިއުމަކީ ގިނަ ބަޔަކަށް ހައިރާން ކަން ލިބުނު ކަމެކެވެ.

މަޖިލިހުގެ މަސައްކަތާ މެދުގައި ހިތްހަމަޖެހޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިހުގެ މަސައްކަތަށް ދެއްވާނީ "ޕްލަސް" އެއް ކަމަށެވެ. އެކަމަކު، އަޟްހާ އީދުގެ ބަންދު ދިމާވީމާ އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެއްވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުރު ފެށުނު އިރު، ބިލްތައް އައުން ލަސްވި ނަމަވެސް، ފަހުން ވަރަށް ބާރުމިނެއްގައި ބިލްތައް މަޖިލިހަށް އަންނަން ފެށިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިދިޔަ މެއި 28 އިން ފެށިގެން މިއަދާ ހަމައަށް 31 ބިލެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ނިމިފައި ވަނީ 14 ބިލެކެވެ. ކޮމިޓީ މަރުހަލާގައި 17 ބިލެއްގެ މަސައްކަތް ނުނިމި އެބަ އޮތެވެ. މަޖިލިހަށް 21 ގަރާރެއް ހުށަހަޅައި ނުވަ ގަރާރެއް ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ ފަރާތުން 15 މައްސަލައެއް ހުށަހެޅި އިރު، ތިން މައްސަލައެއް ވަނީ ނުނިމި އެވެ. ރިޔާސަތުން ހުށަހެޅި 22 މައްސަލައިގެ ތެރެއިން ފަސް މައްސަލައެއް ނުނިމެ އެވެ. އެކަމަކު، މެމްބަރުން ހުށަހެޅުއްވި ނުވަ މައްސަލަ ވެސް ވަނީ ނިމިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

އެހެނިހެން މައްސަލަތަކާ ގުޅޭ 39 ރިޕޯޓެއް މަޖިލިހަށް ހުށަހެޅި އިރު 34 ރިޕޯޓެއް ވަނީ ނިމިފަ އެވެ. މިނިސްޓަރުންނާ 20 ސުވާލެއް ކުރަން ހުށަހެޅި އިރު، 14 ސުވާލެއްކޮށް ނިމި، ނުނިމި ވަނީ ހަ ސުވާލެކެވެ.

ރައްޔިތުންގެ މަޖިލިސް ނިންމަވާލައްވަމުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އެވެ. އަދި ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ޖަލްސާތައް ބާއްވަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. މަޖިލިހުގެ ރައީސް ނަޝީދު، ކޮމިޓީގެ މެމްބަރުންނަށް އަންގަވާފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށެވެ.