Roadha Mihaaru
1400 ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ހުއްޓިފައި

ހަވާލުވި އިރު 1،400 ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ހުއްޓިފައި: އާތިފާ

22 ޖުލައި 2019

ސަރުކާރާ ހަވާލުވި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ 1،450 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރާ ހަވާލުވި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ 1،450 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.

ތ. ވިލުފުށީގައި އަޅަން ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނުހިނގާތީ އެ ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލުގެ ޖަވާބުގައި އާތިފާ ވިދާޅުވީ ބައެއް ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ނިންމިޔަސް، ދިރިއުޅެވޭނެ ހާލަތަށް ގެންނަން ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ފޯރުކޮށް ނުދެވި ކަމަށެވެ. އަދި ބައެއް ތަންތަން ހުރީ ބަލަހައްޓާނެ ފަރާތެއް ނެތި ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ތަންތަނަކީ ބަލަހައްޓާނެ ފަރާތެއް ނެތި ދޫކޮށްލާފައިވާ ތަންތަން ކަމަށްވާތީ، ވަރަށް ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި،" މަޖިލިހުގެ ޖަލްސާގައި އާތިފާ ވިދާޅުވި އެވެ.

އާތިފާ ވިދާޅުވި ގޮތުގައި މިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސަމާލު ކަމަށް އައުމާ އެކު އަވަސް ހައްލެއް ހޯދުމަށް، ރަށްރަށުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ހުއްޓާލާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި އަހަރުގެ ބަޖެޓުގެ ތެރެއިން ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ބައެއް ހައުސިން ޔުނިޓްތަކުގައި މީހުން ދިރިއުޅެވޭ ފެންވަރަށް ހަދައި ދިނުމުގެ ގޮތުން 127 މިލިއަން ރުފިޔާގެ ހައުސިން މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށް އާތިފާ ވިދާޅުވި އެވެ. އަދި ބާކީ ހުރި ތަންތަން ނިންމަން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސައްކަތް ހުއްޓިފައި ހުރީ އާތިފާ ވިދާޅުވި ގޮތުގައި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި އަޅަން ފެށި ހައުސިން ޔުނިޓްތަކެވެ.

އެގޮތުން ވިލުފުށީގައި އިމާރާތް ކުރަން ނިންމި 100 ގޭގެ ތެރެއިން 64 ގެއެއްގެ ސްޓްރަކްޗަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އާތިފާ ވިދާޅުވި އެވެ. އަދި 64 ގޭގެ ތެރެއިން 33 ގޭގެ ފުރާޅުގެ މަސައްކަތް ނިންމި އިރު، 36 ގޭގެ މަސައްކަތް އެއްވެސް ވަރަކަށް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީގައި އަޅަން ނިންމި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނަން ނިންމާފައިވާ ކަމަށް ވެސް އާތިފާ ވިދާޅުވި އެވެ.

ވިލުފުށީގައި ހައުސިން ޔުނިޓުތައް ފަރުމާ ކުރާ ގޮތާ މެދު ރައްޔިތުން ކަންބޮޑުވާތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނަންތޯ އަފީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އާތިފާ ވިދާޅުވީ ވިލުފުށީގައި އަޅަމުން ދަނީ އެހެން މަޝްރޫއުތަކުގައި ވެސް ހައުސިން ޔުނިޓް އެޅުމަށް ބޭނުން ކުރާ ފަރުމާ ކަމަށެވެ. އަދި މިހާތަނަށް އެ ފަރުމާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީގައި އަޅަން ނިންމި ހައުސިން ޔުނިޓުތަކުގެ ބޮޑު ބައެއް ނިމިފައިވާތީ، ފަރުމާ އަށް ބަދަލު ގެނައުމަކީ އިތުރު ހަރަދުތަކެއް ހިނގައި، ވިސްނަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަ، ފަރުމާތަކަށް ބަދަލު ގެންނާނެ ކަމަށް އާތިފާ ވިދާޅުވި އެވެ.

މިއީ ހައުސިން މިނިސްޓަރު މަޖިލިހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލުތައް އަމާޒު ކުރި ދެ ވަނަ ފަހަރެވެ.