Roadha Mihaaru
ޕީޕީއެމްގެ އޮފީހަކަށް އެމްއައިޓީޑީސީން 1.9 މިލިޔަން

ޕީޕީއެމްގެ އޮފީހެއް ހަދަން އެމްއައިޓީޑީސީން 1.9 މިލިޔަން ރުފިޔާ ޚަރަދުކުރި

24 ޖުލައި 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އޮފީހެއް ހަދަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން 1.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ އޮފީހެއް ހަދަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން 1.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއައިޓީޑީސީގެ އާ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރާއިދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސީއެސްއާރް މަސައްކަތްކަތެއްގެ ނަމުގައި އެމްއައިޑީސީން ޕީޕީއެމްގެ އޮފީހެއް ހެދީ ބޯޑް ރިޒޮލިއުޝަނެއް ވެސް ފާސްކޮށްގެން ކަމަށެވެ.

"ޕީޕީއެމްގެ އޮފީސް ހެދުމަށް 4،000 އަކަފޫޓްގެ ބިމެއްގައި 1.8 މިލިޔަން ރުފިޔާ އެމްއައިޓީޑީސީން ޚަރަދުކުރުމަށް ޓަކައި މި އޮތީ ބޯޑުގައި ރިޒޮލިއުޝަނެއްގައި ލިޔެފައި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ރާއިދު ވިދާޅުވި ގޮތުގައި ފަސް ވަނަ ބޯޑު ރިޒޮލިއުޝަނުގެ ގޮތުގައި ލިޔެފައި އޮތީ ޕީޕީއެމްގެ އޮފީސް ހަދަން އެކުންފުނިން ޚަރަދުކުރުމުން ސަރުކާރުން އެ ކުންފުންޏާ މެދު ހިތްހަމަ ޖެހޭނެ ވާހަކަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރިޒޮލިއުޝަންގައި 1.8 މިލިޔަން ރުފިޔާ ކަމަށް އޮތަސް ޖުމްލަ 1.9 މިލިޔަން ރުފިޔާ ޕީޕީއެމްގެ އޮފީހަށް ހަރަދުކޮށްފައިވާކަން ކުންފުނީގެ ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހަދަން ފާސްކުރި ސޮއިކޮށްފައިވާ އަސްލު ރިޒޮލިއުޝަން ނައްތާލާފައިވާ ކަމަށާއި ކޮމިޓީގައި މިއަދު ހާމަކުރެއްވި ލިއުން ހޯދީ ކުންފުނީގެ ހާޑް ޑިސްކަކުން ކަމަށެވެ.

"ސޮއިކޮށްފައި އޮތް އެތި އޮތީ ނައްތާލާފައި. މިއީ ހާޑް ޑިސްކްގައި އިން ރިޒޮލިއުޝަން މި އޮތީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީ ކުރަން ހުށަހަޅާފައިވާނެތޯ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސުވާލުކުރެއްވުމުން ރާއީދު ވިދާޅުވީ އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސީއެސްއާރު މަސައްކަތްތަކުގެ ނަމުގައި އެ ކުންފުނިން ހަރަދުކޮށްފައިވާ އެހެން ބައެއް މަސައްކަތްތަކުގެ ތެރޭގައި ރާއިދު ވިދާޅުވި ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުގައި ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ހައިކޯޓަށް ޖިމް އިކްއިޕްމަންޓް ގަތުން ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ އެ ކަންތައްތަކަށް ހަރަދު ކުރިކަން ކުންފުނީގެ ރެކޯޑްތަކުން އެނގޭ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތްތައް ނިމުނުކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ.

ރާއިދު ވިދާޅުވި ގޮތުގައި ސީއެސްއާރުގެ ނަމުގައި އެމްޓީޑީސީން ހަރަދުކުރި ފައިސާ އެކުންފުންޏަށް ވެއްދުމަށް ފަހު ބޭރުކޮށްފައި ވަނީ މަނީލޯންޑަ ކުރުމާ އެއްފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެއީ ސީއެސްއާރަށް ޚަރަދުކުރުމުގެ ނަމުގައި ބައެއް ރިސޯޓްތަކުން ދީފައިވާ ފައިސާގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ހޯދައި އެކުންފުންޏަށް ދޫކުރި ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން މިކުރާ ގޮތަކީ ޓޫރިޒަމް މިނިސްޓްރީގައި އެކިއެކި ރިސޯޓްތަކުން ސީއެސްއާރުގެ ނަމުގައި މިނަގަނީ ފައިސާ. ނަގާފައި އެ ފައިސާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަމުގައި އޭރު ޚަރަދުކުރެވެން ނެތީތީ އެމީހުންގެ ނަމުން ނަމަ ފްރެންޑްލީ ކޮމްޕެނީތަކެއް އެބަހުރޭ. އޭގެ ތެރޭގައި އޮންނަ ފްރެންޑްލީ ކޮމްޕެނީއެއް އެމްއައިޓީޑީސީއަކީ ވެސް. އެހެންވީމާ އެމްއައިޓީޑީސީގެ ބަޖެޓެއް ވެސް ނޫން އަދި އެމްއައިޓީޑީސީން ނަގާފައި ހުރި ލާރިއެއް ވެސް ނޫން. ރިސޯޓްތަކުން ސީއެސްއާރުގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި މި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށް، ވައްދާފައި މިހަރަދު މިކުރަނީ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ ހަމަ ސީދާ މަނީ ލޯންޑްރިންގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ.

ސީއެސްއާރަށް ޚަރަދު ކުރުމުގެ ނަމުގައި އެމްއައިޓީޑީސީއަށް ފައިސާ ދީފައި ވަނީ އެކި ރަށްރަތަކުގެ ނަމުގަ އެވެެ. އެގޮތުން ޖުމްލަ 2.4 މިލިޔަން ޑޮލަރު އެ ކުންފުނީގެ އެކި ރަށްތަކުގެ ނަމުގައި އެމްއައިޑީސީގެ އެކައުންޓަށް ޖަމާކޮށްގެން ހަރަދުކޮށްފައިވާ ކަަމަށް ރާއިދު ވިދާޅުވި އެވެ. އެ ރަށްތަކަކީ ރާއިދު ވިދާޅުވި ގޮތުގައި ހިންގަމުން އަންނަ ރިސޯޓްތަކެއްކަން ނުވަތަ ނޫންކަން ވެސް އެނގޭކަށް ނެތެވެ.

ފައިސާ ދިން ރަށްތަކާއި އަދަދުތައް

ނ. ކުރެދިވަރު: 20،000 ޑޮލަރު

ނ.،ލޯފަރު: އެއް މިލިޔަން ޑޮލަރު

އިތާފުށި: 100،000 ޑޮލަރު

ދިގުރަށް: 70،000 ޑޮލަރު

ހުރަަވަޅި ބީޗް ރިސޯޓް: 10،000 ޑޮލަރު

ފަސްމެންދޫ: 10،000 ޑޮލަރު

މާރަންދޫ: 20،000 ޑޮލަރު

މާގައު: 66،000 ޑޮލަރު

އުތުރު މާފަރު: 10،000 ޑޮލަރު

މިރިޔަންދޫ: 10،000 ޑޮލަރު

މާމުޓާ: 10،0000 ޑޮލަރު

ނަސަންދުރަ ޕެލަސް ހޮޓެލް: 20،000 ޑޮލަރު

އެނބޫދޫ: 100،000 ޑޮލަރު

އޮޑެގައްލާ: 500،000 ޑޮލަރު

ޖުމްލަ: 2.3 މިލިއަން ޑޮލަރު