ވޯޓު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ހަދިޔާ ދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެއްޗެއް ދީފައި އެކަން ނިންމާލަނީއެއް ނޫނެވެ. ވޯޓު ގަންނަ ފަރާތަށް އެ ވޯޓު ލިބޭނެކަން ކަށަވަރު ވެސް ކުރެ އެވެ. އެ ޔަގީންކަން ހޯދަން ބޭނުންކުރާ މައިގަނޑު އުކުޅަކީ އެކަން ސާބިތުވާނެ ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ޖަހަން ޝަރުތުކުރުމެވެ.
29 އޯގަސްޓް 2018
ވޯޓު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ހަދިޔާ ދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެއްޗެއް ދީފައި އެކަން ނިންމާލަނީއެއް ނޫނެވެ. ވޯޓު ގަންނަ ފަރާތަށް އެ ވޯޓު ލިބޭނެކަން ކަށަވަރު ވެސް ކުރެ އެވެ. އެ ޔަގީންކަން ހޯދަން ބޭނުންކުރާ މައިގަނޑު އުކުޅަކީ އެކަން ސާބިތުވާނެ ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ޖަހަން ޝަރުތުކުރުމެވެ.
ރާއްޖޭގެ އިންތިޚާބުތަކުގައި މިކަން ހިނގާކަން ވޯޓު ގުނާ ވަގުތު ފެނި، ސާބިތުވެ އެވެ. އެކަމަކު ރިޝްވަތާއި ކޮރަޕްޝަންގެ މި އަމަލު ހުއްޓުވުގެ ޝައުގުވެރިކަމެއް ސިޔާސީ މީހުންގެ ނެތެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ގެންދަނީ މި ބޮޑު މައްސަލަ ހައްލުކުރަން ކުރާ އެންމެ މުހިއްމު މަސައްކަތަށް ހުރަސްއަޅަމުންނެވެ.
ވޯޓު ގަތުން ކުރިއަށް ގެންދިޔުމުގެ ނިޔަތުގައި، ގަސްދުގައި އެ ކަމަށް ދޮރު ހުޅުވާފައި ބަހައްޓަން ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ހެއްޔެވެ؟
"ވޯޓު ގަތުމަކީ ދިވެހިރާއްޖޭގައި ސީރިއަސް މައްސަލައެކެވެ. އަދި އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހީނަރުވުމުގެ ބިރު އެބަ އޮތެވެ."
އަންނަ މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ވޯޓު ކަރުދާސްކޮޅުގައި ކުރަހައި، ލިޔެ ހެދިޔަސް ވޯޓު ބާތިލެއް ނުވާނެ އެވެ. ކޮމިޝަނުން ބުނަނީ އެކަމާ ގުޅުވައިގެން ވޯޓު ބާތިލްކުރުން ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ.
"މި ވަގުތު ގާނޫނު އޮތީ ވޯޓު ކަރުދާހުގައި ވޯޓު ފާހަގައިގެ އިތުރުން އެހެން އެއްޗެއް ލިޔުނަސް ނުވަތަ ކުރެހިޔަސް އެ ވޯޓު ކަރުދާސް ބާތިލްވާނެ ފަދަ ގޮތަކަށް ނޫން. އެހެންވީމާ މީގެ ކުރީގެ އަހަރުތަކުގައި ވެސް އޮތް ގޮތަށް، މި އަހަރު ވެސް [އުސޫލު] އޮންނާނީ،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ.
"އެއްވެސް ސިޔާސީ ޕާޓީއަކުން މި ކަމަށް އަމަލީ ސިފައެއް ގެންނާކަށް ބޭނުމެއް ނުވޭ."
ރާއްޖޭގެ އިންތިޚާބުތަކުގައި ފައިސާ ބޭނުންކުރާ ގޮތް ފުރަތަމަ ފަހަރަށް ދިރާސާކޮށް އިންޓަނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް) އިން 2014 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން މީހަކުން އެކަކަށް ވުރެ ގިނައިން (37 ޕަސެންޓް)، ވޯޓު ގަނެވިއްކުން ތަޖުރިބާކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީދާ އެ މީހާގެ ވޯޓު ހޯދަން ފައިސާ އާއި ހަދިޔާގެ ހުށަހެޅުންތައް ލިބިފައިވާ މީހުންނާއި އާއިލާގެ މެމްބަރަކަށް ނުވަތަ އެހެން މީހަކަށް ފައިސާ އާއި ހަދިޔާ ހުށަހެޅި މަންޒަރު އަމިއްލަ ލޮލުން ދެކެފައިވާ މީހުންނެވެ.
ވޯޓު ގަނެވިއްކުމުގެ ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ނިސްބަތް 37 ޕަސެންޓަށް އަރާ
މިއީ ދުނިޔޭ ނިސްބަތުން ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށް އައިއެފްއީއެސް އިން ބުނެފައިވަނީ "ވޯޓު ގަތުމަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އާއްމު މައްސަލައަކަށް ވިޔަސް ދިވެހިރާއްޖޭގައި މި ކަން ގޮސްފައި އޮތީ ހައިރާންވާހާ މަތީ ދަރަޖައަކަށް" ކަމަށެވެ.
ވޯޓު ގަނެވިއްކުމުގެ ތަޖުރިބާތައް ކޮށްފައިވާ މީހުންގެ 82 ޕަސެންޓް ބުނެފައިވާ ގޮތުގައި ރިޝްވަތުގެ ގޮތުގައި ހުށަހަޅާފައި ވަނީ ނަގުދު ފައިސާ އެވެ. އަދި އޭގެ ތެރެއިން 53 ޕަސެންޓް މީހުން ބުނެފައި ވަނީ 4،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތެރޭގައި ހެދި ސާވޭ އިން އެނގުނު މުހިއްމު އަނެއް ކަމަކީ ފައިސާ އާއި ހަދިޔާ ދިން ކެންޑިޑޭޓަށް ނުވަތަ ޕާޓީ އަށް ވޯޓު ދިންކަން ކަށަވަރުކުރުމުގެ މައިގަނޑު ގޮތަކީ (27 ޕަސެންޓް) ވޯޓު ކަރުދާހުގައި ވަކި ކަހަލަ ފާހަގައެއް ޖެހުން ކަމެވެ. (ޚަތިމުގައި އަތްލައި ހުވާކުރުވުމާއި ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެންގުވުމާއި ވާދަވެރި ކެންޑިޑޭޓަށް ވޯޓުލިޔަ ނުދޭން އައިޑީ ކާޑު، ޕާސްޕޯޓް އަދި ލައިސަންސް އަތުލުން ވެސް ހިމެނެ އެވެ.)
ވޯޓު ވިއްކިކަން ސާބިތުކޮށްދޭން އެންމެ އާއްމުކޮށް ކުރާ ކަމަކީ ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުން
"އައިއެފްއީއެސްގެ ދިރާސާ އިން އެބަ އެނގޭ ގާތްގަނޑަކަށް 80،000 މީހުން، ވޯޓު ގަނެވިއްކުން ތަޖުރިބާކުރާކަން. ރާއްޖޭގެ އެއްވެސް އިންތިޚާބެއްގައި ނެތް، 80،000 ވޯޓުގެ ތަފާތެއް ފެނިފައެއް،" ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކެސީ މެނޭޖަރު އައިމަން ރަޝީދު ފާހަގަކުރެއްވި އެވެ.
"މިސާލަކަށް 2013ގެ އިންތިޚާބުގައި ވޯޓުގެ ތަފާތަކީ 6،022. ރާއްޖޭގެ އިންތިޚާބުތަކުގައި އެންމެ ބޮޑުވެގެން ވެސް މި ފެންނަނީ 6،000 އާއި 9،000އާ ދެމެދުގެ ތަފާތެއް. އެ ތަފާތު ގެނެވޭނެ، ވޯޓަށް ނުފޫޒު ފޯރުވައިގެން. އެކަން ކުރަން އެންމެ ގިނައިން ކުރާ ކަމަކީ ވޯޓު ގަނެ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުން."
ފައިސާ ދިން މީހާ ބުނި ގޮތް ހަދައިދިންކަން ސާބިތުކުރުމުގެ ގޮތުން ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ޖަހައި ވޯޓު ކަރުދާސްކޮޅު އަމިއްލަ އަށް ދައްކާލާ މަންޒަރު މީގެ ކުރިން ފެނިފައި އެބަ ހުއްޓެވެ. ވޯޓު ގުނާ ވަގުތު ވެސް، ޕާޓީތައް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް އެކަން ބެލޭނެ އެވެ. އެއާ އެކު ވޯޓުގެ ސިއްރުކަން ވެސް ގެއްލިގެންދަނީ އެވެ.
"ކުރީގެ އިންތިޚާބުތަކުގައި މި ކަން ފެނިފައި ވަނީ. ވަކި ކަހަލަ ފާހަގައެއް ވަކި ގޮތަކަށް ހުއްޓާ ފެނުނީމަ، ވޯޓު ލާ މަރުކަޒުގައި ހުންނަ ޕާޓީގެ އޭޖެންޓަށް އެނގޭނެ، ވޯޓު ލީ، ލާރި ދީފައި ބުނި ގޮތަށް ކަން،" އައިމަން ވިދާޅުވި އެވެ.
ވޯޓު ގަތުމަކީ މިހާރު ވެސް ކުށެކެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، "ގާނޫނީ ގޮތުން ހުއްދަކޮށްފައި ނުވާ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ ދިނުން" އެއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކުރިންސުރެ ވެސް އޮވެ އެވެ. އެކަމަކު އެ މާއްދާ ތަންފީޒުކުރާ ތަން ނުފެންނަ އިރު، އައިމަން ފާހަގަކުރެއްވި ގޮތުގައި، ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ހަމަޖެއްސުމަކީ ވޯޓު ގަނެވިއްކުން ހުއްޓުވަން އެޅޭނެ އެންމެ ކާމިޔާބު އެއް ފިޔަވަޅެވެ.
"މިއީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެކަން ކުރާ ގޮތް. މި ސަރަހައްދުގެ އެކި ގައުމުތަކުގައި ވެސް އެ ގޮތަށް ހަމަޖައްސާފައި ވަނީ. ގާނޫނަށް މި ބަދަލު ގެނެސްފިއްޔާ ހުރިހާ އެންމެން ވެސް ބިރުގަންނާނެ ފާހަގަ ޖަހަން. އެއްވެސް މީހަކު ބޭނުމެއް ނުވާނެ، އެ މީހެއްގެ ވޯޓު ބާތިލްވާކަށް،" އޭނާ ވިދާޅުވި އެވެ.
އަކްރަމް ފާހަގަކުރެއްވި ގޮތުގައި "ވޯޓު ކަރުދާހުގައި ކުރަހައި ފާހަގަޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބާރުއަޅާ ކަމެއް ނޫނެ"ވެ.
"ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ވޯޓު ކަރުދާހުގައި އެކި ކަހަލަ ފާހަގަތައް ޖެހުމަކީ ވޯޓް ބައިން އަށް (ގަތުމަށް) މަގުފަހިވެދާނެ ކަމެއް. އޭގެ އިތުރުން، ބައެއް ފަހަރު މީހުންގެ އައިޑެންޓިފިކޭޝަން އަށާއި އަދި ބައެއް ފަހަރު ބޭއަދަބީ ކަންކަން ވެސް އެކަމުގެ ތެރެއިން ފެންނަން އެބަ ހުރޭ. މިސާލަކަށް ބޭކާރު އެއްޗެހި ލިޔެ، ބައެއް މީހުންނަށް ހަޑިހުތުރު ބަސްތައް އަމާޒުކުރުން،" އޭނާ ވިދާޅުވި އެވެ.
"ވޯޓު ކަރުދާސްކޮޅަކީ އެ މީހަކު ބޭނުންވާ މީހާ އަށް ފާހަގަ ޖަހަން ހުންނަ އެއްޗެއް. އެ މީހަކު ހިތުހުރި އެއްޗެއް ލިޔެ، ކުރަހާ، ނުވަތަ ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ފަދަ ކަންކަން ކުރަން ހުންނަ އެއްޗެއް ނޫން."
މައްސަލަ ހައްލުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ލިޔެ ކުރަހައި ހަދައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ދެ ފަހަރު ހުށަހަޅައިފަ އެވެ. އެކަމަކު 2016ގައި ވެސް އަދި މި އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ ތާއީދެއް އެކަމަކަށް ނުލިބުނެވެ. ދެ ފަހަރު ވެސް، ވެރިކަން ކުރާ ޕީޕީއެމުން އަމިއްލަ އަށް އިސްލާހު ހުށަހަޅައި އަމިއްލަ އަށް ފެއިލްކޮށްލީ އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ 2016ގައި ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ 24 މެމްބަރަކު ވޯޓު ދެއްވި އެވެ.
އަކްރަމް ވިދާޅުވީ ފުރަތަމަ ފަހަރު އިސްލާހު ފެއިލްކޮށްލީ "ހުރިހާ ޕާޓީއެއް އެކުވެގެން" ކަމަށެވެ. އޭރު އިދިކޮޅު އެމްޑީޕީން ވެސް ހަގީގަތުގައި އެ އިސްލާހާ ދެކޮޅު ކަމަށް ވާހަކަ ދެކެވުނެވެ. ޕީޕީއެމްގެ މެމްބަރުން އިސްލާހު ފެއިލްކޮށްލާނެ ކަމާއި އިދިކޮޅު މެމްބަރުން އެއްކޮޅަށް ވޯޓު ދިނަސް ނުކުންނާނީ އެ ނަތީޖާކަން އެނގޭތީ ނަމެއްގައި އެހެން ހެދީ ކަމަށް އޮތީ ބެލެވިފަ އެވެ. ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ޕީޕީއެމުން ބޭނުންވި ނަމަ، އޭރު ސަރުކާރަށް އޮތް ބޮޑު އަޣުލަބިއްޔަތުން އެ އިސްލާހު ފާސްކުރެވުނީހެވެ.
"އެންމެ ފުރަތަމަ ހުށަހެޅީ 2016ގައި. އޭރު ހުރިހާ ޕާޓީއެއް ވެސް މަޖިލީހަށް ދިޔަ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކުން މީތި ފާސްކޮށްދޭ ގޮތެއް ނުވި. އޭރުގައި ހުރިހާ ޕާޓީއެއް އެކުވެގެން މީތި މަޖިލީހުން ބޭރުކޮށްލީ. ދެން މި ފަހަރު މަޖިލީހަށް ދިޔަ އިރު ހުރިހާ ޕާޓީއެއް ޝާމިލެއް ނުވޭ،" އިދިކޮޅު ޕާޓީތަކުން މިހާރު މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި އޮންނަ އޮތުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. - ފޮޓޯ: މަޖިލިސް
އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިދިޔަ ޖޫން މަހު ހުށަހެޅުއްވި ބިލުގައި ވެސް، "ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި އެއްވެސް ގޮތަކަށް ވޯޓު ކަރުދާހުގައި ލިޔެގެން ނުވަތަ ކުރަހައިގެން ދީފައިވާ ވޯޓު" ބާތިލްވާނެ ކަމަށް އޮތެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރާ 34 މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރީ އެ އިބާރާތް އުނިކޮށްފަ އެވެ.
ކުރަހާފައި ހުންނަ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ހަމަނުޖައްސައިގެން އުޅޭ މައްސަލައިގައި އެންމެ ބޮޑަށް ހައިރާންވާން ޖެހެނީ މެމްބަރުންގެ ބަހާއި އަމަލު ދިމާނުވާތީ އެވެ. ފުރަތަމަ ފަހަރު އިސްލާހު ބޭރުކޮށްލީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ބަހުސް މަރުހަލާގައި އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
"މިއީ ހަގީގަތުގައި ވަރަށް ބޮޑު އޮޅުވާލުމެއް. ވަރަށް މުހިއްމު ކަމެކޭ ބުނެފައި ގޮސް، ފިއްތާލަނީ ރަތް ބަޓަން އަށް،" އައިމަން ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާ މުހިއްމު ކަމެއް ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލުމަކީ ރިޝްވަތު ދީގެން ވޯޓަށް ނުފޫޒު ފޯރުވަން ބޭނުންވުން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
"މީގެ މާނައަކީ ވޯޓު ގަތުމަށް ބާރުއަޅަން ބޭނުންވާ ފަރާތްތަކެކޭ ކޮންމެ ފަހަރަކު [އިސްލާހު] މި ބޭރުކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި ކުރަހައި ހެދުމަކީ ވޯޓު ގަތުމަށް މަގުފަހިވާ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރެ އެވެ. އެކަން ބަދަލުކުރަން ނޫޅެނީ އެވެ.
"ސިޔާސީ ޕާޓީތަކުން އަޅުގަނޑުމެންނާ އެކު ބާއްވާ މީޓިންތަކުގައި ފާހަގަކުރާ ކަމެއް މިއީ، ވޯޓު ކަރުދާސްކޮޅުގައި އިތުރު ފާހަގަތައް ޖަހައި، ފާހަގަކުރެވޭނެ ގޮތް ހެދުމަކީ ވޯޓް ބައިން އަށް މަގުފަހިވެދާނެ ކަމެކޭ. އެހެން ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން މި ކަމަކަށް އަމަލީ ސިފައެއް ގެންނާކަށް ބޭނުމެއް ނުވޭ،" އޭނާ ފާހަގަކުރެއްވި އެވެ.
މި ފަހަރު މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަދަލުގައި ބިލުގައި ލިޔުނީ "ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރު ކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު" ބާތިލްވާނެ ކަމަށެވެ. އޭގެ މާނައަކީ މި އިންތިޚާބުގައި ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ހެޔޮ ފާހަގަ ޖަހާފައި ހުންނަ ހުރިހާ ވޯޓެއް ސައްހަވާނެ އެވެ؛ އިތުރު ނިޝާނަކުން ނުވަތަ ފާހަގައަކުން ވޯޓު ވިއްކިކަން ކަށަވަރުކޮށްދިނަސް މައްސަލައެއް ނެތެވެ.
ވޯޓު ގަތުމުގެ މައި ދޮރާށި އަދިވެސް ހުޅުވާފައި ހުރި އިރު އައިއެފްއީއެސްގެ ރިޕޯޓުގައި އެކަން ސިފަކޮށްފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ އަށް އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގަ އެވެ. އެ ޖަމްއިއްޔާ އިން ބުނާގޮތުގައި "ވޯޓު ގަތުމަކީ ދިވެހިރާއްޖޭގައި ސީރިއަސް މައްސަލައެކެވެ. އަދި އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހީނަރުވުމުގެ ބިރު އެބަ އޮތެވެ."
https://www.ifes.org/sites/default/files/maldives_money_and_politics_survey_final_0.pdf
އައިއެފްއީއެސްގެ ރިޕޯޓު
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި
އެމްޑީޕީގެ ގިނަ އަދަދެއްގެ ފޯމު އީސީގައި ތާށިވެފައި!
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި
ރޯދަ މަހު އިންތިހާބުތައް ނުބާއްވަން ގާނޫނަށް އިސްލާހެއް
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!