Roadha Mihaaru
ޚިދުމަތްތަކަށް ބުރޫއެރީ އަޕްގްރޭޑް ކުރުން ކުރިއަށް ދާތީ

ޚިދުމަތްތަކަށް ބުރޫއެރީ އަޕްގްރޭޑް ކުރުމުގެ މަަސައްކަތެއް ކުރިއަށް ގެންދާތީ: ދިރާގު

25 ޖުލައި 2019

ދިރާގުގެ ބައެއް ހިދުމަތްތަކަކަށް ބުރޫއަރާފައި ވަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއް ކުރިއަށް ގެންދާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ ބައެއް ހިދުމަތްތަކަކަށް ބުރޫއަރާފައި ވަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއް ކުރިއަށް ގެންދާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މި އަޕްގްރޭޑް މަސައްކަތްތަކަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ ގިނަ މަރުހަލާތަކަކަށް ބެހިގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ދުވަސްވަރު ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކަކީ މި އަޕްގްރޭޑިންއާ ގުޅިގެން ކުރިމަތިވާ ދަތިތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބުރޫ އަރާނެ ހިދުމަތްތައް

- ރީލޯޑް އަދި ރީޗާޖާ ގުޅޭ ހިދުމަތްތައް

- މޯބައިލް އެޑްއޮން އާއި މޯބައިލް ޕެކޭޖް ބަދަލުކުރުން

- މައި އެކައުންޓް އަދި ދިރާގު މޯބައިލް އެޕް

- މަމެން މޯބައިލް އެޕް

- ދިރާގު ކަސްޓަމާ ސާވިސް ސެންޓަރައި ދިރާގު ޕާޓްނާޝޮޕްތަކުން ދޭ މޯބައިލް ހިދުމަތާއި ބިލަށް ފައިސާ ދެއްކުން

- މޯބައިލް ނަންބަރު ޕޯޓަބިލިޓީ

މި ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް ޑޭޓާ އާއި އެސްއެމްއެސް ާއި ވޮއިސް ކޯލްގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ދިރާގުގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް ދިރާގުން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެފަހަރު ވެސް ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނާ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ހިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ އަދި ސެފްލް ކެއާ ޗެނަލްސްތަކުގެ ހިދުމަތް ކެނޑިފައިވެ އެވެ.