Roadha Mihaaru
ދިރާގު ޕޭ ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް ދެނީ

ދިރާގު ޕޭ ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް ދެނީ

02 އެޕްރީލް 2020

ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި އޮފާތައް ތައާރަފު ކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން، އިތުރު ކްރެޑިޓާއި ޑިސްކައުންޓު އަދި ކޭޝްބެކް އޮފާތައް ދޭނެ ކަމަށް އެތަނުން ބުންޏެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓް އިތުރު ކްރެޑިޓް ހިލޭ ލިބޭނެ އެވެ. މި އެޕްލިކޭޝަނުން 8ރ.-500ރ. އާ ހަމައަށް ރީލޯޑު ކުރެވޭނެ އެވެ. އަދި ދިރާގު ޕޯސްޓްޕެއިޑާއި ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން ދިރާގު ޕޭ މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކަށް އަންނަ މަހުގެ މަހު ފީ އިން ފަސް ޕަސެންތް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މިއަދުން ފެށިގެން ހަތަރު ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމު ވެސް ވަނީ މަގުފަހިކޮށްފަ އެވެ. މިގޮތުން، ދިރާގު ޕޭގެ ޚިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ ފަސް ވިޔަފާރި ކުރާ ކަސްޓަމަރެއްގެ "ދިރާގު ޕޭ ވޮލެޓަށް" 50ރ. ހިލޭ ޖަމާ ވާނެ އެވެ. މި ހުރިހާ އޮފާއެއް ވެސް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ 260 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެ އެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތް ދޭ މަޝްހޫރު ކެފޭ ރެސްޓޯރެންޓުތަކާއި، ޖެނެރަލް ޓްރޭޑިންތަކާއި، ސެލޫންތަކާއި ހޮސްޕިޓަލްތައް ހިމެނެ އެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް ތިން މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުން ވެސް މި ފީ ތިން މަހަށް ނުނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ އެވެ.