Roadha Mihaaru
މީހެއްގެ މަރާ މެދު އާއިލާ އިން  ސުވާލު އުފައްދައިފި

ގެއެއްގެ ތެރޭގައި މަރުވި މީހެއްގެ މަރާ މެދު އާއިލާ އިން ސުވާލު އުފައްދައިފި

31 ޖުލައި 2019

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ބާރަށު މީހެއްގެ މަރާ މެދު އާއިލާ އިން ސުވާލު އުފައްދައި ފުލުހުންނަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ބާރަށު މީހެއްގެ މަރާ މެދު އާއިލާ އިން ސުވާލު އުފައްދައި ފުލުހުންނަށް ހުށަހަޅައިފި އެވެ.

ހއ. ބާރަށު އަލީ މުހައްމަދު ،52، ގެ މަރާ މެދު އާއިލާ އިން ސުވާލު އުފެއްދީ އާއިލާ އިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ކާކުކަން އެ ހޮސްޕިޓަލަށް ބުނެދެވިފައި ނުވާތީ އާއި ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.

ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް "މިހާރު" އަށް ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ބޭބެ އަލީ މުހައްމަދު މަރުވީ މާލޭގައި ދެތިން ހަތަރު މީހަކު ހިއްސާކުރާ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. އޭނާގެ މަރުވި ޚަބަރު ލިބިގެން މާލެ އަށް އައި އިރު ހަށިގަނޑު އޮތީ ސަހަރާ އަށް ގެންގޮސްފައި ކަމަށާއި ބޭރުފުށުން ބައެއް ޒަހަމްތައް ފެންނަން ހުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ސުވާލު އުފެދެނީ އަލީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ކާކުކަން ވެސް ހޮސްޕިޓަލުގެ ރެކޯޑްތަކުން އެނގެން ނެތުމުން. އަނެއްކާ ހޮސްޕިޓަލުން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެއް ވެސް ނެތް. އެކަމަކު އޭނާގެ މޫނުމަތީގައި ޒަހަމްތަކެއް ހުރި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމާއި އާއިލާ އިން ކަންބޮޑުވާ އަނެއް ކަމަކީ އަލީ މަރުވެފައި އޮތް ކޮޓަރީގައި އެތައް ބަޔަކު އުޅޭ އިރު އެއިން އެއްވެސް މީހަކު އާއިލާއާ އެއްވެސް މުއާމަލާތެއް ނުކުރުމެވެ.

"އަލީ ގެންގުޅުނު ތަކެތި ބަލާ އަޅުގަނޑުމެން އެ ގެއަށް ދިޔައިން. ކޮޓަރީގައި އުޅުނު އެކަކު ވެސް އަޅުގަނޑުމެންނާ ވާހަކަ ވެސް ނުދައްކާ. އަލީ ދަންނަ ކަމަކަށް ވެސް އެމީހުން ނުހަދާ. މިއީ ވެސް ސުވާލު އުފެދޭ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ މަރުވެގެން އާ ސަހަރާއަށް ގެންގޮސްފައި އޮތް 52 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އާއިލާއަށް ފާހަގަ ކުރެވިގެން އިއްޔެ މެންދުރު ފަހު ރިޕޯޓްކުރި ކަމަށެވެ. އެކަމަކު އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިގޮތަށް ހުށަހެޅޭ މަރުގެ ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލައި ރެކޯޑް ކުރާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.