Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 އޯގަސްޓް 2019

ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ބޭޑް ބޯއި" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ބޭޑް ބޯއި" ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށިތާ 60 ދުވަހުގެ ތެރޭގައި ލަވަތައް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިންމާލާފައިވާ އިރު، ލަވައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާ އިން ބޭރުގަ އެވެ. މި ފިލްމަކީ އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމަޝީ ޗަކްރަބަތީ އާއި ޕްރޮޑިއުސަރު ސާޖިދު ގްރޭޝީގެ އަންހެން ދަރިފުޅު އަމްރިން ގްރޭޝީ ލީޑް ރޯލު ކުޅޭ ފިލްމެކެވެ.

"ބޭޑް ބޯއި" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވިދިޔާ ބާލަން، މުހައްމަދު ޒީޝާން އައްޔޫބްގެ އިތުރުން ސަސްވާތާ ޗެޓަޖީ ހިމެނެ އެވެ.

ޝާހްރުކް ހާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އިމްބޮކްސް ޕިކްޗާޒް ގުޅިގެން ގެނެސްދޭ "ބޭޑް ބޯއި" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ދާމިނީ" އާއި "ގަތަކު" އަދި "ގާޔަލް" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސް ދިން ގާއީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2013 ގެ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.

"ޗިޗޯރް" ގެ ޓްރެއިލާ އާދީއްތަ ދުވަހު

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ނިތޭޝް ތިވާރީގެ އާ ފިލްމު "ޗިޗޯރް" ގެ ޓްރެއިލާ އަންނަ އާދިއްތަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އާމިރު ހާނާ އެކު "ޑަންގަލް" ގެނެސް ދީގެން ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދުމަށް ފަހު، ނިތޭޝް ގެނެސްދޭ ފުރަތަމަ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގައި ދައްކުވައި ދޭނީ އެކުގައި ކިޔަވަން އުޅުނު ބައެއްގެ އެހާރާއި މިހާރުގެ ހާދިސާތަކެކެވެ.

"ޗިޗޯރް" ކާސްޓުންގެ ތެރޭގައި ސުޝާންތު ސިންގް ރާޖްޕޫތު، ޝްރަދާ ކަޕޫރް، ވަރުން ޝަރުމާ، ޕްރަތީކް ބައްބަރު، ތާހިރު ރާޖް ބާސިން، ނަވީން ޕޮލިޝެޓީ، ސަހާޝް ޝުކްލާ، ތުޝާރު ޕާންޑޭ އަދި ނަލްނީޝް ނީލް ހިމެނެ އެވެ.

މި ފިލްމު މި މަހުގެ 30 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، ޝްރަދާ ބަތަލާގެ ރޯލުން ފެނިގެންދާ "ސާހޯ" ވެސް އެ ތާރީހުގައި ރިލީޒް ކުރާތީ ފިލްމު އަންނަ މަހުގެ 6 އަށް ފަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އެކަން "ޗިޗޯރް" ގެ ޓީމުން ކަށަވަރެއް ނުކޮށްދެ އެވެ. ބެލެވޭ ގޮތުން ފިލްމުގެ ޓްރެއިލާ ނެރޭ އިރު، ފިލްމު ރިލީޒް ކުރާ ތާރީހު ކަށަވަރު ވާނެ އެވެ.

ބުޝަން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ޔޫޓިއުބް ޗެނެލްގެ ރެކޯޑް އޮތް އިންޑިއާގެ ފިލްމު/މިއުޒިކް ކުންފުނި ޓީ ސީރީޒް ހިންގެވުމާ ހަވާލުވެ ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރު އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

އަންހެނުންނާއި ދަރިފުޅާ އެކު މިދިޔަ ހަފުތާގައި ބުޝަން ހޭދަކުރި ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އަންހެނުން އަދި ކުރީގެ ބަތަލާ ދިވްޔާ ކޯސްލާގެ ޓްވިޓާ އާއި އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެކަމަކު އެ މީހުން ޗުއްޓީ ހޭދަ ކުރީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ދިވްޔާ ވަނީ ރާއްޖެ މަތިން ހަނދާންވާ ކަމަށް ވެސް ބުނެފަ އެވެ.

"އަބް ހަމާރޭ ހަވާލޭ ވަތަން ސާތިޔޯ" ފަދަ ފިލްމުތައް ކުޅުނު ދިވްޔާއަކީ މިހާރު ޑައިރެކްޓަރެކެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2016 ގެ "ސަނަމް ރޭ" އެވެ.

ޓީ ސީރީޒަކީ އަހަރަކު އެތައް ފިލްމެއް ނެރޭ ކުންފުންޏެވެ. އެތަނުގެ ތިން ފިލްމެއް މި މަހު ވެސް ރިލީޒް ކުރާނެ އެވެ. އެއީ "މިޝަން މަންގަލް" އާއި "ބަތުލާ ހައުސް" ގެ އިތުރުން "ސާހޯ" އެވެ.

އިޓަލީގެ ފެސްޓިވަލުން "ހިޗްކީ" އަށް އެވޯޑެއް

އިޓަލީގައި ބޭއްވި 49 ވަނަ "ޖިފޯނީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް" ގައި ބައިވެރިކޮށްގެން އިންޑިއާގެ "ހިޗްކީ" އެވޯޑެއް ހޯދައިފި އެވެ.

އުކުޑިކޮއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލް ރާނީ މުކަރްޖީ ކުޅެފައިވާ ފިލްމަށް އިޓަލީގެ ފެސްޓިވަލުން ލިބުނީ ގްރައިފޯން އެވޯޑް ފޮ ބެސްޓް ފިލްމުގެ އެވޯޑެވެ. އެ ވާހަކަ އެ ފިލްމު ގެނެސް ދިން ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"ހިޗްކީ" އަކީ ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކޮށް މިދިޔަ އަހަރު ރިލީޒް ކުރި ވަރަށް ކާމިޔާބު ފިލްމެކެވެ.

މި ފިލްމު މިދިޔަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފް) ގައި ވާދަކޮށްގެން ރާނީ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.