Roadha Mihaaru
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ

ސްކްރިޕްޓްތައް ހޮވުމުގައި ފިރިމީހާގެ އެއްވެސް ނުފޫޒެއް ނެތް: ރާނީ

15 ނޮވެމްބަރ 2021

ކުޅޭނެ ފިލްމެއް ނިންމުމުގައި ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ އެއްވެސް ނުޒޫފެއް ނޯންނާނެ ކަމަށާއި ކައިވެނި ކުރުމުގެ ކުރިއެކޭ އެއްގޮތަށް، ކެރިއަރުގައި ނިންމާ ނިންމުންތަކަކީ އަބަދުވެސް އަމިއްލަ ނިންމުންތައް ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅޭނެ ފިލްމެއް ނިންމުމުގައި ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ އެއްވެސް ނުޒޫފެއް ނޯންނާނެ ކަމަށާއި ކައިވެނި ކުރުމުގެ ކުރިއެކޭ އެއްގޮތަށް، ކެރިއަރުގައި ނިންމާ ނިންމުންތަކަކީ އަބަދުވެސް އަމިއްލަ ނިންމުންތައް ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނާގެ އާ ފިލްމު "ބަންޓީ އޯރް ބަބްލީ 2" ގެ ޕްރޮމޯޝަނަށް ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ހޮނިހިރު ދުވަހުގެ ރޭ ބައިވެރިވެ، ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ ކުރި ސުވާލަކާ ގުޅިގެން ރާނީ ބުނީ އޭނާއަކީ އަބަދު ވެސް ވަރަށް މިނިވަންކޮށް އުޅޭ މީހެއް ކަމަށެވެ.

"ކުޅޭނެ ފިލްމެއް ހޮވަން ނުވަތަ އަހަންނަށް ލިބޭ ސްކްރިޕްޓަކާ މެދު ގޮތެއް ނިންމަން ދުވަހަކު ވެސް އާދީގެ ނުފޫޒެއް ނޯވޭ. ކެރިއަރުގެ ނިންމުންތައް ނިންމަނީ އަހަރެން އަމިއްލަ އަށް މުޅިން ވެސް، އަބަދުވެސް." ރީތި އަދި ކާނިޔާބު އެތައް ފިލްމެއް ކުޅެގެން އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދި ބަތަލާ ބުންޏެވެ.

ރާނީ ބުނީ ޑައިރެކްޓަރަކު ފިލްމަކަށް އޭނާ ގެންނަން އެދިގެން އަދިތިޔާ ގާތު އެ ވާހަކަ ދައްކައިފި ނަމަ، އެ މީހަކު ސީދާ ރާނީ ގާތަށް ފޮނުވައިދޭ ކަމަށެވެ.

"އާދީ ބުނާނެ ތިކަމުގައި ތިމަންނަގެ އެއްވެސް ބައިވެރިވުމެއް ނެތޭ. ދާށޭ ސީދާ އަހަރެންގެ ގާތަށް." ރާނީ ބުންޏެވެ.

މިހާރު ފަސް އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި ބަތަލާ ބުނި ގޮތުގައި އަދިތިޔާ އަކީ އަބަދުވެސް އަންހެނުންނަށް ވަރަށް އިހުތިރާއި ގަދަރުކުރާ މީހެކެވެ. އެހެންވެ ފިރިއެއްގެ ހައިސިއްޔަތުން ދުވަހަކު ވެސް ކެރިއަރަށް އެއްވެސް ނުފޫޒެއް، ބާރެއް ފޯރުވަން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މޮހައްބަތޭން" ގެ ޑައިރެކްޓަރު އަދިތިއާ ރާނީ ކައިވެނިކުރީ 2014 ގަ އެވެ.

"އަމިއްލަ ލައިފްގައި އަހަންނަކީ އާދީގެ އަންހެނުން ކަމަށް ވިޔަސް އަދިވެސް އޭނަގެ ނަޒަރުގައި އަހަންނަކީ ހަމަ އެއްކަލަ ފިލްމީ ތަރި ރާނީ މުކަރްޖީ. އެހެންވީމަ އެ ރޮނގު އަބަދުވެސް އާދީ ބައިންދާ." ރާނީ ބުންޏެވެ.

ރާނީ ބުނި ގޮތުގައި ގޭގެ ވެރިޔަކީ އޭނަ އެވެ. އާދީއަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އެވެ.

"އަހަންނަކީ ގޭގައި ބޮސް. އާދީ އަކީ އޮފީހުގައި ބޮސް،" ރާނީ ބުންޏެވެ. "އާދިއަކީ ވަރަށް ރަނގަޅު ފިރިއެއް. އަބަދުވެސް ކަންކަމުގައި ވަރަށް ސަޕޯޓިވް ވާނެ."

"ބަންޓީ އޯރް ބަބްލީ 2" އަކީ ވައިއާރްއެފުން 2005 ގައި ގެނެސްދިން "ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލް އެވެ. ކުރީގެ ފިލްމުގައި އަބީޝެކް ބައްޗަން ކުޅުނު ބަންޓީގެ ރޯލު އާ ފިލްމުގައި ކުޅުނީ ސައިފް އަލީ ޚާނެވެ. އަދި މީގެ ކާސްޓްގައި ވަރަށް އާ ޒުވާން ދެ ތަރިން ވެސް ހިމެނެ އެވެ. އެއީ ސިދާންތު ޗަތުރަވެދީ އާއި ޝަރުވާރީ ވާގެވެ. ކަޕިލްގެ ޝޯގައި ރާނީއާ އެކު ފިލްމުގެ މައިގަނޑު ކާސްޓް ބައިވެރިވި އެވެ.

ރާނީގެ އެންމެ ފަހުގެ ފިލްމަކީ ވައިއާރްއެފްގެ 2019 ގެ "މަރުދާނީ 2" އެވެ. އޭނާ ދާދި ފަހުން ވަނީ ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށް، އާޝިމާ ޗިބާރް ޑައިރެކްޓް ކޮށްފައިވާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ މަސައްކަތް ވެސް ނިންމައިފަ އެވެ.