Roadha Mihaaru
ޑީޑީގެ އެދުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްފި

ޑީޑީގެ އެދިވަޑައިގަތުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށްފި

01 އޯގަސްޓް 2019

ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިވަޑައިގަތުމަކަށް އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިވަޑައިގަތުމަކަށް އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

ޑީޑީ އަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވީ ފުލުހުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތެރެއިންނެވެ. މި ކަންކަން ތަހުގީގު ކުރަނިކޮށް އޭނާ ވަނީ ޖޫން މަހުގެ ފަހުކޮޅު ބޭރަށް ފުރާވަޑައިގެންފަ އެވެ. މަހެއްހާ ދުވަހު ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މަހުގެ 23 ގައި ޑީޑީ ރާއްޖެ ވަޑައިގަތެވެ.

މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް މި ދަތުރުގައި ވަނީ ކެންސަލް ކުރައްވައިފަ އެވެ. އިމިގްރޭޝަނުން އޯޑިނަރީ ޕާސްޕޯޓު ނަންގަވައި ޖެހިގެން އަދި ދުވަހުގެ ރޭ އޭނާ ވަނީ އަނެއްކާވެސް ބޭރަށް ފުރާވަޑައިގެންފަ އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ޚަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުން ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާނީ އެ ޕާސްޕޯޓް ކަމަށެވެ. އެކަމަކު މަގާމުގައި ހުންނަވައި އެ ޕާސްޕޯޓް ދޫކޮށްލައްވަން ބޭނުންވާ ބޭފުޅުންނަށް އެ އިޚްތިޔާރު އޮންނަ ކަން ހަސަން ފާހަގަކުރެއްވި އެވެ.

"އެއް ވަގުތެއްގައި ޑިޕްލޮމެޓިކް އަދި އޯޑިނަރީ ޕާސްޕޯޓެއް ނުގެންގުޅެވޭނެ. ފަނޑިޔާރު ދީދީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހަވާލުކުރައްވައި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑުމެން ވާނީ އޯޑިނަރީ ޕާސްޕޯޓް ރައްދު ކޮށްފައި،" ޚަލީލް ވިދާޅުވި އެވެ.

އޯޑިނަރީ ޕާސްޕޯޓެއްގައި ޑީޑީ ބޭރަށް ވަޑައިގަތް އިރު އޭނާއަށް ތުހުމަތުކުރާ އިތުރު މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން އެ ކޮމިޝަނުން އަދި ނުބުނެ އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޑީޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށް މެސެޖްތަކުގެ އިބާރާތްތަކުން އެނގެ އެވެ.

މި މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ޑީޑީ އަށް ދީފަ އެވެ. އެކަމަކު އެ މުއްދަތު އަދި ހަމައެއްނުވެ އެވެ.

ޑީޑީ މަގާމުން ވަކިކުރަން ނިންމައި އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް 30 ދުވަހުގެ މުއްދަތެއް އޮތީ ދީފަ އެވެ. ބަންދު ދުވަސްތައް ނުގުނައި އެ މުއްދަތު ހަމަވާނީ މި މަހުގެ 26 އަށް ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޑީޑީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވެފައިވާ ގޮތުގައި މުއްދަތު ހަމަވުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަންނަވާނެ އެވެ.

ޑީޑީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށެވެ.