07 އޯގަސްޓް 2019
ތެލެސީމިއާ ކުދިންގެ އުމުރާ ގުޅޭގޮތުން ފަރުވާ ބަދަލު ނުކުރާތީ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ބުނެފި އެވެ.
ތެލެސީމިއާ ކުދިންގެ އުމުރާ ގުޅޭގޮތުން ފަރުވާ ބަދަލު ނުކުރާތީ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ބުނެފި އެވެ.
ރާއްޖޭގައި ތެލެސީމިއާ އޮތް ހާލަތާ ގުޅޭގޮތުން އެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރާ އެއްވަރަށް ފަރުވާ ނުދިނުމުގެ އިތުރުން ހެދިބޮޑުވުމާއި ދަރިމައިވުމުގެ ސިއްހަތުގެ ފަރުވާ ވެސް ނުދޭ ކަމަށެވެ. އޭގެ ސަބަބުން ތެލެސީމިއާގެ ބޮޑެތި މީހުންނަށް އެކި ވައްތަރުގެ ކޮމްޕްލިކޭޝަންތަކާ ކުރިމަތިލާން ޖެހުން ހިމެނެ އެވެ. އެކަމުގެ ނަތީޖާއަކީ، ތެލެސީމިއާ ސޮސައިޓީން ބުނިިގޮތުގައި ފުރާނައަށް ނުރައްކާވެ، އުމުރުގެ އެންމެ އުފެއްދުންތެރި ދުވަސްވަރު މަރުވުމެވެ.
ރައީސް އޮފީހަށާއި ހެލްތު މިނިސްޓްރީ އަދި މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ފޮޮނުވި ބަޔާނުގައި ބުނީ 2013 ވަނަ އަހަރު ތެލެސީމިއާގެ ކަންކަމާ ގުޅޭ މާހިރުންގެ ޓީމެއް ރާއްޖެ އައިސް، މިތަނުގައި ތެލެސީމިއާގެ ހާލަތާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ދޭ ފަރުވާގެ ހާލަތު ދެނެގަންނަން އެސެސްމަންޓް ހަދާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ހެލްތު މިނިސްޓްރީ އާއި ތެލެސީމިއާ ސެންޓަރާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާނެ ކަމަށް ބުންޏެވެ.
ނަމަވެސް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް މިއަދާ ހަމައަށް އައި އިރު ވެސް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައިނުވާ ކަމަށް ބުންޏެވެ.
ތެލެސީމިއާ މީހުންނަށް ދޭ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ތެލެސީމިއާ ސްޕެޝަލިސްޓުންނާއި ދވެހި ޑޮކްޓަރުންނަށް ފަރުވާގެ ކަންކަން ރަނގަޅުކުރުމާއި ކުރާނެ ގޮތްތަކާ ގުޅޭ ހާއްސަ ތަމްރީނުތަކެއް އެ ޖަމިއްޔާގެ ފަރާތުން މިދިޔަ އަހަރު ދީފައިވާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން ތެލެސީމިއާގެ ފަރުވާގެ ޕްރޮޓޮކޯލް ފުރިހަމަކުރަން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާ އެ މީހުންގެ ހުށަހެޅުންތައް ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް ބުންޏެވެ.
"ނަމަވެސް ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާ އަށް އެކަށީގެންވާ ބަދަލެއް މިހާތަނަށް އައިސްފައިނުވާކަން ވަރަށް ހިތާމައާއެކު ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
- ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ސްޕެޝަލިސްޓެއް ނެތުން
- ތެލެސީމިއާގެ ޕޭޝަންޓުންނަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެވޭ ފަދަ (ހިމަޓޮލޮޖިސްޓް، އެންޑޯކްރިނޮލޮޖިސްޓް) ސްޕެޝަލިސްޓުން މަދުވުން
- ތެލެސީމިއާ ޕޭޝަންޓުންގެ ފަރުވާގެ މައިގަނޑު އެއްބައި ކަމުގައިވާ ނަފްސާނީ ދުޅަހެޔޮ ސިއްހަތު ނުވަތަ ސައިކޮސޯޝަލް ސަޕޯޓު ލިބޭނެ ގޮތެއް ތެލެސީމިއާ ފަރުވާގެ ތެރޭގައި ނެތުން
- މާލެ އާއި ރަށްރަށުގައި އުޅޭ ތެލެސީމިއާގެ ޕޭޝަންޓުންނަށް ދޭ ފަރުވާގައި ހުރި ތަފާތު
"މިފަދަ ކަންކަމާ ހެދި ތެލެސީމިއާ ކުދިންނަށާއި ފަރާތްތަކަށް ދެމުންގެންދާ ފަރުވާ އަށް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައިނުވާ ކަން ވަރަށް ހިތާމައާއެކު ފާހަގަކުރަމެވެ. އަދި ފާއިތުވި ދެ މަސް ތެރޭގައި ތެލެސީމިއާ ހުންނަ އަށް ކުއްޖަކު ނިޔާވެފައިިވާ ކަމީ އަޅުގަނޑުމެން ނުހަނު ހިތާމަކުރާ އަދި އެހާމެ ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
ކައިރި ކައިރީގައި ތެލެސީމިއާގެ މީހުން މަރުވުމަކީ އާދައިގެ ކަމެއް ކަމަށް ނުބަލާ އެކަން މެދުވެރިވި ސަބަބު ހޯދުމަކީ މުޅި ތެލެސީމިއާގެ ކޮމިއުނިޓީން އެދޭ ވަރަށް ބޮޑު އެދުމެއް ކަން ފާހަގަކުރި އެވެ. އެއީ އެ މީހުންގެ ދިރިހުރުމުގެ ހައްގު ރައްކާތެރިކޮށް، ދުޅަހޔޮ ސިއްހަތެއް ހޯދައިދިނުމަށް ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
ތެލެސީމިއާގެ ކަންކަމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރިކަމުގައި ވިއަސް އެ ހަރަދާ އެއްވަރަށް ނަތީޖާއެއް ނުފެންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް ވެސް ބުންޏެވެ.
"ވީމާ ތެލެސީމިއާ ކުދިންނަށާއި މީހުންނަށް ދެވޭ ފަރުވާ އާއި ހިދުމަތްތައް ރަނގަޅުކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުން އިތުރަށް މަސައްކަތް ކުރުމަށް އެދި ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ބޯންމެރޯ ހަދަން 5 ކުއްޖަކަށް ފުރުސަތު ދީފި