Roadha Mihaaru
ހާލަތަށް ބަލާއިރު ނެގުނު ގައުމީ ސްކޮޑު ރަނގަޅު: ކޯޗު

ހާލަތަށް ބަލާއިރު ނެގުނު ގައުމީ ސްކޮޑު ރަނގަޅު: ސެގާޓް

13 އޯގަސްޓް 2019

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަކީ މިހާރުގެ ހާލަތަށް ބަލާއިރު ނެގޭނެ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށް ގައުމީ ފުޓްބޯޅަ ކޯޗު ޕީޓަ ސެގާޓް މިއަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަކީ މިހާރުގެ ހާލަތަށް ބަލާއިރު ނެގޭނެ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށް ގައުމީ ފުޓްބޯޅަ ކޯޗު ޕީޓަ ސެގާޓް މިއަދު ބުނެފި އެވެ.

ގުއާމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވިސާ ޖެހުމާއި ޓްރެއިނިން ކޭމްޕަކާ އެކު ގައުމީ ޓީމުގެ ކުޅުންތެރިން ލަންކާ އަށް މިއަދު ދާނެ އެވެ. ލަންކާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރާ 28 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ނުލިބޭ ފާހަގަކުރެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.

އޭގެ ތެރޭގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ، މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ އާއި ރަން ބޫޓު ހާސިލްކުރި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން މުހައްމަދު އުމެއިރު ހިމެނެ އެވެ. އަދި މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ހަސަން ރާއިފް (ހަންނަ) އަށް ވެސް ފުރުސަތު ނުދެ އެވެ.

ލަންކާ އަށް މިއަދު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެގާޓް ބުނީ ޓީމުގައި ނެތް ކުޅުންތެރިންގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށެވެ.

"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު. މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުންޏެވެ.

ސްރީލަންކާގެ ޓްރެއިނިން ކޭމްޕަށާއި ގުއާމް މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގެ ގިނަ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްރީލަންކާގެ ޓްރެއިނިން ކޭމްޕަށާއި ގުއާމް މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގެ ގިނަ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ދަގަނޑޭ އަށް ސެގާޓް ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ދިޔަ ޓީމުން ވެސް ފުރުސަތެއް ނުދެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލަ އަށް ފަހު، ސެގާޓް ބުނީ އެ އެކަމުގައި ދަގަނޑޭ މައާފަށް އެދުނީ މާ ލަހުން ކަމަށެވެ. އަދި ބައެއް ފަހަރު އޭނާ މާ މުސްކުޅީ ކަމަށް ވެސް ބުނެފައިވެ އެވެ.

"ފަަހަރެއްގައި ހާލަތު އޮންނަ ގޮތަކުން އެ ކުޅުންތެރިންގެ ބޭނުން ޖެހިއްޖެނަމަ އަހަރެން އެ ފުރުސަތު ދޭނަން. އެއީ އެއްވެސް މީހަކަށް އަހަރެން ހުރިހާ ދޮރެއް ބަންދެއް ނުކުރާނަން. ކުޅުންތެރިއަކު ކަމެއް ބޭނުމިއްޔާ އަހަންނަށް ގުޅަންވީ. އަހަރެންގެ ނަމްބަރު އޮންނާނެ. އަހަަރެން ވަރަށް ރަނގަޅަށް ކުޅުންތެރިންނަށް މި ކަންތައް ކިޔައިދޭނަން. އެކަމަކު މީޑިއާގައި ދައްކަން މިއީ ރަނގަޅު ވާހަކަތަކަކަށް ނުވެދާނެ،" ސެގާޓް ބުންޏެވެ.

ދާދި ފަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ސީނިއާ ކުޅުންތެރިން ނުގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިން އަށް އިތުރު ކުޅުންތެރިންނަށް ތަޖުރިބާދީ ތައްޔާރުކުރަން ކަމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި ސީނިއާ ކުޅުންތެރިން ހިމަނާނެ ކަމަށް ސެގާޓް ކުރިން ބުންޏެވެ. އެކަމަކު މިއަދު ބުނީ ސީނިއާ ކުޅުންތެރިން ނުނެގުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ ހަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުން ކުރިން ހުރި ލެވެލަށް ދާން ދުވަސްވީ ކުޅުންތެރިންނަށް ދަތިތަކެއް ކުރިމަތިވާނެތީ ކަމަށާއި ޒުވާން ކުޅުންތެރިންގެ ފަރާތުން އެކަން ނުފެންނަ ކަމަށެވެ.

މި ފަހަރުގެ ސްކޮޑުން އަލަށް ފުރުސަތުދިން ކުޅުންތެރިންގެ ތެރޭގައި ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އާއި ށ. ފޯކައިދޫ ޓީމުން ފެނުނު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. މީގެ ތެރެއިން އަޔާ ދަ ގްރާންޑޭއާ އެކު މާ ގިނަ މެޗުތަކެއް އަދި ނުކުޅެ އެވެ.

މި ފަހަރު ސްކޮޑުގައި ހިމެނުނު ދަ ގްރާންޑޭގެ އަޔާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރު ސްކޮޑުގައި ހިމެނުނު ދަ ގްރާންޑޭގެ އަޔާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސެގާޓް ބުނީ އަޔާ އަށް ފުރުސަތު ދިނީ އޭނާ ކުޅުނު ވަގުތުތަކުގައި ދެއްކި ތަފާތުން ކަމަށާއި އެ ފަދަ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަދޭން ޖެހޭ ކަމަށެވެ.

"އޭނަ ފުރަތަމަ އެގާރައިގައި އެއް މެޗު ކުޅުނަސް އެހެން މެޗުތަކުގައި އެބަހުރި 15 ނޫނީ 20 މިނިޓް ކުޅެފައި. އޭނަ ކިބައިގައި ހުނަރު އެބަހުރި. އޭނަ ކުޅެނީ ޖެހިލުން ކުޑަ ކުޅުމެއް. އަހަރެން އެންމެ ބޮޑަށް ޝައުގުވެރިވީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރު އަކޫ ކައިރިން އޭނާ ކުޅުނު ކުޅުމަށް. އަކޫ ކައިރިން ފަހެއް ނޫނީ ހަ ފަހަރު ބޯޅަ ހިފައިގެން އެގޮތަށް ދެވޭނީ މަދު ކުޅުންތެރިއަކަަށް. އޭނާ އެކަން ކޮށްފި. އެ ފަދަ ކުޅުންތެރިއަކަށް ފުރުސަތެއް ދިނުމަކީ ރަނގަޅު ނިންމުމެއް،" ސެގާޓް ބުންޏެވެ.

އަންނަ މަހު 5 ވަނަ ދުވަހު ގުއާމްގައި ކުޅޭ މެޗަށް ދިރާގު ދިވެހި ޕްރިމިއާ ލީގު މަހަކަށް ވުރެ ގިނަ ދުވަހަށް މެދުކަނޑާލީ ގުއާމް މެޗަށް ތައްޔާރުވުމުގައި ދަތިތަކެއް ހުރުމުންނެވެ. އެ ގޮތުން ގުއާމްގައި މެޗު ކުޅެން ދާން ނަގަން ޖެހޭ އެމެރިކާ ވިސާ އެންމެ ފަސޭހައިން ލިބެން އޮތީ ލަންކާ އިން ކަމަށްވާއިރު، އެކަމަށް ހޭދަވާ ދުވަސްތައް ގިނަވުމުން ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕް ހަމަޖެއްސީ ވެސް ލަންކާގަ އެވެ. އެމެރިކާ ވިސާ ނެގުމަށް ކޮންމެ ކުޅުންތެރިއަކު ވަކިން އިންޓަވިއުއަކަށް ދާން ޖެހޭއިރު އެކަމަށް ވެސް ގިނަ ވަގުތު ހޭދަވާނެ ކަމަށް ސެގާޓް ބުންޏެވެ.

"އަހަރެމެން ޓްރެއިނިން ކޭމްޕް ހަމަޖެއްސީ މެލޭޝިއާގައި. އެކަމަކު ކަންތައް ދިމާވި ގޮތުން ލަންކާގައި އެކަން ކުރަން މި ޖެހުނީ. އަހަންނަށް އެނގޭ މިއީ މިކަން އޮތްގޮތްކަން. އެހެންވީމަ މި ގޮތަށް ކުރިއަށް ގޮސް މި ފުރުސަތުތަކުގައި އެންމެ ރަނގަޅަށް ބޭނުން ހިފުން އޮތީ. ދެން ވިސާ ޖަހައި ނިންމާފައި ވަގުތު އޮވެއްޖިއްޔާ އެހެންތަނަކަށް ކޭމްޕްދާނީ،" ސެގާޓް ބުންޏެވެ.

ގުއާމް މެޗު ކުޅާތާ ފަސް ދުވަސް ފަހުން މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ. ސެގާޓް ބުނީ ގުއާމް މެޗަށް ތައްޔާރުވާން ޖެހޭ ހާލަތަށް ވުރެ ޗައިނާ މެޗު ކުޅެން ޖެހޭނީ ތަފާތު ގޮތަކަށް ކަމަށާއި އެހެން ކަމުން އެއީ ފަސޭހައެއް ކަމަށް ދެކޭ ކަމަށެވެ.

"ގުއާމާ އެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރަން. ޗައިނާއާ އެކު މާހައުލު ރަނގަޅުވާނެ. އެއީ އަހަރެމެން ވިސާ ނަގަންޖެހެނީ ގުއާމަށް ދާން. މާލޭގައި ކުޅޭ މެޗަށް ވިސާގެ މައްސަލައެއް ނުޖެހޭނެ،" ސެގާޓް ބުންޏެވެ.

ޓީމާ އެކު މިއަދު ދަތުރުނުކުރާ ކުޅުންތެރިންނަކީ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ. އެފްއޭއެމުން ބުނީ ރިޒޭ ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށާއި ސެންޓޭ އަމިއްލަ ކަމެއްގެ ސަބަބުން މި ވަގުތު ޓީމާ ދުރުގައި ހުރީ ކަމަށެވެ. ރާއްޖޭން އަމާޒު ހިފާފައި ވަނީ ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑް:

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)

އީގަލްސް: އަހުމަދު ރިޒުވާން (ރިޒޭ)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް

ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، ލަބާން ޝަރީފް، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް

ޓީސީ: އިބްރާހިމް އައިޝަމް، މުހައްމަދު އަޖުފާން، އަކުރަމް އަބްދުލް ގަނީ (އަކޫ)

ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު (އަޔާ)

ޔުނައިޓެޑް ވިކްޓްރީ: ހަސަން ތޮލާލު (ތޮލާ)