Roadha Mihaaru
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް

އާދަޔާހިލާފް މެޗެއް؛ ހިތްވަރުގަދަ ދިވެހި ޓީމު އަތުން ގަދަފަދަ ދެކުނު ކޮރެއާ އަށް ބޮޑު ލަދެއް

31 މާޗް 2024

މީގެ 20 އަހަރު ކުރިން މާޗް 31 ވަނަ ދުވަހު، ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހި ޓީމާ ދެކޮޅަށް ކުޅެން، ވަރުގަދަ ދެކުނު ކޮރެއާ ރާއްޖެ އައިއިރު އެ ޓީމަކީ ވޯލްޑް ކަޕްގެ ހަތަރުވަނަ ޓީމެވެ. އޭޝިއާގެ ރޭންކިންގެ އެއްވަނަ އެވެ. ވޯލްޑް ކަޕްގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި އޭޝިއާގެ ދެ ގައުމުން ކުރެ، އެއް ގައުމެވެ. ވަރުގަދަ އިޓަލީ އާއި ސްޕޭން ކަޓުވާލުމަށް ފަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރުމުން ކޮރެއާ އަށް ބޮޑު ނުފޫޒެއް މުޅި އޭޝިއާގައި ވެސް ފެތުރިފައި އޮތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މީގެ 20 އަހަރު ކުރިން މާޗް 31 ވަނަ ދުވަހު، ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހި ޓީމާ ދެކޮޅަށް ކުޅެން، ވަރުގަދަ ދެކުނު ކޮރެއާ ރާއްޖެ އައިއިރު އެ ޓީމަކީ ވޯލްޑް ކަޕްގެ ހަތަރުވަނަ ޓީމެވެ. އޭޝިއާގެ ރޭންކިންގެ އެއްވަނަ އެވެ. ވޯލްޑް ކަޕްގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި އޭޝިއާގެ ދެ ގައުމުން ކުރެ، އެއް ގައުމެވެ. ވަރުގަދަ އިޓަލީ އާއި ސްޕޭން ކަޓުވާލުމަށް ފަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރުމުން ކޮރެއާ އަށް ބޮޑު ނުފޫޒެއް މުޅި އޭޝިއާގައި ވެސް ފެތުރިފައި އޮތެވެ.

ކޮރެއާގެ މީޑިއާތަކުން އޭރު ސިފަ ކުރި ގޮތުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އެ ޓީމު މާލެ އައީ "ކިބރުވެރިކަމުގައި" ތިބެ އެވެ. އެ ގައުމުގެ ފުޓްބޯޅައިގެ އެނަލިސްޓުންނާއި އެ ޓީމުން ވެސް އުންމީދުކޮށްގެން ތިބީ ރާއްޖެއާ ދެކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިގެން ފަސޭހަ ކަމާ އެކު މޮޅުވެވޭނެ ކަމަށެވެ. އެ ގައުމުގެ މީޑިއާތަކުގައި ވެސް ބުނެފައި ވަނީ (އޭރު) 250،000 ގެ އާބާދީއެއް އޮތް ރާއްޖެއާ ދެކޮޅަށް ތަފާތު ބޮޑުކޮށް މޮޅު ވެވޭނެ ކަމަށެވެ.

އެކަމަކު ގަލޮޅު ދަނޑުގައި ކޮރެއާއިން ލަނޑެއް ޖެހިޔަ ނުދީ ރާއްޖޭގެ ޓީމު މެޗު އެއްވަރުކޮށްލުމުން އެ ގައުމަށް ލިބުނީ ޝޮކެކެވެ. އެ ޓީމަށް ލިބިފައި އޮތް ވަރުގަދަ ނުފޫޒާއި އިހްތިރާމް ހަމަ އެންމެ 90 މިނެޓުން ވިރި ފެނަށް ވެގެން ދިޔަ އެވެ.

އެ މެޗު ދިވެހިން ދެކުނީ މޮޅެއް ލިބުނު ފަދައިންނެވެ. މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ބުނި ގޮތުގައި އެއީ ގަލޮޅު ދަނޑުގައި ކުޅުނު އެންމެ އާދަޔާހިލާފު މެޗެވެ. އޭގެ ދެ އަހަރު ކުރިން ޖަޕާނާ އެކު ހިއްސާވެ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ކޮރެއާ ޓީމުގައި، ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިން ތިއްބެވެ. އެ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީ ބަލި ކުރަން ގޯލްޑަން ގޯލް ވައްދާލި، އަން ޔުން ވަން އާއި ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕޭން ބަލި ކުރި ކުޅުންތެރިން ރާއްޖޭގެ ދަނޑުގައި ކުޅުނެވެ.

ގޯމޭޒް ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ބައެއް ހަނދާންތައް، އޭނާ ސޯޝަލް މީޑިއާ އަށް ހިއްސާކޮށްފައިވާ ފޮޓޯއަކުން، ފޮޓޯގެ ކަނާތްފަރާތު މަތީކަނުގައި އެވަނީ ދެކުނު ކޮރެއާ އާ އެއްވަރު ކުރި މެޗުގައި ރާއްޖޭގެ ލައިނަޕް

ގޯމޭޒް ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ބައެއް ހަނދާންތައް، އޭނާ ސޯޝަލް މީޑިއާ އަށް ހިއްސާކޮށްފައިވާ ފޮޓޯއަކުން، ފޮޓޯގެ ކަނާތްފަރާތު މަތީކަނުގައި އެވަނީ ދެކުނު ކޮރެއާ އާ އެއްވަރު ކުރި މެޗުގައި ރާއްޖޭގެ ލައިނަޕް

އެ މެޗު ވީ، މުޅި އޭޝިއާގެ ކުރިމަތީ ކޮރެއާގެ ފުޓްބޯޅަ ބޮޑު ލަދަކާ ކުރިމަތިވި ދުވަހަކަށެވެ. އަމިއްލަ ގައުމުގެ ގައުމީ ޓީވީގައި، މުޅި ޓީމަށް ފާޑުކިޔުން ބަންޑުންކޮށްލި އެވެ.

''ނުވަދިހަ މިނެޓް ވަންދެން ފިލައިގެން ތިބީ - ކޮރެއާ ފުޓްބޯޅަ އަށް ބޮޑު ލަދެއް،'' ރާއްޖެ އަތުން އެއްވަރުވުމުން، ކޮރެއާގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ނޫސް، "ޗޫސަން އިލްބޯ" ގެ ބޭރުގަނޑުގައި ބޮޑު އަކުރުން ޖަހާފައި އޮތެވެ.

"އޭޕްރީލް ފޫލްގެ އެއް ދުވަސްކުރިން އައި އޭޕްރީލް ފޫލެއް،" އެ ގައުމުގެ އެހެން މީޑިއާއަކުން، ރާއްޖެ އާއި ކޮރެއާގެ އެ މެޗު ސިފަ ކުރި އެވެ.

ދިވެހި ކުޅުންތެރިން ނެރުނު ވަރުގަދަ ހިތްވަރާ އެކު ލަދުގަންނަވާލި ކޮރެއާގެ ޓީމަށް، އެ ނަތީޖާއިން ފުން އަސަރެއް ކުރި އެވެ. އެ ޓީމުގެ އޭރުގެ ދާއިމީ ކެޕްޓަން ޔޫ ސަންގް ޗޫ، ބުނެފައި ވަނީ ރާއްޖެ މެޗަށް ނުކުތް އިރު ކުޅުންތެރިން ތިބީ އަމިއްލަ ނަފުސަށް މާ ބޮޑަށް "ކިބުރުވެރިވެފައި" ކަމަށެވެ.

ދެކުނު ކޮރެއާއާ އެއްވަރުކުރި މެޗުގެ ވާހަކަ ކުރީގެ ހަވީރު ނޫހުގައި

ދެކުނު ކޮރެއާއާ އެއްވަރުކުރި މެޗުގެ ވާހަކަ ކުރީގެ ހަވީރު ނޫހުގައި

ރާއްޖޭގެ އެ މެޗު ވީ "ކިބުރުވެރިކަމުގެ އަނދިރިން" ކޮރެއާ ހޭލައްވާލި މެޗަށެވެ.

"މި ނަތީޖާ ހަނދާން ނައްތާލައި އަހަރެމެން ޖެހޭނެ ކުރިއަށް ދާން. ކޮންމެ މެޗަކަށް ވެސް ރަނގަޅަށް ތައްޔާރުވުން މުހިންމު،" އޭރު އަނިޔާއެއްގައި ހުރުމުގެ ސަބަބުން އެ މެޗުގެ ސްކޮޑުން ބޭރުގައި ހުރި ޔޫ ސަންގް ބުނެފައި ވެއެވެ.

ބޮޑު ލަދާ އެކު، ކޮރެއާގެ ކޯޗު ޕޯޗުގަލްގެ ހަމްބާޓޯ ކޮއޭލޫ، މަގާމުން ވަކިކޮށް ރަށަށް ފޮނުވާލި އެވެ. ދިވެހި ޓީމަށް އެ ނަތީޖާ ހޯދައިދިނުމުގެ ފަހަތުގައި ހުރި މާސްޓާމައިންޑަކީ، އޭރުގެ ކޯޗު ޕޯޗުގަލްގެ މެނައުލް ގޯމޭޒެވެ. އޮންލައިން ނޫސް "އަވަސް" އަށް 2017 ގައި ދިން އިންޓަވިއުގައި ގޯމޭޒް ބުނީ އޭނާގެ ހިތް އޮތީ ރާއްޖޭގައި ކަމަށެވެ.

މެނައުލް ގޯމޭޒް: ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެ އެއްވަރު ކުރި މެޗުގައި ކޯޗަކަށް ހުރީ އޭނާ

މެނައުލް ގޯމޭޒް: ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެ އެއްވަރު ކުރި މެޗުގައި ކޯޗަކަށް ހުރީ އޭނާ

ކިތަންމެ އަހަރެއް ހޭދަވިޔަސް އަދި ކިތަންމެ ދުރުގައި ހުއްޓަސް ރާއްޖެއާ މެދު އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ބަދަލު ނުވާކަން، އެ އިންޓަވިއުގައި ގޯމޭޒް ފާހަގަ ކުރި އެވެ.

"ރާއްޖޭގެ ހިތްގައިމު ކަމާއި މީހުންގެ ހިތްހެޔޮ ކަމަކީ އަހަރެންގެ ޝައުގުވެރިކަން ދަމައިގަތް ކަމެއް. އަދި އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ފުޓްބޯޅައާ މެދު އަހަރެންގެ ހިތުގައި އުފެދުނު ޝައުގުވެރިކަން،" ޕޯޗުގަލްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ގޯމޭޒް ބުންޏެވެ.

އޭނާ ބުނީ، ދެކުނު ކޮރެއާގެ މެޗަކީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ނިޝާނެއް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައާ މެދު ދެކެން ބޭނުންވާ ހުވަފެންތަކެއް އަހަރެން ތަސައްވަރު ކުރިން، އަހަރެން ކަނޑައެޅީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ރާއްޖެ ގެންގޮސްދިނުމަށް، މިހެން ބުނީމަ ގަބޫލު ކުރަންވެސް އުނދަގޫ ވެދާނެ،" ގޯމޭޒް ކިޔައިދިނެވެ.

"އޭރު ރާއްޖޭގެ ފުޓްބޯޅައިން އަހަންނަށް ފެނުނު މަންޒަރާ ބަލާފައި އެއީ ނުކުރެވޭނެ ކަމެއް ނޫން، އަހަރެމެންނަށް [ރާއްޖެ އަށް] ވުރެ މާ ކުދި ގައުމުތައް އެދަނީ ވޯލްޑްކަޕަށް، ކީއްވެ ނުވާންވީ، އަހަރެން އަބަދުވެސް ގަބޫލު ކުރަނީ ވާނެ ކަމަށް."

އޭރު ކުރިއެރުން ހޯދަމުން ދިޔަ ޒުވާން އަލީ އަޝްފާގް (ދަގަނޑޭ) އާއި އުންމީދީ އެހެން ޒުވާން ކުޅުންތެރިންނަށް މަގުދައްކައިދީ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމަށް ގޯމޭޒް ބުނެފައި ވެއެވެ. ދަގަނޑޭގެ ޖަދޫއެއް ފަދަ ހުނަރާ އެކު، އޭނާ އަށް ޕޯޗުގަލްގެ ބެންފީކާއިން ފުރުސަތެއް، ގޯމޭޒް މެދުވެރިވެގެން ހޯދައި ދިނެވެ.

"އޭރު ފުރާވަރު އުމުރުގައި ހުރި އަޝްފާގަށް ލިބުނު އެ ފުރުސަތު ބޭނުންކުރިނަމަ ހާދަހާ ރަނގަޅުވީހޭ އަހަރެން ހިތައް އަރާ،" ބެންފީކާގެ ބީ ޓީމުން ދަގަނޑޭ އަށް ހޯދައި ދިން ފުރުސަތާ ބެހޭގޮތުން ގޯމޭޒް ބުންޏެވެ.

"އެ ފުރުސަތުގައި އަޝްފާގް ދިޔަ ނަމަ އޭނާ މިހާރު ވާނެ އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް."

ރާއްޖޭގެ ކޯޗުކަމަށް ދެވަނަ ފަހަރަށް އޭނާ ގެންނަން، އެފްއޭއެމްގެ އޭރުގެ ވެރިން މަސައްކަތް ކުރެއްވި އެވެ. އޭނާ ވެސް ހުރީ ރާއްޖެ އަންނަ ގޮތަށެވެ. އޭނާ އަށް ރާއްޖެ އާދެވޭނެ ތާރީހުގައި ދުރާލައި ޓިކެޓް ވެސް ނެގި އެވެ. އެކަމަކު އެ އަހަރު ކުރިމަތިވި ސްނާމީ ކާރިސާގައި ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލުމުން، އޭނާ ގެނައުން މަޑުޖައްސާލި އެވެ.

"އަދިވެސް އަހަރެން އަތުގައި އެބައޮތް، ފެބްރުއަރީ 20، 2005 ގައި ރާއްޖެ އަށް ފުރަން އޮތް ޕްލޭން ޓިކެޓްވެސް،" އުމުރުން 72 އަހަރުގެ ގޯމޭޒް 2017 ގައި ބުންޏެވެ.