Roadha Mihaaru
ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރިއެއް ނުކުރެވޭނެ

ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރި ކުރުން ގަބޫލެއް ނުކުރެވޭނެ: އިރާގު

13 އޯގަސްޓް 2019

ބަޣުދާދު (އޮގަސްޓް 13) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭން ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން އުފައްދަން އުޅޭ ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިރާގުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮގަސްޓް 13) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭން ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން އުފައްދަން އުޅޭ ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިރާގުން ބުނެފި އެވެ.

"އެރޭބިއަން ގަލްފުގައި ދަތުރުކުރާ އެއްވެސް އުޅަނދަކަށް ރައްކާތެރިކަން ދޭން ޒަޔަނިސްޓް އިޒްރޭލް ބައިވެރި ކުރަން އިރާގުން މުޅިން ދެކޮޅު،" ޚާރިޖީ ވަޒީރު މުހައްމަދު އަލީ އަލް ހާކިމް ސޯޝަލް މީޑިއާގައި ލިޔުުއްވި މެސެޖެއްގައި ވިދާޅުވި އެވެ. "ގަލްފުގައި ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭނީ ގަލްފުގެ ގައުމުތަކުން."

އޭނާ ވިދާޅުވީ ގަލްފުގައި މިހާރު އުފެދިފައިވާ މައްސަލަ މަޝްވަރާގެ އުސޫލުން ހައްލު ކުރަން އިރާގުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން ގަލްފުގައި ހަރަކާތްތެރިވުމަކީ މަސްރަހު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 ޕަސެންޓް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހޫނުވީ އެމެރިކާގެ ޑްރޯނެއް އިރާނުން މިދިޔަ މަހު ވައްޓާލުމާ ގުޅިގެންނެވެ. އޭގެ ފަހުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.

އެމެރިކާ އިން އުފައްދަން އުޅޭ ލަޝްކަރުގައި ބައިވެރިވުމާ މެދު އިޒްރޭލުން އަދި ވަކިއެއްޗެއް ނުބުނެ އެވެ. އެކަމަކު ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.