Roadha Mihaaru
އިޒްރޭލުގެ އިންޒާރާއެކު އީރާންގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

އިޒްރޭލުގެ އިންޒާރާ އެކު އީރާންގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

05 އޯގަސްޓް 2021

ގަލްފު ސަރަހައްދުގެ ކަނޑުމަތީގައި އީރާނުން ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް، އިޒްރޭލުގެ ދިފާއީ ވަޒީރު ޕެނީ ގަންޓްސް ވިދާޅުވުމާ ގުޅިގެން، އީރާންގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސްފި އެވެ.

ގަލްފު ސަރަހައްދުގެ ކަނޑުމަތީގައި އީރާނުން ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް، އިޒްރޭލުގެ ދިފާއީ ވަޒީރު ޕެނީ ގަންޓްސް ވިދާޅުވުމާ ގުޅިގެން، އީރާންގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސްފި އެވެ.

އެ ގޮތުން އީރާންގެ ދެކުނު އައްސޭރި ސަރަހައްދުގައިވާ އަސްކަރީ މަރުކަޒުތަކާއި، ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުގައިވާ އީރާންގެ އަސްކަރީ މަރުކަޒުތައް، ތައްޔާރުވެފައިވާ މިންވަރު، އީރާންގެ އިންގިލާބީ ގާޑްގެ ކޮމާންޑަރު ހުސައިން ސަލާމީ ވަނީ މިއަދު ބައްލަވައިލައްވައިފަ އެވެ. އަސްކަރީ މަރުކަޒުތަކަށް ކުރެއްވި ޒިޔާރަތަށް ފަހު ހުސައިން ސަލާމީ ވިދާޅުވި ގޮތުގައި އީރާންގެ އަދުއްވުންނަކީ ކޮބައިކަމާއި، އީރާނުގެ ސަލާމަތަށް ނުރައްކާ ކުރަނީ ކޮން ބައެއް ކަން ވެސް ރަނގަޅަށް އެނގެ އެވެ.

އޭނާ ވިދާޅުވީ އީރާންގެ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ ބަޔަކަށް، އީރާނުން ދޭ ރައްދު ވަރަށް ވަރުގަދަވެފައި ވަރަށް ފުޅާވެސް ވާނެ ކަމަށެވެ. އަދި އީރާނަށް ދޭ އިންޒާރުތަކުގެ ނުރައްކާތެރިކަން އަމިއްލަ އަށް ވަޒަންކުރުމަށް ވެސް، އޭނާ އިޒްރޭލަށް ގޮވާލެއްވި އެވެ. އޭގެ އިތުރުން، އަމަލީ ގޮތުން އެންމެ ފިޔަވަޅެއް ވެސް އެޅުމުގެ ކުރިން، އެކަމުން ނުކުމެދާނެ ނަތީޖާއަކާ މެދު ތަކުރާރުކޮށް ވިސްނުމަށް ވެސް އިޒްރޭލަށް ގޮވައިލެއްވި އެވެ.

ހުސައިން ސަލާމީ ވިދާޅުވީ އީރާންގެ އަމަނަށް އަމާޒުކުރާ ކޮންމެ ހަމަލާއަކަށް ވަގުތުން ރައްދު ދިނުމަށް، އީރާންގެ އަސްކަރިއްޔާ އޮތީ ވަރަށް ވަރުގަދަ އަށް ތައްޔާރުވެފަ އެވެ. އީރާންގެ މިސައިލް ނިޒާމުތަކާއި ޑްރޯން މަތިންދާބޯޓުތަކުގެ އިތުރުން، އީރާންގެ ކަނޑުގެ ލަޝްކަރު އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރާއި ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި އިޒްރޭލު ކުންފުންޏެއްގެ އާގުބޯޓަކަށް ޑްރޯން ހަމަލާއެއް ދީ ދެ މީހުން މަރާލުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެނީ، ސައީދު އަރަހް ޖާނީ ކިޔާ، އީރާނުގެ ރައްޔިތެކެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޕެނީ ގާންޓްސްއާ ހަވާލާ ދީ، ޖަރުމަނުގެ ނޫހެއްގައި މިއަދު ބުނެފައިވަނީ، އީރާނުން ގަލްފު ސަރަހައްދުގައި އާގުބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"މިހާރު ވާހަކަ ދައްކައިގެނެއް ނުފެދޭނެ. މިހާރު މިއޮތީ އަމަލުން ކަންކަން ދެއްކުމުގެ ވަގުތު ޖެހިފައި. މިއީ ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން، އަދި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވިޔަސް، މިކަން ހުއްޓުވުމުގެ ވަގުތު ޖެހިފައި. އެހެން ނޫނީ އީރާންގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ދާނެ،" އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި އިޒްރޭލުގެ ދިފާއީ ވަޒީރު ވިދާޅުވި ކަމަށް ޖަރުމަން ވިލާތުގެ ބްލޫމްބާގް ނިއުސް އޭޖެންސީން ޝާއިއުކޮށްފައިވެ އެވެ.

އިޒްރޭލުގެ އާގުބޯޓަށް ދިން ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން، ހަމަލާ ދޭނެ ކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވެސް ވަނީ ބުނެފަ އެވެ. ހަމައެއާ އެކު އިޒްރޭލުން ބުނެފައިވަނީ، އެހެން ގައުމެއްގެ ބައިވެރިވުން ނެތަސް، އިޒްރޭލުން އެކަނިވެސް ރައްދުގައި ހަމަލާ ދިނުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އީރާންގެ ނުރައްކާތަކާ ކުރިމަތިލުމަށް، އެމެރިކާގެ ބައިވެރިންނާ އެކު ޑިޕްލޮމެޓިކް ގޮތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އީރާނުން ގަލްފު ސަރަހައްދުގެ ކަނޑުދަތުރުތަކަށް ކުރިމަތިކުރާ ނުރައްކާތަކަށް ރައްދު ދިނުމާ ގުޅޭ ގޮތުން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިއަދު ވަނީ އިނގިރޭސި ހާރިޖީ ވަޒީރު ޑޮމިނިކްއާ އެކު ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ.