Roadha Mihaaru
ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ: ޑރ. ފަވާޒު

ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ: ޑރ. ފަވާޒު

21 އޯގަސްޓް 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަށް ގެނެވުނު ބަދަލުތަކާއި އަދި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަަޖެހިވަޑައިގަންނަވާ ކަމަށް، އެތަނުގެ ވައިސް ޗާންސެލާގެ މަގާމުން އިއްޔެ ވަކިކުރެއްވި ޑރ. އަލީ ފަވާޒު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަށް ގެނެވުނު ބަދަލުތަކާއި އަދި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަަޖެހިވަޑައިގަންނަވާ ކަމަށް، އެތަނުގެ ވައިސް ޗާންސެލާގެ މަގާމުން އިއްޔެ ވަކިކުރެއްވި ޑރ. އަލީ ފަވާޒު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މަގާމުން ވަކިކުރެއްވީ، ޔުނިވާސިޓީގެ ގާނޫނަށް މަޖިލީހުން މި ފަހުން ގެނައި އިސްލާހާއެކުގަ އެވެ. އެއާއެކު އެތަނުގެ ވައިސް ޗާންސެލަރަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑރ. މުހައްމަދު ޝަރީފް އިއްޔެ ހަމަޖައްސަވައިފަ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ފަވާޒު އައްޔަންކުރެއްވީ ޖުލައި 13، 2015 ގަ އެވެ. އޭނާގެ ދައުރުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖުލައިގަ އެވެ.

ފަވާޒު "މިހާރު" އަށް ވިދާޅުވީ މަސައްކަތް ކުރެއްވީ މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކޮށްގެން ކަމަށެވެ. އެއީ ދިރާސާކުރުމާއި އިމްތިހާނުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޔުނިވާސިޓީގެ ކޯސްތައް ފުޅާކުރުމެވެ.

ތަފާތު އެކި ދާއިރާތަކުން 2011 ވަނަ އަހަރުން ފެށިގެން ދިރާސާކުރުމުގެ މަސައްކަތް އެމްއެންޔޫގައި ކުރަމުން އަންނައިރު، އެ ދާއިރާ އަށް އަލަށް މީހުންގެ ޝައުގުވެރިކަން ހޯދުމަކީ ވެސް ވަރަށް އިސްކަންދިން ކަމެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްއެންޔޫގެ ފަންޑިންގެ އެހީގައި މިހާރު ވެސް 30 ވަރަކަށް މުވައްޒަފުން އަންނަނީ، ރާއްޖެއިން ބޭރާއި ރާއްޖޭގައި ތިބެގެން ޕީއެޗްޑީއަށް ކިޔަވަމުންނެވެ.

"އިންޓަނޭޝަނަލް ކޮންފަރެންސްތަކާއި ޓްރެއިނިންތަކުގައި ވެސް މުވައްޒަފުން ބައިވެރިވެފައި ވާނީ. އޭގެ އިތުރުން ދިރާސާކުރުން ހަރުދަނާކުރަން ބޭރުގެ ފަންޑިންގައި ހިންގާ ޕްރޮޖެކްޓުތަކެއް އުޅޭނެ،" ފަވާޒު ވިދާޅުވި އެވެ.

އެމްއެންޔޫގައި މީގެ ކުރިން ފައިނަލް އިމްތިހާނު ޕޭޕަރު ތައްޔާރުކުރަނީ، އެ ދަރިވަރަކު ކިޔަވާ ފެކަލްޓީއަކުންނެވެ. އޭގެ ސަބަބުން، އެކި ފެކަލްޓީތަކުގެ އިމްތިހާނު ޕޭޕަރުގެ ފެންވަރު ތަފާތުވެގެންދާ ކަމަށް ވިދާޅުވި އެވެ. އެކަން ހައްލުކުރަން އެޅި ފިޔަވަޅަކީ، ފަވާޒު ވިދާޅުވިގޮތުގައި، އިމްތިހާނުތަކަށް ހާއްސަ ޑިޕާޓްމަންޓެއް ހެދުމެވެ. ދަރިވަރުންގެ އެންމެ ފަހުގެ އިމްތިހާނު ޕޭޕަރު މިހާރު ހިންގަމުން އަންނަނީ އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ.

ފަވާޒު، އެމްއެންޔޫގެ ދަރިވަރަކަށް ސްކޮލަޝިޕެއް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަވާޒު، އެމްއެންޔޫގެ ދަރިވަރަކަށް ސްކޮލަޝިޕެއް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަތީ ތައުލީމް މުޅި ރާއްޖެ އަށް ފުޅާކުރަން އެމްއެންޔޫ އިން ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތް ވެސް ވަރަށް ކާމިޔާބުކަމަށް ފަވާޒު ވިދާޅުވި އެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކެމްޕަސް ގާއިމްކޮށްގެން ކިޔަވައިދެމުން އަންނައިރު 11 ސަރަހައްދެއްގައި ލާނިން ސެންޓަރު ހަދައި އެ ތަންތަނުގައި ވެސް އަންނަނީ ކިޔަވައިދެމުންނެވެ. އޭގެ އިތުރުން ކައުންސިލްތަކުން އެދިގެން ތަފާތު 17 ރަށެއްގައި މަތީ ތައުލީމްގެ ކޯސްތައް ހިންގާފައި ވެ އެވެ.

"ލާނިން ސެންޓަރެއް، ކެމްޕަހެއް ނެތަސް ކައުންސިލްތައް އެދިގެން ވެސް، ދަރިވަރުން ހަމަވާ ކަމުގައިވާ ނަމަ ކޯސްތައް ހިންގާފައި ހުންނާނެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަތޮޅުތެރެ އަށް މާސްޓާސްގެ ޕްރޮގްރާމްތައް ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ،" ކުދި ގައުމުތަކުގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަވާޒު ވިދާޅުވި އެވެ.

އޭނާ ވަނީ ސައިރިކްސް ކޮލެޖުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަން މިއަދު ފައްޓަވައިފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަތީ ތައުލީމުގެ ދާއިރާ އަށް އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެ ޔުނިވާސިޓީގެ ލެކްޗަރާއަކު ވިދާޅުވިގޮތުގައި، ފަވާޒަކީ މުވައްޒަފުންގެ ކުރިއެރުމަށް ވަރަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައިދީ ކުރިއަށް ދިއުމަށް ވަރަށް އެހީތެރިވެދިން ކަމަށް ވިދާޅުވި އެވެ.

"ބޮސް އަށް ވިއަސް، ބޮސް ވެގެންނެއް ނޫޅުއްވާނެ. ހަވާލުކުރާ މަސައްކަތް ކުރިއަށްދާގޮތް ވަރަށް ކައިރިން ބަލަމުންދާނެ،" ލެކްޗަރާއެއްގެ ގޮތުގައި ފަސް އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޖަމިއްޔާގެ ކަންކަމުގައި އިސްކޮށް އުޅޭ ދަރިވަރަކު ވެސް ބުނީ، އެ ތަނުން ހިންގާ ހަރަކާތްތަކަށް ފަވާޒުގެ އެހީތެރިކަން ވަރަށް ބޮޑު ކަަމަށެވެ. މައްސަލައެއް ދިމާވެއްޖެނަމަ، ދަރިވަރުންގެ ވިސްނުމުން ވިސްނައި ކަންކަމަށް ހައްލު ގެނެސްދެއްވި ކަމަށް ބުންޏެވެ.

"ދަރިވަރުންގެ ހަރަކާތްތަކަށް ވަގުތު ދިނުމާއި ވަރަށް ސަޕޯޓިވްކޮށް ފާއިތުވި ހަތަރު މަސައްކަތްކުރެއްވީ،" އެ ދަރިވަރު ބުންޏެވެ.