Roadha Mihaaru
ފަވާޒު ވަކިކޮށް އެމްއެންޔޫއަށް އާ ވައިސް ޗާންސެލާއެއް

ފަވާޒު ވަކިކޮށް އެމްއެންޔޫ އަށް އާ ވައިސް ޗާންސެލާއެއް އައްޔަންކުރަނީ

20 އޯގަސްޓް 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާގެ މަގާމުން ޑރ. އަލީ ފަވާޒު ޝަރީފު ވަކިކޮށް އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާގެ މަގާމުން ޑރ. އަލީ ފަވާޒު ޝަރީފު ވަކިކޮށް އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު، އިބްރާހިމް ހޫދު ވިދާޅުވީ ފަވާޒަށް ނޯޓިސްއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ މަގާމާ ގުޅޭ ގޮތުން މެންދުރު ފަހު 3:00 ގައި އިއުލާނެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފަވާޒު މަގާމުން ވަކިކޮށް އާ ބޭފުޅަކު އައްޔަންކުރަނީ، ޔުނިވާސިޓީގެ ގާނޫނަށް މި ފަހުން މަޖިލީހުން ފާސްކުރި އިސްލާހާ ގުޅިގެންނެވެ. މި މަހުގެ ކުރީކޮޅު އެ އިސްލާހު ތަސްދީގުކުރެއްވިއަސް، އާ ކައުންސިލް އުފެއްދުމާ ހަމައަށް މިހާރު އޮތް ކައުންސިލް ދެމިއޮންނާނެ އެވެ.

އެ އިސްލާހު ބުނާ ގޮތުން ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަންކުރައްވާނީ ރައީސް އެވެ.

އެކަމާ ގުޅޭ ގޮތުން ޑރ. ފަވާޒު ވާހަކައެއް ނުދެއްކެވި އެވެ. އެކަމަކު އެމްއެންޔޫގެ މުވައްޒަފުން ތިބޭ ވައިބަ ގްރޫޕަކަށް އޭނާ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އާ ވައިސް ޗާންސެލާއެއް މިއަދު އައްޔަންކޮށް އެތަނުގެ ހިންގުމާ އެ ބޭފުޅަކު މާދަމާ ހަވާލުވެވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ މަގާމުން ދުރުވަނީ ބަރުހިތަކާ އެކު ކަމަށް އެ މެސެޖުގައި ވެ އެވެ.

"އިރާދަކުރެއްވިއްޔާ މި މަރުކަޒަށް ހިދުމަތް ކުރުމަށް އާ ފުރުސަތެއް ލިބިގެންދާނެ. މި މުއްދަތުގައި ލިބުނު އެހީތެރިކަމަށް ތި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަން. މި މަސައްކަތް ފަސޭހަވެގެން ދިޔައީ ތިޔަ ބޭފުޅުންގެ އެހީތެރިކަމުގެ ސަބަބުން،" ޑރ. ފަވާޒު ފޮނުއްވި މެސެޖުގައި ވެ އެވެ.

"ހުރިހާ މުވައްޒަފުންނަށާއި އެމްއެންޔޫ އަށް ކާމިޔާބަށް އެދެން. އަދި އާ މެނޭޖްމަންޓާ އެކު ހުރިހާ ބޭފުޅުން ވެސް މަސައްކަތްކުރާތަން ދެކެން ބޭނުންވޭ."

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޑރ. ފަވާޒު އައްޔަންކުރެއްވީ ޖުލައި 13، 2015 ގަ އެވެ.