24 އޯގަސްޓް 2019
ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން ވެސް ނުބަލަން ނިންމި ކަން އެންޓި ޓޯޗާ ރިޕޯޓުން ހާމަވެއްޖެ އެވެ.
ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން ވެސް ނުބަލަން ނިންމި ކަން އެންޓި ޓޯޗާ ރިޕޯޓުން ހާމަވެއްޖެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ހިޔާ، ފިޔަވައްޗާއި ގދ. ތިނަދޫ، ޗިލްޑްރަން ސާވިސް ސެންޓަރުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި 10 މައްސަލައެއް އެޗްއާރުސީއެމަށް ހުށަހެޅި ކަމަށް މަޖިލީހަށް ފޮނުވި ރިޕޯޓުގައިވެ އެވެ.
އޭގެ ތެރެއިން ބައެއް ކުދިންނަށް އަނިޔާކުރީ ބަރަހަނާކޮށްގެން ކަމަށް ބުނެފައިވެ އެވެ.
މީހުންގެ ކުރިމައްޗަށް ނެރެ ނުވަތަ އެއްވެސް މީހަކަށް ދައްކައިގެން އޮރިޔާން ކުރުމަކީ އެންޓި ޓޯޗާ ގާނޫނުގައި ޓޯޗާގެ އަމަލެއް ނުވަތަ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. މިފަދަ މައްސަލަތައް ބެލުމުގެ ޒިންމާ ވެސް ގާނޫނުން ހަވާލުކޮށްފައި އޮތީ ހިއުމަން ރައިޓްސް ކޮމިޝަނަށެވެ.
ކުޑަކުދިންނަށް އަނިޔާކުރި މައްސަލައިގައި ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ޖެންޑާ މިނިސްޓްރީން އިދާރީ ފިޔަވަޅު އެޅި އެވެ. ޖެންޑާ މިނިސްޓްރީން އެޗްއާރުސީއެމަށް ފޮނުވި މި މައްސަލަ، އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓު އެކުލަވާލި އިރު އޮތީ "ނުބަލަން ނިންމި މައްސަލަތަކެއް"ގެ ގޮތުގައި ތައްގަނޑު ޖަހައިފަ އެވެ.
މި މައްސަލަތައް ނުބަލަން ނިންމީ، އެޗްއާރުސީއެމުން ބުނެފައިވާ ގޮތުގައި، އެ ހާދިސާ ހިނގިތާ އަހަރެއްހާ ދުވަސް ވުމުންނެވެ.
"...ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގދ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތް ކުރާ 10 މުވައްޒަފުންނަށް އިދާރީ ފިޔަަވަޅު އަޅާފައިވާ ކަމަށާއި އެ ފަރާތްތަކާ ގުޅޭ މައުލޫމާތު ކޮމިޝަނާ [ޖެންޑާ މިނިސްޓްރީން] ހިއްސާކޮށްފައިވީ ނަމަވެސް އެ ފަރާތްތައް ހިންގި ޓޯޗާގެ އަމަލު ކޮމިޝަނުން ތަހުގީގު ކުރެވިފައެއް ނުވެ އެވެ،" އެޗްއާރުސީއެމްގެ ރިޕޯޓުގެ 22 ވަނަ ސޮފްހާގައިވެ އެވެ.
"ބަޔާން ކުރެވުނު މައްސަލަތައް ތަހުގީގު ކުރެވިފައި ނުވަނީ މި މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް އައިސްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު ކަމަށް ވެފައި އޭގެ ތެރެއިން ބައެއް ހާދިސާތައް ހިނގިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުމާ އެކު ހެއްކާއި ގަރީނާތައް ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމުންނެވެ."
އެކަމަކު މި ގޮތަށް އެޗްއާރުސީއެމުން ނިންމީ ހެއްކާއި ގަރީނާ ހޯދަން އެއްވެސް ތަހުގީގެއް ފެށުމެއް ނެތި ކަން، މަޖިލީހުގެ ކޮމިޓީގައި މި މައްސަލައާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުން ވަނީ ހާމަވެފަ އެވެ.
ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް އެޗްއާރުސީއެމްގެ މެމްބަރުން ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލީސް
މަޖިލީހަށް ފޮނުވި ރިޕޯޓުގައި އޮތް އެޗްއާރުސީއެމްގެ އެ އިހުމާލާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން މިދިޔަ ބުދަދުވަހު ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރުކުރި އެވެ. ކުޑަކުދިންތަކެއް އަނިޔާ އަށް ހުށަހެޅުނު އެ މައްސަލަ ނުބަލަން އެޗްއާރުސީއެމުން ނިންމުމުން ކޮމިޓީގެ މުގައްރިރު އަދި އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޖީހާން މަހްމޫދާއި އެހެން މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މައްސަލަ ނުބަލަން ނިންމީ ހެއްކާއި ގަރީނާ ހޯދަން ތަހުގީގެއް ފެށުމަށް ފަހުތޯ ޖީހާން އެއްސެވުމުން ކޮމިޝަނުން އޮޅުންފިލުވައިދޭން އުޅުނީ އާއްމުކޮށް އެތަނުން އަމަލުކުރަމުން އަންނަ އުސޫލެވެ. ސީދާ ޖަވާބު ދެއްވަން އެދިވަޑައިގަތުމުން އެޗްއާރުސީއެމްގެ މެމްބަރުން ދެއްކެވި ވާހަކަތަކުން އެނގުނީ އެގޮތަށް ނިންމީ އެ މައްސަލަތަކާ ގުޅޭ މާ ބޮޑު ތަހުގީގެއް ހިންގުމެއް ނެތި ކަމެވެ. ނުބަލަން ނިންމާފައިވާ ކަމަށް ރިޕޯޓުގައި އޮތަސް އެ ކޮމިޝަންގެ ބައެއް މެމްބަރުން، ފަހުން ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަ ދާ ކަމަށެވެ.
އެޗްއާރުސީއެމްގެ އިހުމާލާ ގުޅޭ ގޮތުން މެމްބަރުން ތަކުރާރުކޮށް ސުވާލުކުރަން ފެއްޓެވެމުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެދިވަޑައިގަތީ ލިއުމުން އެ މައްސަލައިގެ ޖަވާބު ދިނުމުގެ ފުރުސަތެއް އެ ކޮމިޝަންގެ މެމްބަރުންނަށް ދެއްވުމަށެވެ. އެއްވެސް މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމާ އެކު ބެލުމެއް ނެތި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަންގެ މެމްބަރު އައިޝަތު އަފްރީން ވިދާޅުވީ އެ މައްސަލަތައް ހުށަހެޅުމާ އެކު ހިޔާ އަށް ގޮސް ބެލި ކަމަށެވެ. އެ މައްސަލައިގައި ޓޯޗާގެ އަމަލުތަކެއް ހިމެނޭ ކަން ފާހަގަކުރެވިގެން އެންޓި ޓޯޗާ ގާނޫނުގެ ދަށުން ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ބެލީ އަނިޔާގެ ބައި، ދެން ފުލުހުން އެ ފޮނުވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން،" އަފްރީން ވިދާޅުވި އެވެ.
އެންޓި ޓޯޗާއާ ގުޅުން ހުރި ބައެއް މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅުން ލަސްކަމަށާއި އެއީ ހެކިތައް ހޯދަން އުނދަގޫވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ވާހަކަ ކޮމިޓީގެ މުގައްރިރު ޖީހާން ގަބޫލުނުކުރައްވައި ވިދާޅުވީ ކުދިންނަށް ލިބުނީ މާއްދީ އަނިޔާއެއް ނޫން ކަމަށެވެ. އެއީ ނަފްސާނީ އަނިޔާއަކަށް ވާތީ ކޮމިޝަނަށް ހެކި ހޯދަން ކުރެވޭނެ ކަންކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"މާއްދީ އަނިޔާއެއް ނޫން ލިބިގެން މިއުޅެނީ އެއް އަހަރު ވެގެން ހެކި ހޯދަން އުނދަގޫވާން. އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް ދީފައި ވަނީ ނަފްސާނީ އަނިޔާއެއް ކަަމަށް ވާ އިރު ސައިންޓިފިކް ހެކިތައް ދައްކަނީ ނަފްސާނީ އަނިޔާގެ ހަނދާނާއި އަސަރު ދިގު ދެމިގެންދާ ކަމާއި އަދި ބައެއް ފަހަރަށް ދާއިމަށް އޭގެ ނަފްސާނީ އަސަރު ހުންނާނެ ކަން،" ޖީހާން ވިދާޅުވި އެވެ.
"ސައިންޓިފިކް ތަހުލީލްތައް ކޮށްފިއްޔާ، އެސެސްމެންޓެއް ކޮށްފިއްޔާ އެނގެން ހުންނާ ކަން އަޅުގަނޑަށް ވުރެން ބޮޑަށް ކޮމިޝަންގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެހެން."
ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދައި އެ ކުދިންގެ ހަނދާނުގައި އެކަން ހުރިތޯ ބެއްލެވި ކަމަށް ޖީހާން އެއްސެވުމުން އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ވިދާޅުވީ "އެ ކުދިންނާ ސުވާލު ކުރުމާ އެކު މިހާރު ވެސް ތަހުގީގު ކުރަމުން ދާ" ކަމަށެވެ.
"އެއީ، ޓޯޗާގެ ބަޔާއި ސިސްޓަމެޓިކް ބައި ވަކިކޮށްލައިގެން ބަލަމުން ދިޔައީ... އަދިވެސް އަޅުގަނޑުމެން ތަހުގީގު ކުރަމުން މިދަނީ،" އީނާސް ވިދާޅުވި އެވެ.
ރިޕޯޓުގައި އޮތް ވާހަކަ އާއި ކޮމިޓީގައި މެމްބަރުން ދެއްކެވި ވާހަކަ ތަފާތެވެ. ޖެންޑާ މިނިސްޓްރީން ހުށަހެޅި މައްސަލަތަކެއް ނުބަލަން ނިންމުން، ޖެންޑާ ކޮމިޓީގެ މެމްބަރުން އެކަން ސިފަކުރެއްވީ، އެޗްއާރުސީއެމްގެ މެމްބަރުންގެ މަގާމުގެ ޒިންމާ އަދާނުކުރައްވައި ގަސްތުގައި ވީ އިހުމާލެއްގެ ގޮތުގަ އެވެ.
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އާއްމުންނަށް އެންމެ މުހިއްމީ ކުޑަކުދިންގެ ހައްގުތައް
ކުޑަކުއްޖާ އަށް އިހުމާލުވުމުން މުއައްސަސާތައް ކޮމިޓީއަށް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ފަސްޓް ލޭޑީ ފަޒޫ "އުފަލުން ހިތް ފުރިއްޖެ"
ދައުވާކުރަން ފޮނުވި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ