Roadha Mihaaru
މޯލްޑިވިއަންގައި ނޯޓު 7 ބޭނުންކުރުން މަނާކޮށްފި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ނޯޓު 7 ބޭނުންކުރުން މަނާކޮށްފި

18 ސެޕްޓެމްބަރ 2016

ސެމްސަންގް އިން ދާދި ފަހުން ނެރުނު ގެލެކްސީ ނޯޓު 7 ގެ ފޯނު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސެމްސަންގް އިން ދާދި ފަހުން ނެރުނު ގެލެކްސީ ނޯޓު 7 ގެ ފޯނު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް އެޑްމިން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން ނިންމާފައިވާ ގޮތަށް ގެލެކްސީ ނޯޓު 7 ގެ ފޯނު އެއްވެސް ފްލައިޓެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެކަމަށް އާއްމުން ހޭލުންތެރިކުރުމަށް ޓްރެވަލް އެޑްވައިޒަރީއެއް ވެސް އާއްމުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓިކެޓް ވިއްކާއިރު ވެސް ޕެސެންޖަރުންނަށް އެ މައުލޫމާތު ދޭން އަންގާފައިވާނެ. އަދި ބޯޓު ފުރުމުގެ ކުރިން ކެބިން ކްރޫން ވެސް އެކަމާ ގުޅޭ އެނައުންސްމަންޓެއް ދޭނެ،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައިވާ ގޮތުން ލަގެޖުގެ ގޮތުގައި ދޫކޮށްލާ ފޮށްޓަށާއި ކާގޯ އަށް އެ ފޯނެއް ނުލެވޭނެ އެވެ. އޭގެ އިތުރުން ބޯޓުގައި ފޯނު ހުޅުވުމާއި ޗާޖުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ފޯނު ނިއްވާލުމަށް ފަހު ހަމައެކަނި ލެވޭނީ ކެބިން ބެގޭޖަށެވެ.

މީގެ އިތުރުން، ނޯޓު 7 ހަލާކުވެ، ހޫނުވެ އަދި ދުން އަރަން ފަށައިފި ނަމަ އެކަން ކެބިން ކްރޫއަކަށް އަންގަން ޖެހޭނެ ކަމަށް ވެސް އެޑްވައިޒަރީގައިވެ އެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީ.

މޯލްޑިވިއަން އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީ.

ގެލަކްސީ ނޯޓް 7 މާކެޓަށް ހަމަ ނެރުނު ތަނުން ބައެއް ފޯނުތަކުގައި ހުޅުހިފައި ދިމާވި މައްސަލައިގައި ވަނީ ނުރައްކާތެރި ހާދިސާތަކެއް މެދުވެރިވެފަ އެވެ. ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ ސަބަބުން ބައެއް މީހުން ފިހި އަލިފާނުގެ ހާދިސާތައް ވެސް ހިނގި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީން ވަނީ މަތިންދާބޯޓުތަކުގައި އެ ވައްތަރުގެ ފޯނު ބޭނުން ނުކުރަން އަންގައިފަ އެވެ. އެ އެންގުމާ ގުޅިގެން، ސިންގަޕޯ އެއާލައިންސް އާއި ސްރީ ލަންކަން އެއާލައިންސް ހިމެނޭ ގޮތަށް ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތަކުން ވަނީ ބޯޓުތަކުގައި އެ ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ.

‎ސެމްސަންގުން ވަނީ ފޯނުގެ ބެޓެރި އަށް އެ މައްސަލަ ދިމާވި ހިސާބުން ފޯނުތައް އަނބުރާ ނަގަން ފަށައިފަ އެވެ. އެ މައްސަލަ ހައްލުކޮށް، އާ ބެޗެއް މިހާރު ބާޒާރަށް ނެރެފައި ވާއިރު، މައްސަލަ ދިމާވި ފޯނުތައް ގަތް ފަރާތްތަކަށް ވަރަށް ދީލަތި ބަދަލެއް ދޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.