Roadha Mihaaru
"މޫސުމީ ހައްލު ހޯދުމަކީ ސިޔާސީ ބޮޑު ގޮންޖެހުމެއް"

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަކީ ސިޔާސީ ގޮންޖެހުމެއް: ނަޝީދު

01 ސެޕްޓެމްބަރ 2019

ސިޔާސީ ފަރާތްތަކަށް މިހާރު އޮތް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލާނެ ގޮތެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިޔާސީ ފަރާތްތަކަށް މިހާރު އޮތް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލާނެ ގޮތެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސާކްގެ ސްޕީކާސް ސަމިޓް އޮން އެސްޑީޖީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތެއް ހޯދަން ޖެހޭނީ އިގުތިސާދު ވެސް ކުރިއަރުވަމުން ކަމަށާއި ސިޔާސީ ކަންތައްތައް ހައްދުފަހަނައަޅައި ނުދާނެކަން ވެސް ހަމަ އެއާ އެކު ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

"ކުރުކޮށް ދަންނަވާ ނަމަ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ، އިގުތިސާދު އަދި ސިޔާސީ މައްސަލަ ހައްލުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފެށި ސަމިޓްގައި ސަރަހައްދީ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ސްޕީކަރުންނާއި ޑެޕިއުޓީ ސްޕީކަރުން މަޝްވަރާ ކުރައްވާނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސްއާ ބެހޭ ގޮތުންނެވެ. ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސްއަކީ 2030 ވަނަ އަހަރާ ހަމައަށް ހާސިލުކޮށް ނިންމަން އަމާޒުކޮށް، އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެކެވެ. އެ މައުލޫއުގައި ނަޝީދު މައިގަނޑު ތިން ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވާހަކަ ދެއްކެވީ ޑިމޮކްރެޓިކްކޮށް ގައުމުތައް ހިންގުމުގެ މުުހިއްމުކަމާ ބެހޭ ގޮތުންނެވެ. އެގޮތުން ޕާލަމެންޓަށް މެމްބަރުން އިންތިހާބު ވަނީ ވައުދުތަކަށް ރައްޔިތުން އިތުބާރު ކުރުމުން ކަމަށާއި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ސްޕީކަރުންގެ ސަމިޓް ހަގީގަތަކަށް ވީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސާކްގެ ސްޕީކަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތު

ސާކްގެ ސްޕީކަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތު

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގޮތުން ކޮންމެ އަހަރަކު މަޝްވަރާ ކުރާއިރު ސައިންސްވެެރިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ރެކޯޑްތައް ހަމަކުރައްވަމުން ކަމަށެވެ.

"އާއްމު ގޮތެއްގައި އެންމެ ހޫނު ގަދަ އަހަރު، އެންމެ ހޫނު ފިނިމޫސުން ނުވަތަ އެންމެ ގިނައިން ގަނޑުފެން ވިރުނު ފަހަރު ނުވަތަ އެންމެ ބާރު ވައި، ހީވަނީ މޫސުމީ އޮސްކާ ދިނުމުގެ ހަފްލާއެއް ހެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިއާދަކުރަނިިވި ހަކަތަ އަށް ބަދަލުވުމަށް ރާއްޖޭގައި އެމަނިކުފާނު މަަސައްކަތް ފެއްޓެވުމުން އޭރު މީހުން އެއީ މޮޔަކަމެއް ކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް އެއީ ކޮންމެ ހާލަތެއްގައި ވެސް އެންމެ އަގު ހެޔޮ ހަކަތަކަން މިހާރު އެނގިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސާކް ސްޕީކަރުންގެ ސަމިޓްގައި ފެށުމަށް މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ސަމިޓްގައި މިއަދު ދެން އޮތް ސެޝަނުގައި އޮންނާނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުން އަވަސް ކުރުމަށް ގައުމުތަކުގެ ޕާލަމެންޓްތަކުން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.

އެ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ އިންޓަޕާލަމެންޓްރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން އެވެ.