Roadha Mihaaru
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!

01 ސެޕްޓެމްބަރ 2019

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ކުރިއަށް ދާ ސާކް ސްޕީކާސް ސަމިޓްގައި އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ ދެމެދު، ކަޝްމީރުގެ މައްސަލާގައި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ކުރިއަށް ދާ ސާކް ސްޕީކާސް ސަމިޓްގައި އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ ދެމެދު، ކަޝްމީރުގެ މައްސަލާގައި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

ސަމިޓްގައި ޕާކިސްތާނަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އެ ގައުމުގެ ޕާލަމެންޓްގެ ޑެޕިއުޓީ ސްޕީކަރު މުހައްމަދު ގާސިމް ޚާންގެ ވާހަކާގައި، "ހައްދެއް ނެތް އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ ކަޝްމީރުގެ މުސްލިމް ރައްޔިތުންނޭ" ވިދާޅުވެ، އިންޑިއާއާ ދެކޮޅަށް ވާހަކަ ދެއްކެވުމުން އިންޑިއާގެ ވަފުދުން މައްސަލަ ޖައްސަން ފެށި އެވެ.

އެ ހިސާބުން ސަމިޓްގެ ރިޔާސަތުން ގާސިމް ޚާނަށް އެންގެވީ މަޑުކޮށްލެއްވުމަށެވެ. ނަމަވެސް އޭނާ މަޑު ނުކުރައްވައި ކުރިއަށް ގެންދެވި އެވެ. މަޑުކޮށްލައްވަން އޭނާއަށް ފުރަތަމަ އެންގެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދާ އެކު ރިޔާސަތުގައި ދެން އިންނެވި އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން ވެސް ގާސިމް ހާނަށް އެންގެވީ މަޑުކުރެއްވުމަށެވެ. އެކަމަކު އޭނާ ވާހަކަ ކުރިއަށް ގެންދެވި އެވެ.

ދެން ނަޝީދު ތަންކޮޅެއް ބާރަށް ގޮވާލައްވައި، އެންގެވީ ހުއްޓާލެއްވުމަށެވެ. އެހިސާބުން ގާސިމް ހާން މަޑުޖައްސާލެއްވި އެވެ.

އޭގެ ފަހުން އިންޑިއާ ވަފުދުގެ ބޭފުޅަކު ތެދުވަންނަވާ ވިދާޅުވީ މި ސަމިޓްގައި ގައުމުގެ ދާހިލީ މައްސަލަތައް ނުނެގޭނެ ކަމަށެވެ. އެހެންކަމުން މިހާރު ކަންކަން ދަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާއަށް ރައްދުދެއްވަން ޕާކިސްތާންގެ ވަފުދުގެ އަންހެން ބޭފުޅަކު ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އެކަމަކު އޭރު މުޅި ތަނުގައި އަޑުގަދަވުމުން، ދެއްކެވި ވާހަކަ އެނގޭ ގޮތެއް ނުވި އެވެ.

އިންޑިއާގެ ވަފުދުން ރައްދު ދެއްވަން އުޅުއްވުމުން، އެ ބޭފުޅުން މައިތިރިކުރައްވަން ވެސް ނަޝީދު މަސައްކަތްކުރެއްވި އެވެ.

މި ޒުވާބުގައި އުޅެނިކޮށް، އެންމެ ފަހުން ނަޝީދު އިއުލާންކުރެއްވީ މެންދުރުގެ ކެއުމަށް ޖަލްސާ މެދުކަނޑާލައްވަނީ ކަމަށެވެ. ނަމަވެސް އޭރު ވެސް ދެ ވަފުދުގެ ދެމެދު ބަހުގެ ހަމަލާތައް ދެމުން ދާ ތަން ޓީވީން ފެނެ އެވެ.

މި ސަރަހައްދުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސުންގެ ސަމިޓް ރާއްޖޭގައި މި ބާއްވަނީ، އިންޑިއާގެ ދަށުގައި އޮތް ކަޝްމީރަށް އެ ގައުމުގެ ގާނޫނުއަސާސީން ކުރިން ދީފައި އޮތް ޚާއްސަ މިނިވަންކަން، މިހާރުގެ ސަރުކާރުން އުވާލުމުން، ކަޝްމީރުގެ މައްސަލަ ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.