Roadha Mihaaru
ބެންގަލޫރުގެ ސްކޫލަކަށް ރޮބޮޓް ޓީޗަރެއް

ބެންގަލޫރުގެ ސްކޫލަކަށް ރޮބޮޓް ޓީޗަރެއް

03 ސެޕްޓެމްބަރ 2019

އިންޑިއާގެ ކުރިއަރާފައިވާ ބައެއް ސިޓީތަކުގެ ރެސްޓޯރަންޓްތަކުގައި މިހާރު ވެއިޓަރުންގެ ގޮތުގައި ހިދުމަތްދޭން ވެސް ރޮބޮޓުން އުޅެ އެވެ. މި ފަހަރު އަނެއްކާ ވެސް ރޮބޮޓެއް މި ވަނީ އެ ގައުމުގެ އެހެން ދިމާއެއްގެ ހިދުމަތަށް ނުކުމެފަ އެވެ. އެއީ ޓީޗަރެއްގެ ގޮތުގައި ކުލާސްރޫމްތަކަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުރިއަރާފައިވާ ބައެއް ސިޓީތަކުގެ ރެސްޓޯރަންޓްތަކުގައި މިހާރު ވެއިޓަރުންގެ ގޮތުގައި ހިދުމަތްދޭން ވެސް ރޮބޮޓުން އުޅެ އެވެ. މި ފަހަރު އަނެއްކާ ވެސް ރޮބޮޓެއް މި ވަނީ އެ ގައުމުގެ އެހެން ދިމާއެއްގެ ހިދުމަތަށް ނުކުމެފަ އެވެ. އެއީ ޓީޗަރެއްގެ ގޮތުގައި ކުލާސްރޫމްތަކަށެވެ.

ބެންގަލޫރުގައި ހިންގާ އިންޑަސް އިންޓަނޭޝަނަލް ސްކޫލްގެ ބައެއް ގްރޭޑްތަކުގައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެނީ އަންހެން ރޮބޮޓެކެވެ. އިސްކޮޅުގައި 5 ފޫޓް 7 އިންޗި ހުންނަ މި ރޮބޮޓް ހުންނަނީ ހުދު ކުލައިގެ ޓޮޕަކާއި ކަޅު ސްކާޓެއް ލައިގެން ކަރުގައި ސްކާފެއް އޮޅާލައިގެންނެވެ.

ޕްރައިވެޓް ބޯޑިން ސްކޫލެއްގެ ގޮތުގައި ހިންގާ އިންޑަސް އިންޓަނޭޝަނަލް ސްކޫލުން ބުނި ގޮތުގައި ރޮބޮޓް ކޮންމެ ދުވަހަކު ގްރޭޑް 7-9 ގެ 300 ދަރިވަރުންނަށް ހަތަރު މާއްދާއަކުން ފިލާވަޅުތައް ނަގައިދޭނެ އެވެ. ތަފާތަކީ މިއީ ރޮބޮޓަކަށްވުމެވެ. އެހެން ނޫނީ ހަމަ އާދައިގެ ޓީޗަރަކު ކުލާސްތައް ނަގައިދޭ ގޮތާ ރޮބޮޓްގެ މަސައްކަތާ މާ ބޮޑު ތަފާތެއް ނެތެވެ.

އިންޑަސް އިންޓަނެޝަނަލް ސްކޫލްގެ ޗީފް ޑިޒައިން އޮފިސަރު ވިގްނޭޝް ރާއޯ ވިދާޅުވި ގޮތުގައި ރޮބޮޓަކު ކިޔަވައިދޭން ނުކުތުމަކީ ޓީޗަރުންގެ ވަޒީފާ އަށް އޮތް ބިރެއް ނޫނެވެ.

"އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވެސް ވަރަށް ބޮޑަށް ކުރިއަރައި އެކި ދާއިރާތަކުން މިކަން ތަޖުރިބާކުރަމުން އަންނާތީ ކުލާސްރޫމަކުން ރޮބޮޓެއް ނެރެގެން ނުކުންނަ ނަތީޖާ ތަޖުރިބާކުރަން އަހަރެމެންގެ ބޭނުމަކަށްވީ،" އޭނާ ވިދާޅުވި އެވެ.

ވިގްނޭޝް ވިދާޅުވީ ރޮބޮޓް ޓީޗަރާ ދަރިވަރުންނަށް ހަމަ އާދައިގެ ޓީޗަރަކާ އިންޓަރެކްޓްކުރެވޭ ގޮތަށް، މުއާމަލާތް ކުރެވޭނެ އެވެ.

"އެގޮތުން ސުވާލުކޮށް ޖަވާބު ވެސް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ. "މި ރޮބޮޓް އަހަރެމެން މި އޮޕަރޭޓްކުރަނީ ޖެނީވާގައި ހުންނަ އިންޓަނޭޝަނަލް ބެކަލޮރޭ (އައިބީ) އިންސްޓިޓިއުޓާ ގުޅިގެން. އެގޮތުން އެތަނުގެ ސިލަބަހާ އެއްގޮތަށް އަހަރެމެންގެ ރޮބޮޓް ވެސް ފިލާވަޅުތައް ނަގައިދޭނީ."

އިންޑަސް އިންޓަނޭޝަނަލް ސްކޫލުން ކިޔަވައިދޭން ނެރުނު ރޮބޮޓް ރަސްމީކޮށް ރަޖިސްޓްރީކުރަން އިންޓަނޭޝަނަލް ޕެޓެންޓަށް އެޕްލައިކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެތަނުން މި ރޮބޮޓް ސިފަކުރަނީ ހިއުމަނޮއިޑް ރޮބޮޓްގެ "އީގްލް 2.0" ވާޝަނެއްގެ ގޮތުގަ އެވެ.

އިންޑަސް އިންޓަނެޝަނަލް ސްކޫލްގެ ސީއިއޯ އަރުޖުން.

އިންޑަސް އިންޓަނެޝަނަލް ސްކޫލްގެ ސީއިއޯ އަރުޖުން.

ވިގްނޭޝް ބުނިގޮތުގައި މީގެ ތަޖުރިބާ އަށް ބަލައިފައި ރޮބޮޓް ޓީޗަރުން އިތުރުކުރުމުގެ ވިސްނުންތަކެއް ވެސް އެބަހުއްޓެވެ. އެކަމަކު ތަކުރާރުކޮށް އޭނާ ވިދާޅުވީ މިއީ ޓީޗަރުންނަށް އޮތް ބިރެއް ނޫން ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އިންޑަސް އިންޓަނެޝަނަލް ސްކޫލް ހިންގާ އިންޑަސް ޓްރަސްޓްގެ ޗީފް އެކްޒެކެޓިވް ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަރުޖުން ރޭ ވިދާޅުވީ ރޮބޮޓް ޓީޗަރުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުން ޕޮޒިޓިވް ނަތީޖާތަކެއް ފާހަގަކުރެވެމުން އަންނަ ކަމަށެވެ.

"އެހެންވެ މި މަސައްކަތުން ފެންނަ ނަތީޖާ އަކީ ބޮޑު ހިތްވަރެއް. އަހަރެމެންނަށް ރޮބޮޓް ޓީޗަރުގެ ތަޖުރިބާ އިން ދަސްވެގެން ދާނެ އަސްލު ޓީޗަރުން ދަރިވަރުންނާ އޮންނަ ގުޅުން ކޮން ގޮތަކަށްތޯ ބައްޓަންކުރަންވީ،" އޭނާ ވިދާޅުވި އެވެ.