Roadha Mihaaru
ޑައުން ސިންޑްރޯމް ކުދިންނަށް ކިޔަވައިދޭން "ރޮބޮޓެއް"

ޑައުން ސިންޑްރޯމް ކުދިންނަށް ކިޔަވައިދޭން "ރޮބޮޓެއް"

14 ޖޫން 2020

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ކިޔަވައިދޭން ބޭނުން ކުރެވިދާނެ ރޮބޮޓެއް ދުބާއީގައި އުޅޭ ސައުދީ އަރަބިއްޔާގެ އަންހެން ދަރިވަރަކު އުފައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ކިޔަވައިދޭން ބޭނުން ކުރެވިދާނެ ރޮބޮޓެއް ދުބާއީގައި އުޅޭ ސައުދީ އަރަބިއްޔާގެ އަންހެން ދަރިވަރަކު އުފައްދައިފި އެވެ.

ގަލްފްގެ މީޑިއާތަކުން ބުނި ގޮތުގައި "އީވް" ގެ ނަން ދީފައިވާ ރޮބޮޓް އުފައްދާފައި ވަނީ ދުބާއީގެ ކިންގް ޚާލިދު ޔުނިވަސިޓީގެ ކޮލެޖް އޮފް ކޮމްޕިއުޓަ ސައިންސްގައި ކިޔަވަމުން އަންނަ ނަދާ ބިންތު ސައީދު އަލް ގައްތާނީ އެވެ.

"އީވް" އާ ބެހޭ ގޮތުން ނަދާ ބުނީ އެ ރޮބޮޓް ފަރުމާކޮށްފައި ވަނީ ޑައުން ސިންޑްރޯމް ކުދިންގެ ކިބައިގައި ހުންނަ އުނގެނުމުގެ ނުކުޅެދުންތެރިކަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފާހަގަކޮށް، ފަސޭހަ އިން އުނގަންނައިދެވޭ ގޮތަށް ކަމަށެވެ. އަދި ޕްރޮގްރާމްކުރެވޭ ރޮބޮޓް ހަދާފައި ވަނީ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް އުނގަންނައިދެވޭ ގޮތަށް މައިގަނޑު ފަސް ބައެއް އެކުލެވޭ ގޮތަށެވެ. އެއީ މެތަމެޓިކަލް އޮޕަރޭޝަންސް އާއި ނަމްބަރާއި ކިޔުމާއި އަޑުއެހުމާއި އެކި ކަހަލަ އަރަތްތައް ހިމެނޭ ގޮތަށެވެ.

ނަދާ ބުނިގޮތުގައި "އީވް" އަކީ 3-15 އަހަރާ ދެމެދުގެ ކުދިންނަށް އުނގަންނައިދޭން ބޭނުންކުރެވޭނެ އެއްޗެކެވެ. އެގޮތުން މީގައި ޓީޗަރަކު ކިޔަވައިދޭ އިރު ބޭނުން ކުރާ ކަހަލަ ވިޝުއަލް ޕްރެޒެންޓޭޝަންތަކާއި އަމިއްލަ އަށް އުނގެނުމަށް އެހިވެދޭ ގްރެފިކްތަކާއި ސިމިއުލޭޝަން އަޑުތަކާއި ކުދިން އުފައްދާ ސުވާލުތަކަށް ވަގުތުން އިޖާބަދިނުން ފަދަ ކަހަލަ ކަންކަން ފަހިވެފައި ހުންނާނެ އެވެ.

"މީގެ ސިފަތަކުގެ ތެރޭގައި ކުދިން ދެނެގަނެ، އަދި ކުދިންގެ އަޑާއި ހާލަތަށް ރިއާޔަތްކޮށް ކުދިންނާ ވަރަށް ގުޅޭ ގޮތަށް އިންޓަރެކްޓްކުރާނެ،" އޭނާ ބުންޏެވެ.

"އީވް" ފަރުމާކޮށްފައި ވަނީ ކުދިންނަށް އަންނަ ކުރިއެރުންތައް އެންޑްރޮއިޑް މޮބައިލް އެޕެއް މެދުވެރިކޮށް ބެލެނިވެރިންނަށް ވަޒަންކޮށް، ފީޑްބެކްތައް ވެސް ދެވޭ ގޮތަށެެވެ.